ނޫސްވެރިންގެ ހައްގުތަކާ ގުޅޭ ވޯކްޝޮޕެއް އައިއެފްޖޭއާ ގުޅިގެން ފަށައިފި

ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރާ ގުޅޭ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

ނޫސްވެރިންގެ ހައްގުތަކާއި އެ ހައްގުތައް ހިމާޔަތް ކުރުމާ ގުޅޭ ގޮތުން މީޑިއާ ޑިވެލޮޕްމެންޓް ފައުންޑޭޝަން - މޯލްޑިވްސް އާއި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާ ގުޅިގެން ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާ ވޯކްޝޮޕް މިއަދު ހެނދުނު ފަށާފައިވާ އިރު މި ވޯކްޝޮޕްގައި ކިޔަވައި ދެއްވަނީ އައިއެފްޖޭގެ ސައުތު އޭޝިއާ ރީޖަންގެ ކޯޑިނޭޓަރު އުއްޖްވަލް އާޗަރްޔާ އެވެ.

އައިއެފްޖޭގެ ސައުތު އޭޝިއާ ރީޖަންގެ ކޯޑިނޭޓަރު އުއްޖްވަލް އާޗަރްޔާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ވޯކްޝޮޕްގައި ރާއްޖޭގެ ގިނަ މީޑިއާތަކުން ނޫސްވެރިން ބައިވެރިވެ އެވެ.

ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމާ ގުޅޭ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި އަހުމަދު ޒާހިރު (ހިރިގާ) ވާހަކަ ދައްކަވަނީ -- ސަންފޮޓޯ: ފަޔާޒް މޫސާ

ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މީޑިއާ ޑިވެލޮޕްމެންޓް ފައުންޑޭޝަންގެ ޗެއާމަން އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖޭގެ މީޑިއާއަށް ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ދުވަސްވަރެއް ކަމަށާއި މި ވޯކްޝޮޕްގެ ސަބަބުން ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރާނެ ނޫސްވެރިންތަކެއް ބިނާކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޒާހިރު ވިދާޅުވީ ނޫސްވެރިންް މިއަދު ރާއްޖޭގެ ސިޔާސީ ނުފޫޒުން އެއްކިބާވެ ހުރެ މަސައްކަތް ކުރުމަކީ ދަތި ކަމެއް ކަމަށެވެ. ނަމަވެސް ނޫސްވެރިން މަސައްކަތް ކުރަން ޖެހޭނީ ނުފޫޒުން އެއްކިބާވެގެން ކަމަށް ހިރިގާ ވިދާޅުވި އެވެ.

comment ކޮމެންޓް