ހުޅުމާލޭން ރޭ އަތުލައިގަތީ 169 ކޭސް ބަނގުރާ، އެކަކުވެސް އަދި ހައްޔަރެއް ނުކުރޭ!

މިރޭ ފުލުހުން އަތުލައިގެން ބަނގުރާ ކޭސްތައް: އެ މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ -- ފޮޓޯ/ ޕޮލިސް

ހުޅުމާލޭގައި ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި 169 ބަނގުރާ ކޭސް އަތުލައިގަނެފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

އާއްމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ބަނގުރާ ފުޅިތައް ފެނިފައިވަނީ ބިދޭސީން އުޅޭ ކަމަށް ބެލެވޭ ރޯހައުސް އަކުންނެވެ.

އެ އެއްޗެހި އެތަނަށް ވައްދަން މަސައްކަތް ކޮށްފައިވަނީ ޖަމްބޯ ބޭގްސްތަކެއްގައި ކަމަށް މިހާތަނަށް ބެލިބެލުމުން އެގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ފުލުހުން އެ އެއްޗެހި އަތުލައިގަތީ އެތަނަށް އެތަކެތި ވައްދާފައި ހުއްޓަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ވިދާޅުވީ، ރޭ ހިންގި އޮޕަރޭޝަންގައި 113 ބިޔަރު ދަނޅު ކޭހާއި 56 ބަނގުރާ ފުޅި ކޭސް އަތުލައިގަނެފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ވަކިން ހުރި 282 ބަނގުރާ ފުޅި އެތަނުން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް އަލީ ވިދާޅުވީ، އަތުލައިގަތް ބަނގުރާ ކޭސްތަކަކީ ކޮންތަނަކަށް ގެންދަން ހުރި އެއްޗެއްކަން އަދި ނޭނގޭ ކަމަށާއި އެތަކެއްޗަކީ ކޮން ބަޔަކާ ގުޅުން ހުރި އެއްޗިއްސެއްތޯ ބަލައި އެބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ވިދާޅުވީ، އެ މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ.

comment ކޮމެންޓް