ފީފާ 2017 ގޭމް މިރޭ ރާއްޖޭގެ ބާޒާރަށް

ފީފާ 2017 ގެ ކަވާ ---

މަޝްހޫރު ވީޑިއޯ ގޭމް ފީފާ 2017 މިރޭ ރާއްޖޭގެ ބާޒާރަށް ނެރެން އީ ލައިފް އިން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިލެކްޓްރޯނިކް ސާމަނު ވިއްކާ އީ ލައިފް އިން ބުނީ މިރޭ 9:00 ޖަހާ އިރު ޝީ ބިލްޑިންގެ ގްރައުންޑް ފްލޯގައި ހުންނަ އެ ފިހާރާގައި އޮންނަ ހާއްސަ ހަފްލާއެއްގައި ބާޒާރަށް ގޭމް ނެރެ ދޭނީ މާޒިޔާއާ ގައުމީ ޓީމްގެ އެއް ނަމްބަރު ގޯލު ކީޕަރު އިމްރާން މުހައްމަދު ކަމަށެވެ.

"މިރޭ އިން ފެށިގެން އީ ލައިފް ފިހާރައިން ފީފާ 2017 ލިބޭނެ. މިރޭ ފިހާރާގައި އޮންނަ ހަފްލާގައި އިމްރާންއާ އެކު ސެލްފީ ނެގުމުގެ ފުރުސަތު ވެސް ލިބިގެންދާނެ. އަދި މިރޭ ގޭމް ގަންނަ ފަރާތްތަކަށް އިމްރާންގެ ސޮއިއާ އެކު ސިޑީ ލިބޭނެ،" އީ ލައިފްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފީފާ 2017 ގޭމަކީ ފީފާ ގޭމް ސީރީސްގެ ތެރެއިން ފޮރެސްޓްބައިޓް ގޭމް އިންޖީނު ހިމަނައިގެން ކެނެޑާގެ އީއޭ ސްޕޯޓްސްއިން ނެރޭ ފުރަތަމަ ގޭމް އެވެ. ކުރީގެ ފީފާ ގޭމްތަކާ ހިލާފަށް ފީފާ 2017ގައި ވަނީ މުޅިން އަލަށް ހަތް ފީޗާސް އެއް ހިމަނައިފަ އެވެ.

ސީޑީގެ ބޭރުގައި ޖަރުމަންގެ މާކޯ ރޮއިސްގެ ފޮޓޯއާ އެކު ތައްޔާރު ކޮށްފައިވާ ފީފާ 2017 ގޭމް ރަސްމީކޮށް ދުނިޔޭގެ ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވަނީ މާދަމާ ސްވިޒަލެންޑްގެ ޒިއުރުކްގައި ހުންނާ ފީފާގެ މައި އިދާރާގައެވެ.

comment ކޮމެންޓް