ސްޓްރޯކެއް ޖެހި 'މިހާރު'ގެ އެޑިޓަރު އިސްމާއިލް ނަސީރަށް ފަރުވާ ދެނީ

މިހާރުގެ އެޑިޓަރު އިސްމާއިލް ނަސީރު: އޭނާއަށް މޭޖާ ސްޓްރޯކެއް ޖެހިގެން އަންނަނީ ފަރުވާދެމުން -- ފޮޓޯ/ މިހާރު

މޭޖާ ސްޓްރޯކެއް ޖެހިގެން 'މިހާރު' ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރަށް ފަރުވާދޭން ފަށައިފިއެވެ.

އިސްމާއިލަށް ސްޓްރޯކެއް ޖެހުނީ ޢީދު ޗުއްޓީއަށް އާއިލާއާ އެކު ބ. އޭދަފުށީގައި ހުންނަވަނިކޮށް އިއްޔެއެވެ.

އެ ރަށު ހޮސްޕިޓަލުން އޭނާއަށް ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނައި ރޭ 1:00 އެހާކަންހާއިރު އެއާ އެމްބިއުލާންސްގައެވެ.

އޭނާ މަސައްކަތްކުރާ މިހާރު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާއަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި އައިސީޔޫގައެވެ. އަދި، އޭނާގެ ހާލު ސީރިއަސްކަމަށް ވެސް އެ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އިސްމާއިލް ނޫސްވެރިކަމުގައި 28 އަހަރު ވެއްޖެއެވެ.

އުމުރުން މިހާރު 47 އަހަރުގެ އިސްމާއިލް ނަސީރު ނޫސްވެރިކަން ފެށީ "އާފަތިސް" ނޫހުންނެވެ. އޭގެ ފަހުން "ހަވީރު" ނޫހުގެ މެނޭޖިން އެޑިޓަރުކަން ވެސް ކުރެއްވިއެވެ.

އިސްމާއިލަށް ވަނީ ނޫސްވެރިކަމުގެ ދާއިރާއިން އާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ. އަދި، ނޫސްވެރިކަމުގެ "ރަން ގަލަން" ވެސް އޭނާ ވަނީ ހާސިލުކުރައްވައިފައެވެ.

comment ކޮމެންޓް