ކުޑައިރުގެ ފޮޓޯތައް ފޭސްބުކަށް ލުމުން މައިންބަފައިން ގޮވައިގެން ކޯޓަށް!

އޮސްޓްރިއާގެ 18 އަހަރުގެ ޒުވާނާ ބުނި ގޮތުގައި އޭނާގެ މައިންބަފައިން ފޭސްބުކަށް ލާފައިވާ އޭނާގެ ފޮޓޯތަކުގެ ސަބަބުން އޭނާގެ ހަޔާތަށް ވަނީ ނޭދެވޭ އަސަރުކޮށްފަ --

ވިއެނާ (ސެޕްޓެމްބަރު 16): އޮސްޓްރިއާގެ ޒުވާން އަންހެން ކުއްޖެއްގެ ކުޑައިރުގެ ފޮޓޯތައް އޭނާގެ މައިންބަފައިން ފޭސްބުކަށް ލުމުން އެކުއްޖާ އެމައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

އަށާރަ އަހަރުގެ އެ އަންހެންކުއްޖާ ބުނި ގޮތުގައި ފާއިތުވި ހަތް އަހަރު ތެރޭގައި އޭނާގެ މައިންބަފައިން ވަނީ އޭނާގެ 500 ފޮޓޯއެއް ފޭސްބުކަށް ލައިފައެވެ. އަދި އޭނާގެ ހުއްދައާ ނުލައި ފޭސްބުކަށް ލާފައިވާ އެ ފޮޓޯތަކުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ.

"އެމީހުންނަށް މައްސަލައެއް ނެތް އަހަރެން ފާހާނާތަށި މަތީ ހުއްޓަސް އަދި އެނދުގައި އޮށޯވެގެން އޮތަސް. އެހުރިހާ ކަމެއްގެ ފޮޓޯ ނަގާފަ ވަނީ އާއްމުކޮށްފައި،" އެޒުވާނާ ބުންޏެވެ.

މީގެ ކުރިން އެ އަންހެންކުއްޖާ ވަނީ އެ ފޮޓޯތައް ޑިލީޓް ކުރުމަށް އޭނާގެ މައިންބަފައިން ގާތުން އެދިފައެވެ. ނަމަވެސް އޭނާގެ ބައްޕަ ވަނީ އެ ފޮޓޯތަކަކީ އޭނާ އަމިއްލައަށް ނަގާފައިވާ ފޮޓޯތަކެއް ކަމުން، އޭނާ ބޭނުން ގޮތަކަށް އެ ފޮޓޯ ބޭނުން ކުރެވިދާނެ ކަމަށް ބުނެފައެވެ.

އަންހެންކުއްޖާގެ ވަކީލުން ވަނީ ކޯޓުގައި އަންހެންކުއްޖާއާ އެއްކޮޅަށް މައްސަލަ ނިމުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފައެވެ. އެގޮތަށް މައްސަލަ ނިމިއްޖެ ނަމަ އަންހެންކުއްޖާގެ ފޮޓޯތައް ފޭސްބުކުން ޑިލީޓް ކުރުމުގެ އިތުރުން އަންހެން ކުއްޖާއަށް ލިބުނު ގެއްލުމުގެ ބަދަލު ފައިސާގެ ގޮތުގައި ދިނުމަށްވެސް ކޯޓުން އަންހެންކުއްޖާގެ މައިންބަފައިންގެ މައްޗަށް އަމުރުކޮށްފާނެއެވެ.

އެމައްސަލައިގެ ފުރަތަމަ އަޑު އެހުން އޮންނާނީ އަންނަ ނޮވެމްބަރު މަހު އެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް