ބީބީސީއާ ދެކޮޅަށް ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިފި

އިނގިރޭސިވިލާތުގެ ދައުލަތުގެ މީޑިއާ، ބީބީސީއާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް އެމެރިކާގެ ފެޑެރަލް ފަނޑިޔާރަކު އިއްޔެ ކަނޑައަޅުއްވައިފިއެވެ.

ޗެނަލް ނިއުސް އޭޝިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފްލޮރިޑާގެ ޑިސްޓްރިކްޓް ފަނޑިޔާރު ޖެފްރީ ކުންޓްޒް ނިންމެވީ އަބުރުގެ ދައުވާ ބޭރުކޮށްލުމަށް ބީބީސީން އެދުނު އެދުން ގަބޫލު ނުކުރައްވައި، އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ވިޔަފާރީގެ ބޭއިންސާފު އުސޫލުތައް ގެންގުޅުނު ކަމަށް ބުނެ ޓްރަމްޕް ހުށަހެޅުއްވި ދައުވާގެ ބައި ފަނޑިޔާރު ވަނީ ބޭރުކޮށްލައްވާފައެވެ.

ފަނޑިޔާރު ކުންޓްޒް ވިދާޅުވި ގޮތުގައި، ބީބީސީން ގެނެސްދިން ވީޑިއޯ ކްލިޕަކީ އޮޅުންއަރާ ގޮތަށް އެޑިޓްކޮށްފައިވާ އެއްޗެއްކަން އެ ކުންފުންޏަށް އެނގެންޖެހޭނެ ކަމަށާއި، އޭގެ ސަބަބުން ޓްރަމްޕްގެ އަބުރުފުޅަށް ގެއްލުންވި ކަމަށް އެކަށީގެންވާ މިންވަރަށް ދައުވާގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ކޯޓުގެ މި ނިންމުމަކީ ޓްރަމްޕްގެ އެ ތުހުމަތުތައް ސާބިތުވެއްޖެ ކަމަށް ކަނޑައެޅި ނިންމުމެއް ނޫނެވެ.

މި ނިންމެވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެމެރިކާގެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރާ ހުރިހާ ފަރާތްތަކާ ދެކޮޅަށް ކުރައްވާ މަސައްކަތް ކުރިއަށް ގެންދަވައި އެ ފަރާތްތައް ބަލިކުރައްވާނެ ކަމަށެވެ.

އަނެއްކޮޅުން ބީބީސީގެ ތަރުޖަމާނަކު ވިދާޅުވީ، ކޯޓުގެ ނިންމުމާ މެދު ހައިރާންވެވަޑައިގަތް ނަމަވެސް ކޯޓުގެ ބާރުތަކަށް އިހުތިރާމުކުރައްވާ ކަމަށާއި، އެ ކުންފުނީގެ ދިފާއުގައި ދައްކާ ވާހަކަތަކާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

މިދިޔަ ޑިސެންބަރު މަހު ޓްރަމްޕް ހުށަހެޅުއްވި މި ދައުވާ ބިނާކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުޑަ ދުވަސްކޮޅެއް ކުރިން ބީބީސީގެ ޕެނޮރާމާ ޕްރޮގްރާމުން ދެއްކި ޑޮކިއުމެންޓަރީއަކަށެވެ. އެ ޑޮކިއުމެންޓަރީގައި، ޖެނުއަރީ 6، 2021 ގައި ޓްރަމްޕް ދެއްވި ތަގުރީރެއްގެ ދެ ބައެއް ވަނީ އެއްކޮށްލާފައެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި، ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރުމަށް ޓްރަމްޕް ގޮވާލެއްވި ބައި އުނިކޮށް، ޔޫއެސް ކެޕިޓަލްއަށް ހިނގާފައި ދިއުމަށް ވިދާޅުވި ބަޔާއި ވަރުގަދައަށް ހަނގުރާމަކުރުމަށް ވިދާޅުވި ބައި ގުޅުވާލުމުން، ކެޕިޓަލްއަށް ވަދެގަތުމަށް ސަޕޯޓަރުންނަށް އެންގެވި ކަމަށް ދޭހަވެއެވެ. މި އެޑިޓްތަކަކީ އޮޅުންއަރާ ގޮތަށް ހަދާފައިވާ އެއްޗެއް ކަމަށް އެއްބަސްވެ ބީބީސީން މީގެ ކުރިން މައާފަށް އެދިފައިވީ ނަމަވެސް، އަބުރުގެ ގެއްލުމަށް ޒިންމާވާން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މައްސަލައާ ގުޅޭ އެތެރޭގެ މެމޯއެއް ލީކުވުމާ ގުޅިގެން، ނޮވެންބަރު 9، 2025 ގައި ބީބީސީގެ ޑިރެކްޓާ ޖެނެރަލް ޓިމް ޑޭވީ އާއި ނިއުސް ސީއީއޯ ޑެބޯރާ ޓާނެސް އިސްތިއުފާދެއްވިއިރު، ނޮވެންބަރު 10، 2025 ގައި އެ ކުންފުނީގެ ޗެއާމަން ސަމީރު ޝާހް ވެސް ވަނީ އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް