އެމްއެންޔޫގެ ސްޓޯލްތަކަށް ޒިޔާރަތްކުރާ ކޮންމެ 100 ވަނަ މީހަކަށް ޚާއްސަ ހަދިޔާއެއް ދެނީ

ގައުމީ ޔުނިވާސިޓީން މީގެ ކުރިން ބޭއްވި ފޮތް މައުރަޒެއް: -- ފޮޓޯ/ އެމްއެންޔޫ

ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ (ދާލަން އެކްސްޕޯ)ގައި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ، އެމްއެންޔޫގެ ސްޓޯލްތަކަށް ޒިޔާރަތްކުރާ ކޮންމެ 100 ވަނަ މީހަކަށް ޚާއްސަ ހަދިޔާއެއް ދޭން ނިންމައިފިއެވެ.

ދާލަން އެކްސްޕޯއަކީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހުޅުވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގައި ގައުމީ ޔުނިވަސިޓީގެ އެކިއެކި ފެކަލްޓީތަކުގެ ސްޓޯލްތަކުން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މި ސްޓޯލްތަކުން ތަފާތު ކުޅިވަރުތަކާއި ކެރިއާ ގައިޑެންސް ފޯރުކޮށްދޭނެއެވެ.

މި އެކްސްޕޯ ކުރިއަށް ގެންދަނީ މިއަދާއި މާދަމާގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

އެމްއެންޔޫއިން ބުނިގޮތުގައި، ދާލަން އެކްސްޕޯގައި އެ ޔުނިވަސިޓީގެ ހުރިހާ ފެކަލްޓީތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށާއި ދަރިވަރުންނަށް ޔުނިވަރިސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުން ވެސް ކުރިއަށް ގެންދާނެއެވެ.

މި އިވެންޓުގައި އެމްއެންޔޫގެ ސްޓޯލްތަކުން މައުލޫމާތު ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި:

  • ބަހާއި އިންސާނީ އިލްމުތަކުގެ ދާއިރާ
  • ތައުލީމީ ދާއިރާ
  • އިންޖިނީއަރިން ދާއިރާ
  • ޞިއްޙީ ދާއިރާ
  • ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާ
  • ދީނީ އިލްމުގެ ދާއިރާ
  • ސައިންސްގެ ދާއިރާ
  • ޝަރީއަތާއި ގާނޫނުގެ ދާއިރާ
  • ވިޔަފާރީގެ ދާއިރާ
  • ނިޔެމިކަމުގެ ދާއިރާ
  • ދަނޑުވެރިކަމުގެ ދާއިރާ
  • ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ

އެމްއެންޔޫއިން ބުނީ އެ ޔުނިވަސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރާއިން އެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތުތަކާއި، މަތީ ތައުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މައުލޫމާތު އިވެންޓުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރައްވާނެ ކަމަށެވެ.

އެކި ފެކަލްޓީ ތަކުގެ ސްޓޯލްތަކުން ރާވައިގެން ކުރިއައް ގެންދާ ހަރަކާތްތަކާއި، ކުޅިވަރުތަކުގައި ބައިވެރިވެގެން އިނާމް ހޯދުމުގެ ފުރަސަތު ވެސް ލިބިގެންދާނެއެވެ. އަދި އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ދަރިވަރުންނާއި މުވައްޒަފުންގެ ހުނަރު ދައްކާލައި، ތާޒާ ބުއިންތަކާއި މީރު ތަފާތު ކެއުންތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

ހަމައެއާއެކު ސްޓޯލްތަކަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ 100 ވަނަ ފަރާތަކަށް ވަރަށް ޚާއްސަ އިނާމެއް ދޭން ވަނީ ނިންމާފައެވެ.

comment ކޮމެންޓް