އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ބީޖީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗު 0-0ގެ ނަތިޖާ އަކުން އެއްވަރުވެ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ޔުނައިޓެޑް ވިކްޓަރީ އިން ނަގާލައިފިއެވެ.
މިއަދުގެ މެޗުން ލިބުނު އެއް ޕޮއިންޓާއި އެކު ޖުމްލަ ނުވަ ޕޮއިންޓް ލިބިގެން ބީޖީ އަދިވެސް އޮތީ ތާވަލުގެ އެންމެ ފުލުގައެވެ. ޔުނައިޓެޑް ވިކްޓަރީ 19 ޕޮއިންޓާއި އެކު ތާވަލުގެ ފަސް ވަނައިގައި އޮތް އިރު އެ ޓީމަށް ވުރެ އެއް ޕޮއިންޓް ގިނައިން ހޯދައިގެން ހަތަރު ވަނައިގައި އޮތީ ކުލަބް ވެލެންސިއާ އެވެ.
މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެމެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިފައިވަނީ ވަރަށް އާދައިގެ ވަނދު ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލަށް ނުރައްކާކޮށް ބޯޅަ އެއް ފޮނުވާލެވިފައެއް ނުވެއެވެ.
ދެވަނަ ހާފްގައި ވެސް ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ، އާދިއިގެ ކުޅުމެއް ފެނިގެންދިޔަ އިރު ބީޖީ އިން ވަނީ ޔުނައިޓެޑް ވިކްޓަރީގެ ގޯލަށް އަމާޒްކޮށް ދެ ހަމަލާއެއް އުފައްދާފައެވެ. މުހައްމަދު ސާބިގު، ޔުނައިޓެޑް ވިކްޓަރީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އިބްރާހިމް ޝިޔާމް (ދޮނާ) އަށް ޖައްސާލި ބޯޅަ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ނަމަވެސް ދިޔައީ ގޯލާ އަމާޒުނުވެ ދަނޑި ކައިރިން ބޭރަށެވެ.
ބީޖީއިން ތަނަވަސް ކުރި ދެވަނަ ފުރުސަތަކީ ޑޭވިޑް، ޔުނައިޓެޑް ވިކްޓަރީގެ ގޯލި ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައެވެ. ނަމަވެސް އިބްރާހިމް ރަޝީދު އަބޫބަކުރު އެ ބޯޅަ ޖަހަން ފުންމައިގެން އެރި ނަމަވެސް އޭނާގެ ބޮލުގައި ލައްވާނުލައި ބޯޅަ ލިބުނީ ކީޕަރަށެވެ.
މިއަދުގެ މެޗުގައި ދެ ރަތް ކާޑު ފެނިގެންދިޔަ އިރު ފުރަތަމަ ރަތް ކާޑު މެޗުގެ 65 ވަނަ މިނެޓްގައި ދެއްކީ ބީޖީގެ ހުސެން އަފްސަލް އަށެވެ. އަދި ދެވަނަ ރީނދޫ ކާޑާއި އެކު މެޗުގެ 80 ވަނަ މިނެޓްގައި ޔުނައިޓެޑް ވިކްޓަރީގެ އަލީ ނިޔާޒަށް ވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ.
މި ދެ ޓީމް ލީގްގެ ފުރަތަމަ ބުރުގައި ބައްދަލު ކުރި މެޗް ވެސް ވަނީ އެއް ވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެން ނިމިފައެވެ. ނަމަވެސް ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އިން ވަނީ 2-1ގެ ނަތީޖާ އަކުން ބީޖީގެ މައްޗަށް ކުރި ހޯދާފައެވެ.
ލީގްގައި މިރޭ ކުޅޭނީ ލީގު ތާވަލުގެ ދެވަނައިގައި އޮތް އީގަލްސް އާއި ތާވަލުގެ ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސްގެ މެޗެވެ.