ސިޔާސީ ލީޑަރުން މިނިވަންކުރުމަކީ މަޝްވަރާތަކުގެ އަމާޒެއް: އެމްޑީޕީ، އަދާލަތު

އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ/ ރާއްޖެ އެމްވީ

ސަރުކާރާއެކު ފަށާ މަޝްވަރާތަކުގައި ދެ ޕާޓީގެ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ވާހަކަދެއްކުމަކީ މަޝްވަރާގެ އަމާޒެއް ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، ސަރުކާރާއެކު އެ ޕާޓީތަކުން މަޝްވަރާ ފަށަން ނިންމީ އެއްވެސް ޝަރުތަކާ ނުލައި ކަމުން، ދެ ޕާޓީގެ ފަރާތުން ދައްކާނެ ވާހަކަތައް އިނގޭނީ މަޝްވަރާގެ ވާހަކަތައް ފެށުނީމަ ކަމަށެވެ.

ނަމަވެސް، ޓެރަރިޒަމްގެ ހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުން މަޝްވަރާތައް މެދުވެރިކޮށް މިނިވަންކުރުމަށް އަމާޒު ހިފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކުން ކަނޑައަޅާ މަންދޫބުންނަށް ރިޔާސީ އިންތިހާބުގައި ބައިވެރިވެވެން ޖެހޭނެ ކަމަށް އިޝާރާތްކުރައްވައި ޝިފާޒު ވިދާޅުވީ، ހުރިހާ ޕާޓީތަކުން ކަނޑައަޅާ ކެންޑިޑޭޓަކަށް ވެސް އިންތިހާބުގައި ބައިވެރިވެވޭނެ މަގު ފަހިކުރުމަށް މަޝްވަރާގެ މޭޒު ދޮށުގައި ވާހަކަދައްކާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރާއެކު ވާހަކަތަކަށް ދަނީ ކަންދައްކަން ނޫން ކަމަށާއި ނަތީޖާ ހާސިލްކުރަން ކަމަށެވެ. އެގޮތުން އެމްޑީޕީން ބޭނުންވާ ގޮތަކީ ވަކި މުއްދަތެއްގެ ތެރޭގައި ފަށައިގެން ކުރިއަށް ގެންގޮސް ވަކި މުއްދަތެއްގެ ތެރޭގައި ނަތީޖާއެއް ހާސިލްކުރުން ކަމަށާއި ރައްޔިތުންނަށްޓަކައި މަޝްވަރާ ކުރާނަމަ ސަރުކާރުންވެސް އެއް ރޫހެއްގައި ކުރިއަށްދާން ޖެހޭނެ ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ބައިވެރިވެ ވާހަކަފުޅުދައްކަވަމުން އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވީ، ސަރުކާރާއެކު ކުރިއަށްދާ މަޝްވަރާތަކުގެ މައުލޫމާތު ބޭރުގެ ފަރާތްތަކާ، ހާއްސަކޮށް ކޮމަންވެލްތަށް ހިއްސާކުރަމުންދާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާތައް އަލުން ފަށަން ނިންމާފައިމިވަނީ، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން މިދިޔަ ހުކުރު ދުވަހު ރާއްޖެ އެ ގްރޫޕުގެ އެޖެންޑާގައި ހިމަނައި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް އަންގާފައިވާތީ އެވެ. އަދި އެކަން ކުރަންޖެހެނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އެއްވެސް ޝަރުތަކާ ނުލައި ކަމަށް ސީމެގުން ބުނެފައިވެއެވެ.

އެގޮތުން ސަރުކާރާއެކު މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީން ވެސް ރައީސް އޮފީހަށް ސިޓީއަކުން މިހާރު ވަނީ އަންގާފައެވެ. ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން ދެ ޕާޓީން އަދި ނިންމާފައިނުވާއިރު، މަޝްވަރާގައި ބައިވެރިވާނެ ބޭފުޅުންގެ ނަންތައް ފޮނުވައި ދިނުމަށް ދެޕާޓީގެ ކިބައިން ސަރުކާރުން މިހާރު ވަނީ އެދިފައެވެ.

ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަން މީގެ ކުރިން މަސައްކަތްކުރި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެމްޑީޕީއާއި އަދާލަތު ޕާޓީން އެއްބާރުލުން ދީފައެއް ނުވެއެވެ. އެ ދެ ޕާޓީން ވެސް އެކި ފަހަރު މަތިން ސަރުކާރަށް ޝަރުތުތަކެއް ކުރިމަތިކުރުވި އިރު، ސަރުކާރުން ވަނީ ދޫ ވެސް ދީފައެވެ.

comment ކޮމެންޓް