ހަވީރުގައި ވަޒީފާ އަދާކުރި ކަމުގެ އެއްބަސްވުން ނެތް މީހުންނަކީ ހަވީރުގައި ވަޒީފާ އަދާކުރި މުވައްޒަފުންގެ ގޮތުގައި ނުބެލެވޭނެ ކަމަށް ތިން ހިއްސާދާރުންގެ ފަރާތުން ވަކީލު އަބްދުﷲ ނަސީރު ވިދާޅުވެއްޖެ އެވެ.
ހަވީރުގެ ކުރީގެ މުވައްޒަފުންނަށް އެހެން މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ، މީޑިއާއަކީ މުވައްޒަފުންނާ ގުޅުން ހުރި ތަނަކަށްވެފައި، ހަވީރަށް ގެއްލުން ދިނުމުގެ ގޮތުން އެއްފަހަރާ މުވައްޒަފުން ކެނޑިގެން ދިއުމުން ތަނަށް ގެއްލުންތަކެއް ކުރިމަތިވާނެތީ ކަމަށް ބުނެ އެވެ.
އެ މައްސަލަ އޭރު އުޅުނު ބައެއް މުވައްޒަފުންގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އެމައްސަލައިގެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތިން ހިއްސާދާރުންގެ ވަކީލު އަބްދުﷲ ނަސީރު ވިދާޅުވީ ހަވީރުގައި ވަޒީފާ އަދާކުރިކަމުގެ އެއްބަސްވުން ނެތް ނަމަ ގާނޫނީގޮތުން އެއީ ހަވީރު މުވައްޒަފުންގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އެއީ ވަޒީފާއާ ބެހޭ ގާނޫނުގައި ވަޒީފާ އަދާކުރާނަމަ ވަޒީފާގެ އެއްބަސްވުން އޮންނަ ޖެހޭނެ ކަމަށް ބުނެފައިވާތީ ކަމަށް ނަސީރު ވިދާޅުވި އެވެ.
ނަސީރު އެހެން ވިދާޅުވީ ވަޒީފާގެ އެއްބަސްވުން ނެތް މީހުންނަކީ ހަވީރުގެ މުވައްޒަފުން ނޫންތޯ ފަނޑިޔާރު އަބްދުﷲ ހަމީދު ސުވާލު އުފެއްދެވުމުންނެވެ. ފަނޑިޔާރު އެއްސެވީ އެއްބަސްވުން ނެތްނަމަ އެއީ ހަވީރުގެ މުވައްޒަފުން ނޫންތޯ އާއި މޫސާ ލަތީފުގެ ނަން ހޯމް މިނިސްޓްރީގައި ހަވީރު ނޫސް ރެޖިސްޓްރީ ކޮށްފައިވާއިރު އެޑިޓަރުގެ ގޮތުގައި ހިމަނާފައި ވުމުންވެސް މުވައްޒަފަކަށް ނުވާނެތޯ އެވެ.
ވަކީލު ނަސީރު ވިދާޅުވީ ހޯމް މިނިސްޓްރީގެ ރެޖިސްޓްރީގައި އެޑިޓަރުގެ ގޮތުގައި ނަން ހިމަނާފައި އިނުމަކީ ހަވީރުގައި ވަޒީފާ އަދާކުރިކަން ހާމާވާ ކަމެއް ނޫން ކަމަށަވެ. އެހެންކަމުން މޫސާ ލަތީފަކީވެސް ހަވީރުގެ މުވައްޒަފެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ނަސީރު ވިދާޅުވި އެވެ. އަދި އެއްބަސްވުން ނެތް އެއްވެސް މީހެއްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ރައްދު ނުވާނެ ކަމަށްވެސް ނަސީރު ވިދާޅުވި އެވެ.
މުވައްޒަފުންގެ ފަރާތުން ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ މައްސަލަ އިސްތިއުނާފު ކުރި ފަރާތްތަކުގެ ތެރެއިން ހަވީރުގައި ވަޒީފާ އަދާކުރި ކަމުގެ އެއްބަސްވުން އޮތީ ތިން މުވައްޒަފެއްގެ ކަމަށެވެ. އަދި ހަވީރުގެ އެޑިޓަރު މޫސާ ލަތީފާއި ހަވީރުގެ ސީއީއޯގެ މަގާމުގައި ހުންނެވި ރިފްއަތު މުހައްމަދު އަދި ހަވީރުގެ ނޫހުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި އަބްދުއްރަޝީދު ހުސައިން ހަވީރުގައި ވަޒީފާ އަދާކުރި ކަމުގެ އެއްބަސްވުން ނެތް ކަމަށެވެ.
ޑރ މުހައްމަދު ޒާހިރު ހުސައިންގެ ފަރާތުން ވަކީލު ސުއޫދު ވިދާޅުވީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ހަތަރު ހިއްސާދާރުންނަށް ހިއްސާވާ ސާފު ފައިދާގެ އަދަދު ހޯދުމަށް ކަމަށާއި ނަމަވެސް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ އެކަމަށް ރިއާޔަތް ކުރުމެއް ނެތި ކަަމަށެވެ. އަދި އެކަމަށް ރިއާޔަތްކޮށް އަދަދު ކަނޑައެޅިނަމަ މައްސަލަތަކެއް ނުނިކުންނާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޒާހިރުގެ ފަރާތުން ސުއޫދު ވަނީ ވިދާޅުވެފަ އެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ ވަޒީފާގެ އެއްބަސްވުން އޮތް މުވައްޒަފުންގެ އެއްބަސްވުން ދިރާާ ކުރުމަށް ތިންހިއްސާދާރުންގެ ވަކީލަށް ފުރުސަތު ދިނުމަށް ފަހު އެވެ.
ހަވީރުގައި މަސައްކަތްކުރި މުވައްޒަފުންގެ ފަރާތުން ހުށަހެޅި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ 'މިހާރު' ނޫހުގެ އެޑިޓަރު ބ. އޭދަފުށި، މަތިހާ، އިސްމާއިލް ނަސީރު އާއި މިހާރު ނޫހުގެ ސީއީއޯ ހުޅުމާލެ ފްލެޓް ނޭމް 05-9ރ، ރިފްއަތު މުހައްމަދާއި މިހާރު ނޫހުގެ އެސިސްޓެންޓް އެޑިޓަރު ސ. ހިތަދޫ، އަބްހަރީގެ އަހުމަދު ހަމްދޫނާއި މިހާރު ނޫހުގެ އެސިސްޓެމްޓް އެޑިޓަރު ހއ. އުލިގަމް، މާޒް ނިއުމަތުﷲ އިދްރީސްގެ އިތުރުން މިހާރު ނޫހުގެ ޖެނެރަލް މެނޭޖަރު ބ. ކެންދޫ، ޖަވާހިރުވާދީ އަބްދުއްރަޝީދު ހުސައިންނެވެ. އޭގެ އިތުރުން ހަވީރު ނޫހުގެ އެޑިޓަރު މ. ހުސްނޫ މޫސާ ލަތީފު ވެސް ވަނީ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ.
މައްސަލަ ރައްދުވަނީ ހަވީރުގެ ތިން ހިއްސާދާރުން ކަމަށްވާ އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އާއި މުހައްމަދު ނައީމް އަށެވެ.