ދަރުމަވަންތަ ސްކޫލުގެ މޮޅު ދަރިވަރަކަށް ރިފްއާން، ހިތްވަރަކީ ބައްޕަގެ ނަސޭހަތް!

ދަރުމަވަންތަ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަހުމަދު ރިފްއާން ރަޝީދު އެސްޓީއޯގެ ޗެއާމަން ނިޔާޒު ޓްރޮފީ ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދަރުމަވަންތަ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް، ގދ. ތިނަދޫ/ ސީވިއު، އަހުމަދު ރިފްއާން ރަޝީދު ހޮވިއްޖެ އެވެ.

މިދިޔަ އަހަރު ދަރުމަވަންތަ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން ކަމުގެ މަގާމުގައި ހުރި އަދި މިދިޔަ އަހަރު ހުރިހާ ގޮތުން އެންމެ މޮޅު ސްކައުޓަކަށް ހޮވުނު ރިފްއާން ވަނީ މިދިޔަ އަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނުގައި ހަތް ޑިސްޓިންކްޝަން ހޯދައި ގައުމީ ގަދަ ދިހައެއްގެ ދެ ވަނަ ހޯދާފަ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ދަރުމަވަންތަ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ރިފްއާން އަށް އެވޯޑުތައް ހަވާލުކޮށް ދެއްވީ، ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން އެސްޓީއޯގެ ޗެއާމަން އަހުމަދު ނިޔާޒެވެ.

ދަރުމަވަންތަ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރިފްއާން، އޭނާގެ މަންމައާއެކު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރަސްމިއްޔާތުގައި ވާހަކަދައްކަމުން ރިފްއާން ބުނީ، ޅައުމުރުގައި ބައްޕަ ނިޔާވުމުން، ބައްޕަ ދެއްވި ނަސޭހަތަކީ މިއަދު އޭނާ ދެކޭ ކާމިޔާބީ ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން އޭނާގެ ހުރިހާ ކާމިޔާބީއެއްގެ ޝުކުރު ބަންޑުންކޮށްލީ ރިފްއާންގެ މަންމައަށެވެ.

"މިއަދު އަޅުނގަޑުގެ މިކާމިޔާބީ އަކީ ބައްޕަ އަޅުނގަޑަށް ދެއްވި އެންމެ ފަހު ނަސޭހަތް. ބަސް އަހައިގެން ކިޔެވީމާ ލިބުނު ކާމިޔާބީއެއް. މި ކާމިޔާބީގެ ހުރިހާ ވެސް ޝުކުރެއް ހައްގުވަނީ ލޯބިވާ މަންމައަށް،" ސީއެޗްއެސްސީގައި ތައުލީމު ހާސިލްކުރަމުންދާ އަފްއާން ބުންޏެވެ.

އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދައި ރައީސް ދެއްވާ ސްކޯލޮޝިޕް ހާސިލްކުރުމުގެ އުއްމީދުގައި ހުރި އަފްއާން ބުނީ، ކުރިއަށްދާން ބޭނުންވާ ދާއިރާއެއް އަދި ނިންމާފައިނުވާ ކަމަށާއި އޭވިއޭޝަން ދާއިރާއަށް ޝައުގުވެރިކަން އެބަހުރި ކަމަށެވެ.

މިދިޔަ އަހަރު ދަރުމަވަންތަ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދެވަނަ ދަރިވަރަކަށް ހޮވުނީ މ. ގޯލްޑްހޯޕް، އިބްރާހިމް ޝާދިން މުހައްމަދެވެ. އަދި ތިން ވަނަ އަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މިދިޔަ އަހަރު ދަރުމަވަންތަ ސްކޫލުގެ ޑެޕިއުޓީ ގޭމްސް ކެޕްޓަންގެ މަގާމުގައި ހުރި ބ. އޭދަފުށީ/ ލުނބޯގަސްދޮށުގޭ ފާރިހް މުހައްމަދު ވަހީދެވެ.

ދަރުމަވަންތަ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ތިން ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާއެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި (ކ3) އެސްޓީއޯގެ ޗެއާމަން ނިޔާޒު (ކ4) އަދި ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ދީދީ (ކ5) --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ގްރޭޑް އެކަކުން 10 އަކަށް ކިޔަވައިދޭ ދަރުމަވަންތަ ސްކޫލުގައި މިދިޔަ އަހަރު 800 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު އޯލެވެލް ގައި އެ ސްކޫލުގެ 106 ދަރިވަރުން ބައިވެރިވި އިރު، ފަސް މާއްދާއިން 70 ދަރިވަރުން ވަނީ ފާސްވެފަ އެވެ. އޭގެ އިތުރުން، އެ ސްކޫލުގެ 13 ދަރިވަރަކު ވަނީ އޯލެވެލް ގައި ރާއްޖޭގެ ގަދަ 10ގައި ހިމެނިފަ އެވެ.

comment ކޮމެންޓް