ކްރެޑިޓު ރޭޓިންގް ރަނގަޅު، އިންވެސްޓަރުން ލިބުމުގެ އުއްމީދު ބޮޑު: އެންޑްރޫ

ގެސްޓްހައުސް މޯލްޑިވްސް ކޮންފަރަންސްގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވާހަކަދައްކަވަނީ -- ފޮޓޯ/ ބީއެމްއެލް

ރާއްޖޭގެ ކްރެޑިޓު ރޭޓިންގް ހުރީ ފަށައިގަތުމަށް ރަނގަޅު ހިސާބެއްގައި ކަމަށާއި އެ ރޭޓިންގްގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖެއާ މެދު އިތުބާރު އިތުރުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސްޕޮންސާޝިޕާ އެކު މިއަދު ދަރުބާރުގޭގައި ކުރިޔަށްދާ ބީއެމްއެލް ގެސްޓްހައުސް މޯލްޑިވްސް ކޮންފަރަންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައި ރާޢްޖެއަށް އިތުރު އިންވެސްޓްމެންޓް ގެނައުމަކީ ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ ސޮވެރިން ކްރެޑިޓު ރޭޓިންގް ވަނީ ޝާއިއު ކޮށްފަ އެވެ. ކްރެޑިޓު ރޭޓިންގްއަކީ ގައުމެއްގެ އިގްތިސާދީ ހާލަތު ބަޔާން ކޮށްދޭ ރޭޓިންގް އެކެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ޝާއިއުކުރުން އެވަނީ މުސްތަގިއްލު ފަރާތަކުން ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ބަޔާން ކޮށްދީފައި ކަމަށާއި އެ ރޭޓިންގް ބޭނުންކޮށްގެން ރާއްޖެއާއި އެހެން ގައުމުތަކުގެ އިގްތިސާދީ އަދި މާލީ ހާލަތު އަޅާކިޔޭނެ ކަމަށެވެ.

އެންޑްރޫ ވިދާޅުވީ ރާއްޖެއަށް ދީފައިވާ ބީ2 ރޭޓިންގްއަކީ ފަށައިގަތުމަކަށް ބަލާ އިރު ރަނގަޅު ރޭޓިންގްއެއް ކަމަށާޢި އެއީ ރާއްޖެ ފަދަ އެހެން ޖަޒީރާ ގައުމުތަކާ ވެސް އެއްހަމައެއްގެ ރޭޓިންގްއެއް ކަމަށެވެ.

"މި ރޭޓިންގ ދެމެހެއްޓުމަށާއި އަދި ހަމައެހެންމެ މި ރޭޓިން ކުރިއެރުވުމަށް އަޅުގަޑުމެން މަސައްކަތްކުރަންޖެހޭ. އަޅުގަނޑުމެން އެންމެނަށްވެސް މިކަމުގައި ދައުރެއް އަދާކުރެވިދާނެ،" އެންޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޭޓިންގްގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖެއާ ބެހޭ ސައްހަ މައުލޫމާތު ލިބި، ރާއްޖޭގައި އިންވެސްޓު ކުރުމުގެ އިތުބާރު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ގެސްޓްހައުސް ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ ބީ2 ރޭޓިންއަކީ އެންމެ ރަނގަޅު ރޭޓިންއަށް ނުވި ނަމަވެސް އެއީ އެންމެ ގޯސް ރޭޓިންއެއް ވެސް ނޫން ކަމަށެވެ.

މިނިސްޓަރު މުނައްވަރު ވިދާޅުވީ އެ ރޭޓިން ޝާޢިއު ކުރުމުން ފުރުސަތުތައް ލިބިގެން ދާނީ ސަރުކާރަށް ނޫން ކަމަށާއި، އެކަމުގެ ފައިދާ ކުރާނީ އަމިއްލަ ވިޔަފާރިތަކަށް ކަމަށޭވެ.

"މީގެން ދޮރުތަކެއް ހުޅުވައިދެނީ ޕްރައިވެޓް ސެކްޓަރަށް. ސަރުކާރަކަށް ނޫން ފައިނޭންސް ނުލިބިގެން އުޅެނީ، ޕްރައިވެޓް ސެކްޓަރަށް އުނދަގޫތައް ކުރިމަތިވަނީ. ކޮންމެ ފަހަރަކު ރާއްޖޭގެ އަމިއްލަ ބަޔަކު ބޭރުގެ ބޭންކަކަށް ދާ އިރު އެމީހުން ބުނޭ ތިމަންނަ މެންނަކަށް ރާއްޖެއެއް ނޭނގެއޭ، ރާއްޖެ ރޭޓު ކޮށްފައެއް ނެތޭ އެހެންވެ ނޭނގެއޭ ތިތަނުގެ ހާލަތެއް،"

"މޫޑީސްއިން ރާޢްޖެއަށް މި އޮތީ ރޭޓިންއެއް ދީފައި. މިއީ އެންމެ ރަނގަޅު ރޭޓިންއެއް ނޫން، އެކަމަކު ރާއްޖެއަށް ކުރިއެރޭނެ. މިއީ އެންމެ ގޯސް ރޭޓިންއެއް ވެސް ނޫން. އެހެން ކުޑަ ގައުމުތަކާއި، އަވަށްޓެރި ސްރީލަންކާއަށް ބަލާ އިރު ވެސް ރާއްޖެއާ އެ ގައުމުތަކާ މި އޮތީ އެއް ވަރެއްގައި،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް