ދުނިޔޭގެ އެންމެ ބޮޑު ޓެލެސްކޯޕު ޗައިނާ އިން އުފައްދައިފި

ޗައިނާ އިން އުފައްދާފައިވާ ދުނިޔޭގެ އެންމެ ބޮޑު ޓެލެސްކޯޕް؛ ފޮޓޯ:- އީޕީއޭ

މިހާތަނަށް ދުނިޔޭގައި އުފައްދާފައިވާ ނުވާ ވަރުގެ ބޮޑު ޓެލެސްކޯޕެއް ޗައިނާ އިން އުފައްދައި އޭގެ ބޭނުން ކުރަން ފަށައިފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ޓެލެސްކޯޕު އުފައްދާފައި ވަނީ 14 އަހަރު ދުވަހުގެ ފީޒިބިލިޓީ ސްޓަޑީއެއް ކުރުމަށް ފަހު އެވެ. ފުޅާ މިނުގައި 305 މީޓަރު ހުންނަ މި ޓެލެސްކޯޕު ބިނާ ކުރުމަށް ފަސް އަހަރު ނަގާފައިވާ އިރު މުޅި ޓެލެސްކޯޕް ބިނާ ކުރުމަށް 180 މިލިއަން ޑޮލަރު ޚަރަދު ވެފައިވެ އެވެ. މިޓެލެސްކޯޕަށް ދީފައިވާ ނަމަކީ "ފައިވް ހަންޑްރެޑް މީޓާ އެޕަރޗާ ސްފެރިކަލް ޓެލެސްކޯޕް" ނުވަތަ "ފާސްޓް" އެވެ.

ޗައިނީސް އެކަޑަމީ އޮފް ސައިންސެސްގެ ނޭޝަނަލް އެސްޓްރޯނިމިކަލް އޮބްޒަވޭޝަންސް (ނާއޯ)ގެ ރިސާޗަރުން ހާމަ ކުރާ ގޮތުގައި މި ޓެލެސްކޯޕުގެ ހިއްސުތައް ވަރަށް ވަރުގަދަ އެވެ. އެގޮތުން ޖައްވުގެ ސިގްނަލްތައް ވަރަށް ފަސޭހައިން ޓެލެސްކޯޕަށް ޑިޓެކްޓް ވެފައިވާ ކަމަށް އެބޭފުޅުން ހާމަކުރެ އެވެ.

"އެ އިކުއިޕްމެންޓަކީ މިހާރު ދުނިޔޭގައި ބޭނުން ކުރާ އެފަދަ އެހެން އިކުއިޕްމަންޓްސްތަކަށް ވުރެ ފަހެއް ނުވަތަ ދިހަ ގުނަ ހަލުވި، އަދި އެހާމެ ދުރު ބަލާލެވޭނެ ކުޅަދާނަކަން ލިބިގެންވާ އެއްޗެއް. މި ބޭނުން ކޮށްގެން ދުނިޔޭން ބޭރުގައި އޭލިއަނުން އުޅޭކަމުގެ ހެކިތައް ހޯދުމަށް ވަރަށް ފަސޭހަ ވެގެންދާނެ. މި ޓެލެސްކޯޕުން އަނދިރި ދުނިޔެތަކާއި އެހެން ގެލެކްސީތަކުގެ ސިގްނަލްތައްވެސް ހޯދޭނެ،" މިދިޔަ ޖުލައި މަހު ބިނާކޮށް ނިމުނު މި ޓެލެސްކޯޕާ ގުޅޭގޮތުން ނާއޯގެ ރިސާޗަރެއް ކަމަށްވާ ޕެންގް ބޯ ވިދާޅުވެފައިވެ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް