ސެއިންޓް ކިޓްސް އެންޑް ނީވިސްއާ އެކު ރާއްޖެ އިން ޚާރިޖީ ގުޅުން ގާއިމުކޮށްފި

ފޮރިން މިނިސްޓަރ ޑރ. އާސިމް، ސޓ ކިޓްސް އެންޑް ނީވިސްގެ ފޮރިން މިނިސްޓަރ މާކް ބްރޭންޓްލީއާ އެކު --

ކެރިބިއަން ސަރަހައްދުގެ ގައުމެއް ކަމުގައިވާ ސެއިންޓް ކިޓްސް އެންޑް ނީވިސްއާ އެކު ދިވެހިރާއްޖެ އިން ޚާރިޖީ ގުޅުން ގާއިމުކޮށްފި އެވެ.

އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިޔަށްދާ އދ.ގެ 70 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި، ރާއްޖެއާއި ސެއިންޓް ކިޓްސް އެންޑް ނީވިސްއާ އެކު ޚާރިޖީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް އެވެ. އަދި ސެއިންޓް ކިޓްސް އެންޑް ނީވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު، އަދި ބޮޑުވަޒީރުގެ ނައިބު، މާކް ބްރޭންޓްލީ އެވެ.

ސެއިންޓް ކިޓްސް އެންޑް ނީވިސްއަކީ އެމެރިކާ ބައްރުގެ ކެރިބިއަން ކަނޑުގައި އޮންނަ ކުޑަ ޖަޒީރާ ގައުމެކެވެ. މި ގައުމުގައި އޮންނަނީ ދެ ޖަޒީރާ ރަށެވެ. އެއީ ސެއިންޓް ކިޓްސް ކިޔާ ރަށަކާއި ނީވިސް ކިޔާ ރަށެކެވެ. މި ގައުމުގެ ބޮޑުމިނަކީ 261 އަކަ ކިލޯ މީޓަރެވެ. އަދި އާބާދީއަކީ ގާތްގަނޑަކަށް 55،000 އެވެ.

އިނގިރޭސި ވިލާތުގެ އަތްދަށުން 1983 ވަނަ އަހަރު ސިޔާސީ މިނިވަންކަން ހޯދި މި ގައުމަކީ ކޮމަންވެލްތު ރަސްކަމުގެ ދަށުގައި އަދި ވެސް އޮތް ގައުމެކެވެ. މާނައަކީ، އެ ގައުމުގެ ދައުލަތުގެ ވެރިޔާއަކީ އިނގިރޭސި ރާނީ އެލިޒަބެތެވެ. އަދި އިނގިރޭސި ރާނީގެ ފަރާތުން އެގައުމަށް ޚާއްސަ ގަވަރުނަރު ޖެނެރަލެއް ކަނޑައަޅާފައި ހުރެ އެވެ.

އެހެން ނަމަވެސް އެ ގައުމަކީ އިނގިރޭސީންގެ ނުފޫޒު ނެތް، ސިޔާސީ ގޮތުން މިނިވަން ގައުމެކެވެ. ރައްޔިތުން އިންތިޚާބުކުރާ، ގާނޫނު ހަދާ މަޖިލީހެއް ކޮންމެ ފަސް އަހަރަކު އެގައުމުގައި އިންތިޚާބު ކުރެ އެވެ.

ސެއިންޓް ކިޓްސް އެންޑް ނީވިސް

  • ވެރިކަން ކުރާ ސިޓީއަކީ ބަސްޓެއާރ.
  • މުޅި ގައުމުގައި އޮންނަނީ ދެ ޖަޒީރާ: ސެއިންޓް ކިޓްސް ޖަޒީރާ އަދި ނީވިސް ޖަޒީރާ.
  • ދެ ޖަޒީރާގައި ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އޮވޭ.
  • 90 ޕަސަންޓު ރައްޔިތުންނަކީ ކަޅު ނަސްލުގެ މީހުން.
  • ސަރުކާރުގެ ވެރިޔާ އަދި ބޮޑުވަޒީރު: ޑރ. ޓިމޮތީ ހެރިސް.
  • ގާނޫނު ހަދާ މަޖިލީހުގައި އެންމެ 15 މެމްބަރުން.
  • ރަސްމީ ބަހަކީ އިނގިރޭސި ބަސް. ސެއިންޓް ކިޓްސްއަށް ޚާއްސަ އިނގިރޭސި ބަހުގެ ބަހުރުވައެއް ވެސް ބޭނުންކުރޭ.
  • ކްރިކެޓަކީ އެންމެ މަގުބޫލު ކުޅިވަރު.
  • އެންމެ ބޮޑު އިގްތިސާދީ ދާއިރާތަކަކީ ފަތުރުވެރިކަމާއި ދަނޑުވެރިކަން.
comment ކޮމެންޓް