ހަވީރު ނޫހަކީ ޑރ. ޒާހިރުގެ މިލްކެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ޑރ. މުހައްމަދު ޒާހިރު ހުސައިން: ސުޕްރީމް ކޯޓުން ވަނީ ހަވީރު ނޫހުގެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށްފައި --- ފޮޓޯ/ އިމޭޖްސް އެމްވީ

ދުވަހު ނޫސް ހަވީރަކީ ހަވީރު ނިއުސް އެޖެންސީގެ ހައްގެއް ކަމަށް ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް، ހަވީރު ނޫހަކީ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ މިލްކެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ހަވީރު ނޫހުގެ މިލްކުވެރިކަމާ ގުޅޭގޮތުން އެންމެ ފުރަތަމަ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ހަވީރު ނިއުސް އެޖެންސީގެ ހިއްސާދާރުން ކަމަށްވާ އިބްރާހިމް ރަޝީދު މޫސާއާއި ޢަބްދުﷲ ފާރޫގު ހަސަން އަދި މުޙައްމަދު ނައީމެވެ. އެ ތިން ބޭފުޅުން ދައުވާކުރީ ހަވީނު ނޫސް އެޖެންސީގެ އާމްދަނީން އެ ބޭފުޅުންނަށް ލިބެންޖެހޭ މިންވަރު ހޯދުމަށާއި އަދި އެ ނޫސް ހިންގުމުގައި އެ ބޭފުޅުންނަށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.

އެ މައްސަލައިގައި 2014 ވަނަ އަހަރު ފުރަތަމަ ސިވިލް ކޯޓުން ހުކުމްކުރީ ޒާހިރު ހުސައިނާ އެއްކޮޅަށެވެ. އެކަމަކު، އޯގަސްޓު، 2015 ގައި ހައިކޯޓުން ވަނީ ހަވީރު ނޫހަކީ ޒާހިރުގެ އަމިއްލައަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމް ރަޝީދުގެ ހިއްސާ ވެސް ވާތަނެއް ކަމަށް ހުކުމްކޮށްފައެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ދުވަހު ނޫސް ހަވީރު 37 އަހަރު ފަހުން ބަންދުކުރީ 2016 ވަނަ އަހަރުގެ މޭ މަހު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ހަވީރު ނޫހަކީ ޒާހިރު ހުސައިންގެ މިލްކެއް ކަމަށެވެ. އަދި، އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ވަނީ ބާތިލުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބެއްލެވި ފަނޑިޔާރު އާއިޝާ ޝުޖޫންގެ ރައުޔުގައި ވިދާޅުވީ، ހަވީރު ނޫސް އުފައްދަން 1983 ވަނަ އަހަރު ފައުންޑަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމަކީ ފަހުމުނާމާއެއް ކަމަށާއި އެ އެއްބަސްވުމަކީ ހައްގުތައް އުފަންކުރުވައި ގާނޫނީ ގޮތުން ތަންފީޒުކުރެވޭނެ އެއްބަސްވުމެއް ނޫން ކަމަށެވެ. އެއީ، 2014 ވަނަ އަހަރު ސިވިލް ކޯޓުން ވެސް ފުރަތަމަ އެ މައްސަލަ ނިންމި ގޮތެވެ.

އެހެންވެ، ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ވަނީ ހަވީރު ނޫހުގައި ހިއްސާދާރުން ބައިވެރިނުވާ ކަމަށް ނިންމަން ހުށަހަޅައިފައެވެ.

މައްސަލައިގެ ބެންޗުގެ ދެން ތިއްބެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވެސް ވަނީ ފަނޑިޔާރު ޝުޖޫންގެ ރައުޔަށް ތާއީދުކުރައްވައިފައެވެ. އެހެންވެ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހަވީރު ނޫހަކީ ޒާހިރުގެ މިލްކެއް ކަމަށް ހުކުމްކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމައިފައެވެ.

ހަވީރުގެ ފަރާތުން ކޯޓު މަރުހަލާގައި ބުނެފައިވަނީ ހަވީރު ނޫސް ހިންގުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ހޯދައި، ލޯނުތައް ވެސް ނަގާފައިވަނީ ޒާހިރުގެ އަމިއްލަ ނަންފުޅުގައި ކަމަށެވެ.

ހަވީރުގެ ނޫހުގެ މައްސަލަ ބޮޑުވެ، 2013 ވަނަ އަހަރު ވަނީ ޒާހިރުގެ ތިން ބޭފުޅުންގެ ހިއްސާ އޮންނަ ހަވީރު މީޑިއާ ގްރޫޕެއް އުފައްދައި، އެ ކުންފުނީގެ ނަމަށް ހުރިހާ މުދަލެއް ބަދަލުކޮށްފައެވެ. އެކަމަކު، އެ ކުންފުނިން ހަވީރު ނޫސް ހިންގަމުން އަންނަނިކޮށް، 2016 ވަނަ އަހަރު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ ތިން ހިއްސާދާރުން ބައިވެރިކޮށްގެން ހަވީރު ނޫހުގެ ކަންކަން ކުރިއަށް ގެންދަން އަންގައިފައެވެ.

އެ އަމުރާ ގުޅިގެން "ހަވީރު" ހުއްޓައިލީ މާޗު 31، 2016 ގައެވެ. ހަވީރު ހިންގި ޓީމުން ފަހުން ހިންގަން ފެށީ "މިހާރު" ނޫހެވެ.

comment ކޮމެންޓް