ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސް ފަސޭހައިން ހޯދޭނެ ގޮތްތައް ހެދުމުގެ މަގުސަދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފްކޮށްފައިވާ ސްމޯލް އެންޑް މީޑިއަމް އެންޓާޕްރައިސެސް (އެސްއެމްއީ) ކްރެޑިޓް ގެރެންޓީ ސްކީމުގައި ރާއްޖޭގައި ހިންގާ ބޭންކް ތަކުގެ ތެރެއިން އެއް ބެންކު ފިޔަވައި ހުރިހާ ބޭންކަކުން ބައިވެރިވެއްޖެ އެވެ.
އެމްއެމްއޭއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އެ ސްކީމުގައި ތިން ބެންކަކުން ބައިވެރިވެފައިވާ ކަމަށެވެ. އެއީ ބޭންކް އޮފް ސިލޯނާއި ހަބީބް ބޭންކް ލިމިޓެޑްގެ އިތުރުން މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) އެވެ.
އެ ސްކީމުގައި ބައިވެރިވެފައިވާ އަނެއް ތިން ބޭންކަކީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ އެވެ.
އެސްއެމްއީ ސްކީމްގައި ބައިވެރިވެފައިވާ ބޭންކް ތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ ތެރެއިން ސްކީމުގެ ދަށުން ގެރެންޓީއަށް އެދި ހުށަހަޅާ، ޝަރުތު ފުރިހަމަވާ ވިޔަފާރިތަކަށް ދޫކުރެވޭ ލޯނުތަކަށް އެ ސްކީމުގެ ދަށުން ގެރެންޓީ ދޭނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
އެ ސްކީމުގެ ދަށުން އެއްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ ލޯނުތަކަށް ގެރެންޓީ ދިނުމަށް ހަމަޖެހިފައިވާއިރު ގެރެންޓީ ދިނުމަށް ހަމަޖެހިފައިވަނީ 90 ޕަސެންޓާ ހަމައަށެވެ.
އެ ސްކީމްގެ ދަށުން ގެރެންޓީ ދިނުމަށް ހަމަޖެހިފައިވާ ޝަރުތުތަކުގެ ތެރޭގައި ލޯނު ނަގާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގައި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ކަމުގައި ވާންޖެހެ އެވެ.
އަދި ލޯނު ނަގާ ފަރާތަކީ ވަކި ފަރުދެއް ނަމަ އެމީހަކީ ދިވެއްސަކަށް ވާންޖެހެ އެވެ. އަދި ލޯނު ނަގާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕް ވިޔަފާރިއެއް ނަމަ އެ ތަނެއްގެ ވެރިފަރާތަކީ ދިވެއްސެއް ކަމުގައި ވާން ޖެހެ އެވެ. އޭގެ އިތުރުން ލޯނު ނަގާފަރާތަކީ އެއްވެސް ބޭންކަކުން ދަރަންޏެއް ނަގާފައިވާ ފަރާތަކަށް ވާނަމަ އެ ދަރަންޏެއް ދައްކާ ހަލާސްކޮށްފައިވާން ޖެހެ އެވެ. އަދި ލޯނު ނަގާ ފަރާތުން ހިންގާ ވިޔަފާރި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވުމަކީ އެ ސްކީމުގައި ބައިވެރިވުމުގެ ޝަރުތެކެވެ.
އެމްއެމްއޭއިން ބުނީ އެ ސްކީމްގައި ގިނަ ބޭންކުތަކުން ބައިވެރިވުމުން އެ ސްކީމްގެ މަގްސަދު ކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސް ފަސޭހައިން ހޯދައިދިނުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި އެ ސްކީމަށް ޝައުގުވެރިވާ ފަރާތްތަކުން ސްކީމުގައި ބައިވެރިވެފައިވާ ބޭންކުތައް މެދުވެރިކޮށް ލޯނަށް ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
އެމްއެމްއޭއިން އެސްއެމްއީ ކްރެޑިޓް ގެރެންޓީ ސްކީމް ތައާރަފް ކޮށްފައިވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެވެ.