ނަޝީދާއި އިމްރާނަށް ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވެވިދާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ދީފި

ކުރީގެ ރައީސް ނަޝީދު ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އަރުވަނީ ---- ސަން ފޮޓޯ: އަލީ ނަސީރު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަށް ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ބާއްވާ މަޝްވަރާތަކުގައި ބައިވެރިވެވިދާނެ ކަމުގެ އިޝާރާތެއް ސަރުކާރުން މިއަދު ދީފި އެވެ.

އޯލް ޕާޓީ ޓޯކްސްގައި އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުގެ ފަރާތުން ބައިވެރިވުމަށް ދެކޮޅު ހަދާފައި ވާތީ، ސަރުކާރުން މީގެ ކުރިން ވަނީ ބޭރުގެ ފަރާތެއް ވެސް މިކަމުގައިބައިވެރިކޮށްގެން މަޝްވަރާ ކުރުމަށް ނިންމައިފަ އެވެ. އެގޮތުން، މެދުވެރިއެއްގެ ރޯލުއަދާކުރުމަށް އިއްޔެެ އދ.ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމެންޓުގެ ސީނިއާ އެޑްވައިޒާ ޓަމްރަޓް ސެމިއުލް ރާއްޖެ ވަޑައިގެންނެވި އެވެ.

ޓަމްރަޓް ސެމިއުލް އާއި އދ. ގެ ވަފުދާ އެކު މިއަދު ބައްދަލުކުރެއްވުމަށް ފަހު، އޯލް ޕާޓީ ޓޯކްސްގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑާއިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، އދ. ގެ ވަފުދުން ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކާއި އެހެނިހެން ފަރާތްތަކާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

އދ.ގެ މަންދޫބު ޓަމްރަޓް ސެމިއުލްއާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދު އެއާޕޯޓުގައި ބައްދަލުކުރައްވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ

އިދިކޮޅު ދެ ސިޔާސީ ޕާޓީ، އެމްޑީޕީ އާއި އަދާލަތު ޕާޓީއިން މީގެ ކުރިން ބުނެފައި ވަނީ ޖަލަށްލާފައިވާ އެ ދެ ޕާޓީގެ ރައީސުން މިނިވަން ނުކުރަނީސް އެ ދެ ޕާޓީން މަޝްވަރާގައި ބައިވެރިވި ނުވާނެ ކަމަށެވެ.

ނަމަވެސް ސަރުކާރުން އޭރު ބުނަމުން ދިޔައީ ޖަލުގައި ތިބި ގައިދީންނާ ކުރަންޖެހޭ މަޝްވަރާއެއް ނޯންނާނެ ކަމާށެވެ.

ރައީސް މުހައްމަދު ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ. އަދި ޝައިޚް އިމްރާން މިވަގުތު ހުންނެވީ ޖަލުން ގޭބަންދަށް ބަދަލުކޮށްފައެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިނީ މިއަދު ވިދާޅުވީ، އދ. އާއި ޕާޓީތަކާ އެކު ބާއްވާ މަޝްވަރާތަކުގެ ތެރެއިން އެކަމަށް ވެސް ވަކި ގޮތެއް ނިމިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިދާ މަޝްވަރާތަކުގެ ތެރެއިން ލާފައި އެކަމަށް ވެސް ވަކި ގޮތަކަށް ނިމިގެން ދާނެ،" ޝައިނީ ވިދާޅުވި އެވެ.

މީގެ އިތުރުން، ޝައިނީ ވިދާޅުވީ، އދ. ގެ ވަފުދަށް ސަރުކާރުގެ ފަރާތުން ހުރިހާ މައުލޫމާތެއް ހިއްސާ ކޮށްފައިވާނެ ކަމަށާއި، ސިޔާސީ ޕާޓީތަކުން މަޝްވަރާގައި ބައިވެރިވާނެކަން އެނގޭނީ އދ. އާ އެފަރާތްތަކުން މަޝްވަރާ ކުރުމުން ކަމަށެވެ.

ޝައިނީ ވިދާޅުވީ ރާއްޖޭގެ އެއްވެސް ދާޚިލީ ކަމަކާ އދއިން ނުބެހޭނެ ކަމަށް އެ ޖަމިއްޔާގެ ވަފުދުން ބުނެފައިވާ ކަމަށެވެ.

comment ކޮމެންޓް