އިނގުރު މިއީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއްތަ؟

އިނގުރު---

އިނގުރަކީ އާންމުކޮށް ކޮންމެ ގެއެއްގައި ވެސް ކެއްކުމުގައި ބޭނުން ކުރާ އެއްޗެކެވެ. ނަމަވެސް މީގެން ކުރާ ފައިދާއާއި ގެއްލުމުގެ މިންވަރަށް އެންމެ ފަހަރަކު ވެސް ބަލާލިންތޯ އެވެ.

އެފުރުސަތު މިއޮތީ އެވެ.

އިނގުރަކީ "ހާބް" ބައިގައި ހިމެނޭ އެއްޗެކެވެ. ނުވަތަ ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ބޭނުންކުރާ އެއްޗެކެވެ. ހާބަލިސްޓުން (ފަތްޕިލާވެލީގެ މާހިރުން) ބުނާގޮތުގައި އިނގުރުގެ ސަބަބުން ހަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ކުރެ އެވެ. ނަމަވެސް އޭގެ ބޭނުން އެދެވޭ މިންވަރަށް ވުރެ އިތުރަށް ބޭނުންކޮށްފި ނަމަ އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުންވާ ކަމަށް ވެސް ހާބަލިސްޓުން ބުނެ އެވެ.

ހާބަލިސްޓުން ހާމަ ކުރާ ގޮތުގައި ކެއުން ބުއިމުގައި އިނގުރުގެ ބޭނުން ގިނަ ކުރެވިއްޖެ ނަމަ، ކާތެކެތި ހަޖަމް ވުމަށް ހުރަސްތަކެއް އެޅިި، މެއިން ދިލަ ނެގުމާއި ބަނޑުގައި ގޭސް އުފެދުން ފަދަ ހާލަތްތަކާ ދިމާވެ އެވެ. އަދި ހޮޑުލަވާ ގޮތްވެސް މެދުވެރިވެ އެވެ. މިކަންކަމުގެ ސަބަބުން ސިއްހީ ގޮތުން މީހާގެ ހަށިގަނޑަށް ގެއްލުންތަކެއްވެ އެވެ.

ސިއްހީ މާހިރުން ހާމަ ކުރާގޮތުގައި ގޯލް ބްލެޑަރގައި ހިލަ އުފެދިފައި ތިބޭ މީހުންނާއި ގޮހޮރު ފާރުވެފައިވާ މީހުންގެ އިތުރުން މާބަނޑު އަންހެނުންނަށް އެންމެ ރަނގަޅު ގޮތަކީ އެއްވެސް މިންވަރަކަށް އިނގުރު ބޭނުން ނުކުރުމެވެ. އަދި ލޭ މަދު މީހުންނާއި ލޭގެ ބޯމިން އިތުރު ވުމުން އެކަމަށް ބޭސް ބޭނުން ކުރާ މީހުން ވެސް އިނގުރު ބޭނުން ކުރުމަކީ ނުރައްކާ ކަމެއް ކަމުގައި ސިއްހީ މާހިރުން ހާމަ ކުރެ އެވެ.

އިނގުރުގެ ސައިޑް އިފެކްޓްސްތައް:

ގޮހޮރު ފާރުވާ ބަލި ޖެހިފައިވާ މީހުންނާއި ބަނޑުން ދިލަ ނަގާ މީހުން ރޯ އިނގުރު ހަފާފައި ދިރުވާލުމުން ގޮހޮރު ބަންދުވާ ގޮތް މެދުވެރިވެ އެވެ. އަދި ގޯލް ސްޓޯންސް (ގޯލް ބްލެޑަރގައި ހިލަ އުފެދުން) ބަލި ޖެހިފައިވާ މީހުންނަށް ވެސް އިނގުރަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. ސަބަބަކީ މި ބަލި ޖެހިފައި ތިބޭ މީހުން އިނގުރު ބޭނުން ކުރާ ނަމަ ކުޑަ ގޮހޮރުގައި ކާތަކެތި ހަޖަމް ކުރުމަށް ޓަކައި އުފައްދާ އެސިޑް ކަމަށްވާ "ބައިލް" އުފައްދާ މިންވަރު އިތުރުވާތީ އެވެ.

މީގެ އިތުރުން ލޭގެ މައްސަލަ ހުންނަ ފަރާތްތަކާއި، އަންހެނުންގެ ތެރެއިން މައްސަރު ދުވަސްވަރުގައި ގިނަ އަދަދަކަށް ގަނޑުލޭ އަންނަ ފަރާތްތަކާއި ގިނަ ދުވަސްވަންދެން މައްސަރު ދުވަސްވަރުގެ ލޭ އަންނަ، އަންހެނުންވެސް އިނގުރު ބޭނުން ކުރުމަކީ ނުރައްކާ ކަމެކެވެ. އެއީ އިނގުރަކީ ހަށިގަނޑުގެ ލޭ ދައުރުކުރާ މިންވަރު އިތުރުކޮށްދޭ މާއްދާތަކެއް އެކުލެވިގެންވާ އެއްޗަކަށް ވާތީ އެވެ.

މާބަނޑު އަންހެނުންނާއި އޮޕަރޭޝަން ކުރަން ތައްޔާރުވެފައި ތިބޭ މީހުން ވެސް އިނގުރު ބޭނުން ނުކުރުމަށް ސިއްހީ މާހިރުން ލަފާ ދެއްވަ އެވެ. އެއީ ކެއުމުގައި މާ ގިނައިން އިނގުރު ބޭނުން ކުރެވިއްޖެ ނަމަ މާބަނޑު އަންހެނުންގެ ކުޑަކަމުދާ ނިޒާމަށް ގެއްލުންވެދާނެތީ އެވެ. އަދި ވިހެއުމާ ގާތްވާ ދުވަސްވަރުގައި އިނގުރު ބޭނުން ކުރަމަކީ ބްލީޑް ވުމަށް މަގުފަހިވާ ކަމެއް ކަމަށްވެސް ސިއްހީ މާހިރުން ބުނެއެވެ. އެ ބޭފުޅުން ލަފާ ދެއްވާ ގޮތުގައި މާބަނޑު ދުވަސްވަރު އެންމެ ފައިދާ ހުރި ގޮތަކީ ފެޓްސް ހިމެނޭ ވިޓަމިން ސަޕްލިމެންޓް ބޭނުން ކުރުމެވެ.

އޮޕަރޭޝަން ކުރަން ތައްޔާރުވާ ބަލި މީހުންނަށް އިނގުރު ނުރައްކާ ވަނީ ސާޖަރީގައި ހަށިގަނޑު ފަޅާއިރު ލޭ މަނާ ވުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެތީ އެވެ. ކުރިންވެސް ފާހަގަކޮށްފައިވާ ގޮތަށް އިނގުރަކީ ހަށިގަނޑުގައި ލޭ ހިނގާ މިންވަރު އަވަސްކޮށްދޭ އެއްޗެކެވެ. (ހެލްތީ ބިލްޑާޒް)

comment ކޮމެންޓް