ގާޒީ ޗުއްޓީއަށް ވަޑައިގަތުމުން ގާސިމަށް ހުކުމް ކުރުން ފަސްކޮށްފި

ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗްގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމް ބަންދާމެދު ގޮތެއް ނިންމުމަށްފަހު ދޫނިދޫއަށް ގެންދިޔުމަށް ފެރީއަށް އަރުވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރެއްގެ މައުލޫމާތު ލީކް ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ބުރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމްގެ މައްޗަށް ހުކުމް ކުރުމް މިއަދަށް ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.

ގާސިމްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެނގި ހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި އެނގި ހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުމުގެ ދައުވާއެވެ.

ގާސިމްގެ ވަކީލު އަހުމަދު ނާޒިމް ވިދާޅުވީ މިއަދު 11:30 އަށް އެމައްސަލައިގެ ހުކުމް ކުރުން ތާވަލުކުރުމަށްފަހު ނޮވެމްބަރު މަހަށް ފަސްކޮށްފައިވާ ކަން އަންގާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވީ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުރުމުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ގާސިމަށް ހުކުމް ކުރުން އޮންނާނީ ނޮވެމްބަރު މަހުގެ ކޮން ދުވަހެއްގައި ކަން ސާފެއް ނުވެ އެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެންތައް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެނެވެ. ކްރިމިނަލް ކޯޓުން ބުނީ ޝަރީއަތް ސިއްރު ކުރީ ޕީޖީ އޮފީހުން އެދިގެން ކަމަށެވެ. އެހެންކަމުން ޝަރީއަތް ހިނގި ގޮތުގެ ތަފްސީލެއް އަދި ނޭނގެއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ވަނީ ގާސިމްގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ މެނޭޖިންގް ޑިރެކްޓަރު ކޯބަސް ޑެ ސްވާޓް ވިދާޅުވީ ގާސިމް ކުރި ކަމަކީ ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއް ފަޅާ އަރުވާލުން ކަމަށާއި، އެއީ އަދަބު ދިނުމުގެ ބަދަލުގައި ހިތްވަރު ދޭންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ފައިދާ ކުރަންޖެހޭ ފައިސާއެއް، ކޮރަޕްޓް ބައެއްގެ އަރާމު ދިރިއުޅުމަށް ފަންޑު ކުރުމަށް ފޮނުވޭ ނަމަ، ރައްޔިތުންނަށް އެކަން އެނގުމުގެ ހައްގު އޮންނާނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް