ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާން އަދާލަތުން ވެސް ނިންމައިފި

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު: ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާން އަދާލަތުން ވެސް މިހާރު ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ

ސަރުކާރާ ސިޔާސީ ޕާޓީތަކާ ދެމެދު މަޝްވަރާތައް ފެށުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގު)ން ރާއްޖެއަށް އަންގާފައި ވާތީ، އެ މަޝްވަރާތަކުގައި އަދާލަތު ޕާޓީންވެސް ބައިވެރިވާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އދ. އާއި ސީމެގު އަދި އެހެނިހެން ސްޓޭކްހޯލްޑަރުންގެ އެއްބާރުލުމާއި އެކު ސަރުކާރުން ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާން އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާގައި އެޕާޓީގެ ފަރާތުން ބައިވެރިވާނެ ބޭފުޅެއްގެ ނަމެއް ހާމައެއް ނުކުރެ އެވެ.

އަދާލަތު ޕާޓީން ސިޔާސީ މަޝްވަރާގައި ބައިވެރިވާން ނިންމާފައިވާއިރު އިދިކޮޅު އެމްޑީޕީން ވެސް ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެއްވެސް ޝަރުތަކާ ނުލައި އެޕާޓީން ބައިވެރިވާނެ ކަމަށް ބުނެފައެވެ. އަދި މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވާނީ ލީޑާޝިޕުން ކަނޑައަޅާ ފަރާތެއް ކަމަށް ވެސް އެޕާޓީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމާފަވެ.

ސަރުކާރުން ބުނީ މަޝްވަރާތަކުގައި އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވާނެ ފަރާތްތަކުގެ ނަންތައް ރައީސް އޮފީހަށް ފޮނުވުމަށް އަންގައިފައިވާނެ ކަމަށެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީ އިން މިހާތަނަށް ވަނީ، ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަން މަސައްކަތްކުރި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެއްބާރުލުން ނުދީ އެވެ. އެ ދެ ޕާޓީން ވެސް އެކި ފަހަރު މަތިން ސަރުކާރަށް ޝަރުތުތަކެއް ކުރިމަތިކުރުވި އިރު، ސަރުކާރުން ވަނީ ދޫ ވެސް ދީފައެވެ. އެހެން ނަމަވެސް އެ ދެ ޕާޓީން އެއްބާރުލުން ލިބޭ ގޮތް ވަނީ ނުވެފައެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ބައްދަލުވުމުގައި، އެ ގްރޫޕުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އެއްވެސް ޝަރުތުތަކެއް ކުރިމަތި ނުކޮށް މަޝްވަރާތައް ފެށުމަށް އަންގައިފައެވެ.

ސީމެގުން އެހެން އެންގުމާ ގުޅިގެން އިދިކޮޅު އެމްޑީޕީއިން ބުނެފައިވަނީ، ސީމެގުން ރާއްޖެއާ މެދު ފިޔަވަޅު އަޅައި، ރާއްޖެއަށް އެކަމުގެ ގެއްލުންތައް ކުރިމަތިވުމުގެ ކުރިން މަޝްވަރާތައް އަލުން ފެށުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ "ސަން" އަށް ވިދާޅުވީ، ސީމެގުގެ ނިންމުން ރަނގަޅު ކަމަށާއި މި ހަފްތާ ތެރޭގައި މަޝްވަރާތަކުގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.

"ސަރުކާރުން އެކި ފަހަރު މަތިން މަސައްކަތް ކޮށްފައި ވާނީ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް. އިދިކޮޅު ދެ ޕާޓީއަކުން، އެއީ އެމްޑީޕީއާ އަދާލަތުން ވަނީ ދެކޮޅު ހަދާފައި މަޝްވަރާގައި ބައިވެރިވާން،" ޑރ. ޝައިނީ ވިދާޅުވިއެވެ.

comment ކޮމެންޓް