އިދިކޮޅު ފަރާތްތަކުން އެއްވެސް ޝަރުތަކާ ނުލާ މަޝްވަރާގައި ބައިވެރިވާން ސީމެގުން ގޮވާލައިފި

އިދިކޮޅު ފަރާތްތަކާ އެކު ސަރުކާރުން މީގެކުރިން ބޭއްވި މަޝަވަރާ ބައްދަލުވުމެއްގެ ތެރެއިން: ސަން ފައިލް ފޮޓޯ

ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން އެއްވެސް ޝަރުތަކާ ނުލައި، ސަރުކާރުން ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގު)އިން ގޮވާލައިފި އެވެ.

ނިއު ޔޯކްގައި އިއްޔެ ބޭއްވި ސީމެގުގެ 49 ވަނަ ބައްދަލުވުމުގައި ރާއްޖެއާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން، ރާއްޖެ ވަނީ ސީމެގްގެ ރަސްމީ އެޖެންޑާގައި ހިމަނައިފަ އެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ މަޝްވަރާތައް ހުއްޓިފައިވާ އިރު، ސީމެގުން ވަނީ އެ މަޝްވަރާތައް ފެށުމަށް ގޮވާލައިފަ އެވެ.

ސަރުކާރުން އިސްނަގައިގެން މަޝްވަރާތައް ފަށަން ގަސްދު ކުރި އިރު، މަޝްވަރާތައް ކުރިޔަށް ގޮސްފައި ނުވަނީ އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުން ލިބެމުން ނުދާތީ ކަމަށް ސަރުކާރުން ބުނެ އެވެ.

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީއިން ކުރިން ބުނި ގޮތުގައި، އެޕާޓީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބައިވެރިނުވެވޭ ގޮތަށް އެމްޑީޕީ އިން މަޝްވަރާއެއްގައި ބައިވެރިއެއް ނުވާނެ އެވެ. އަދި އަދާލަތު ޕާޓީ އިން ބުނަމުން ދިޔައީ އެޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަށް ބައިވެރި ނުވެވޭ މަޝްވަރާއެއްގައި އެ ޕާޓީން ބައިވެރި ނުވާނެ ކަމަށެވެ.

މަޝްވަރާތައް ފެށި އިރު ރައީސް މުހައްމަދު ނަޝީދު ހުންނެވީ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރައްވަން ޖަލުގަ އެވެ. އަދި ޝައިޚް އިމްރާން ވެސް ހުންނެވީ ޖަލުގަ އެވެ.

އިދިކޮޅު ފަރާތްތަކުން މަޝްވަރާއަށް އައުމަށް މި ޝަރުތު ކުރަމުން ދިއުމުން ސަރުކާރުން ފުރަތަމަ ބުނީ ގައިދީންތަކަކާ ސަރުކާރުން ކުރަން ޖެހޭ މަޝްވަރާއެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ބޭރުގެ ފަރާތްތަކުން ކުރިމަތި ކުރަމުން ދިޔަ ޕްރެޝަރުތަކާ ގުޅިގެން ސަރުކާރުން އެންމެ ފަހުން ނިންމީ ރައީސް ނަޝީދާއި ޝައިޚް އިމްރާނަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދިނުމަށެވެ.

ޖަލު ހުކުމް އިއްވާފައިވާ ދެ ބޭފުޅުންނަށް ބައިވެރިވެވޭނެ ކަމަށް ބުނެ ސަރުކާރުން އެ ފުރުސަތު ވެސް ފަހިކޮށްދިނުމުން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ މަޝްވަރާގެ މޭޒަށް އައުމަށް ދެކޮޅު ހަދާފަ އެވެ. އިދިކޮޅު ފަރާތްތަކުން ދެން ކުރިމަތިކުރަމުން ދިޔަ ޝަރުތަކީ، ޖަލުގައި ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން ދޫކޮށްލުމެވެ.

އެއްވެސް ޝަރުތަކާ ނުލާ އިދިކޮޅު ފަރާތްތަކުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ސީމެގުން ގޮވާލާފައިވާ އިރު، އިދިކޮޅު ޕާޓީ އެމްޑީޕީއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސީމެގުގެ އެޖެންޑާގައި ރާއްޖެ ހިމަނައި، ސީމެގުން ހުށަހަޅާ ކަންކަން ފުރިހަމަ ނުކުރާ ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާތީ ސަރުކާރުން އިދިކޮޅު ފަރާތްތަކާ ކުރާ މަޝްވަރާތައް އަލުން ފެށުމަށް ގޮވާލާ ކަމަށެވެ.

"އަދި މިހިނދު ސަރުކާރުން އިދިކޮޅު ފަރާތްތަކާ ވާހަކަދެއްކުން ވަގުތުން ފެށުމަށް ސަރުކާރަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެމްޑީޕީއިން ބުނެފައި ވަނީ، އެޕާޓީ އިން އެގޮތަށް ގޮވާލަނީ ސީމެގުން ރާއްޖެއާ މެދު "ފިޔަވަޅުއެޅުމުން ސަލާމަތްވުމަށް ޓަކައި" ކަމަށެވެ.

އޯލް ޕާޓީ ޓޯކްސް ކުރިޔަށް ގެންދިއުމަށް އދ. އިން ވަނީ އެ ޖަމިއްޔާގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމެންޓުގެ ސީނިއާ އެޑްވައިޒާ ޓަމްރަޓް ސެމިއުލް ރާއްޖެއަށް އެކި ފަހަރު މަތިން ފޮނުއްވައިފަ އެވެ. ނަމަވެސް ސިޔާސީ ޕާޓީތައް އެއް މޭޒެއް ކައިރިއަށް އައިސްފައެއް ނުވެ އެވެ.

comment ކޮމެންޓް