ދަގަނޑޭ 400 ލަނޑު ހަމަކޮށްފި- އަޒުމަކީ އަދިވެސް އިތުރު ކާމިޔާބީތަށް

މާޒިޔާއަށް ދަގަނޑޭ ކުޅެދިން ފުރަތަމަ މެޗުގައި ---ސަން ފޮޓޯ/ އަރްރާހް

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެއި އަދި އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އޭނާގެ ކެރިއަރުގެ ސީނިއަރ ލެވެލްގައި 400 ވަނަ ލަނޑު ކާމިޔާބު ކޮށްފިއެވެ.

މިއަހަރު ޖުލައި 13 ވަނަ ދުވަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ގުޅުނު، އުމުރުން 30 އަހަރުގެ ދަގަނޑޭ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 400 ވަނަ ލަނޑު ހަމަކުރީ އުރީދީ ދިވެހި ޕްރުމިއާ ލީގްގައި މިރޭ ވިކްޓަރީ ކޮޅަށް ކާމިޔާބުކުރި ހިތްގައިމު ގޯލުންނެވެ. އޭނާ ވަނީ މާޒިޔާއަށް މިހާތަނަށް ކުޅެދިން ހަތް މެޗުގައި ހަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މިރޭގެ މަޗަށް ފަހު މާޒިޔާ އިން ދަގަނޑޭއަށް 400 ޖަހާފައިވާ ޖާޒީއެއް ހަވާލުކުރަނީ --- ފޮޓޯ އެފްބީ

ދަގަނޑޭ މާޒިޔާއަށް ބަދަލުވެފައިވަނީ މެލޭޝިއާގެ ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑީއާރްއެމް)އަށް 2014 ވަނަ އަހަރުން ފެށިގެން ކުޅުމަށް ފަހު އަނިޔާގެ ސަބަބުން މިއަހަރުގެ މޭ މަހު، އެ އެއްބަސްވުން އުވާލުމަށްފަހުއެވެ.

ޕީޑީއާރުއެމް އަށް އޭނާ ކުޅެދިން 70 މެޗުގައި ވަނީ 46 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭގެ އިތުރުން އޭނާ ވަނީ ޕީޑީއާރްއެމްއާއެކު މެލޭޝިއާ ޕްރިމިއާ ލީގު 2014 ވަނަ އަހަރު ކާމިޔާބުކޮށް، ރާއްޖޭން ބޭރު ކްލަބަކާއެކު ތަށްޓެއް ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ. ދަގަނޑޭ ވަނީ އެ އަހަރު މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އުމުރުން އެންމެ 16 އަހަރުގައި، 2001 ވަނަ އަހަރު ވެލެންސިއާގެ ޖާޒީގައި ގައުމީ ފުޓްބޯޅަ ދަނޑުން އާންމުންގެ ތެރެއަށް ފެންނަން ފެށި ދަނގަޑޭ ވަނީ އެ ކުލަބަށް 109 މެޗު ކުޅެދީ 104 ގޯލު ކާމިޔާބްކޮށްދީފައެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ނިއު ރޭޑިއަންޓާ އެކު ދަގަނޑޭގެ މޮޅު ކުޅުން ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ލޮލުގައި އަޅައިގަތް އިރު އެ ޓީމަށް އޭނާ ވަނީ 96 ލަނޑު ކާމިޔާބުކޮށް 110 މެޗު ކުޅެދީފައެވެ.

ދަގަނޑޭ ޕީޑީއާރުއެމް އަށް ކުޅެދިން މެޗެއްގެ ތެރެއިން ---

ވިބީ ސްޕޯޓްސް ކުލަބުގައި ދަގަނޑޭ ވަނީ 85 މެޗު ކުޅެ 93 ލަނޑު ކާމިޔާބު ކޮށްފައެވެ. ދަގަނޑޭ ރާއްޖޭން ބޭރުގެ ކުލަބަކަށް ފުރަތަމަ ކުޅުނީ ބުރޫނާއީގެ ޑީޕީއެމްއެމް އެފްސީ އަށެވެ. އެކުލަބަށް ހަ މެޗު ކުޅެދިންއިރު ދެ ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް 2004 ވަނަ އަހަރުން ފެށިގެން ކުޅެން ފެށި ދަގަނޑޭ ވަނީ 77 މެޗުން 53 ލަނޑު ކާމިޔާބު ކޮށްފައެވެ.

"الحمد لله، މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. އަހަރެން މިއަދު މިދެކޭ ކާމިޔާބީއަށް ވާސިލް ވުމުގައި ފަހަތުގައި ވަރަށް ގިނަ ފަރާތްތަކެއްވޭ. މިއީ މީގެ ކުރިން ދުވަހަކުވެސް އުންމީދު ކުރި ކަމެއް ނޫން،" ދަގަނޑޭ އޭނާގެ ފޭސްބުކް ޕޭޖްގައި ބުނުފައިވެއެވެ.

ދަގަނޑޭ ބުނީ ކެރިއަރުގައި އިތުރު ކާމިޔާބީތަށް ހޯދުމަށް އަދިވެސް ބުރަ މަސަތްކަތް ކުރާނެ ކަމަށާއި މިހާތާނަށް ލިބުނު ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި، އެންމެ ގާތުން ހުރީ އޭނާގެ ލޯބިވާ މަންމަ ކަމަށެވެ.

comment ކޮމެންޓް