ވެލެންސިއާ ކޮޅަށް 13 ލަނޑު ޖަހައި މާޒިޔާ ފެންވަރު ދައްކާލައިފި

ލީގުގައި މާޒިޔާއިން މިރޭ ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ހަމްޕު އުފާ ފާޅުކުރަނީ -- ފޮޓޯ / އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުލަބް ވެލެންސިއާ ކޮޅަށް 13 ލަނޑު ޖަހައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ ޓީމުގެ ފެންވަރު ދައްކާލައިފިއެވެ.

ލީގުގެ މިރޭ މެޗަށް ނިކުތްއިރު މާޒިޔާ އޮތީ 21 ޕޮއިންޓާއެކު ތާވަލްގެ ދެވަނަ މަގާމުގައެވެ. އެއް ވަނަ މަގާމުގައި އޮތީ 22 ޕޮއިންޓާއެކު ކުލަބް އީގަލްސްއެވެ. މިރޭގެ މެޗުން މޮޅުވުމާއެކު މާޒިޔާ ވަނީ އަނެއްކާ ވެސް ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވެސް މާޒިޔާ ވަނީ ހަތް ލަނޑު ޖަހާފައެވެ. މާޒިޔާ އިން ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ މެޗުގެ 10 ވަނަ މިނެޓުގައެވެ. މާޒިޔާއަށް ލިބުނު ޕެނަލްޓީއެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކޯނޭއެވެ.

އޭގެ ދެ މިނެޓު ފަހުން ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ މާޒިޔާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. މާޒިޔާގެ ތިން ވަނަ ލަނޑަކީ ވެލެންސިއާގެ ސަމްދޫހު މުޙައްމަދުގެ ގައިގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ 23 ވަނަ މިނެޓުގައި ހަމްޕު ވަނީ މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖަހައިދީފައެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ވެލެންސިއާގެ ގޯލުގެ މަތީ ކަނަށެވެ. މެޗުގެ 28 ވަނަ މިނެޓުގައި ވެލެންސިއާއަށް ލިބުނު ހިލޭ ޖެހުމެއްގައި ބޯހާސް މާޓިން ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައި ހަމްޕު ވަނީ އޭނާގެ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ހަމަކޮށްފައެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް އޭނާ ފޮނުވާލީ ގޯލުގެ ދުރު ކަނަށެވެ.

ފުލުފުލުގައި ގިނަ ހަމަލާތަކެއް މާޒިޔާގެ ފަރާތުން ފެނުނުއިރު، މެޗުގެ 39 ވަނަ މިނެޓުގައި ހައިޝަމް ހަސަން (ބިޑި)ގެ އެހީތެރިކަމާއެކު، އިބްރާހީމް އައިސަމް ވަނީ މާޒިޔާގެ ހަވަނަ ލަނޑު ޖަހައިދީފައެވެ. އޭގެ ފަސް މިނެޓު ފަހުން ހަމްޕު ވަނީ އިތުރު ލަނޑެއް ޖަހައި، 7-0 އަށް ލީޑު ފުޅާކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ކުރީ ކޮޅު މާޒިޔާ ވަނީ އެ ޓީމުގެ އަށްވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު މެޗުގެ 47 ވަނަ މިނެޓުގައި ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކޯނޭއެވެ. އޭގެ ފަހުން ވެސް މާޒިޔާ އިން ވަނީ ވެލެންސިއާގެ ފަހަތަށް ބާރުބޮޑުކޮށް، އިތުރު ހަމަލާތަކެއް އުފައްދާފައެވެ.

މާޒިޔާގެ ނުވަވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ޖަހައިދިނީ ޓާނާ ޑޮމިންގޭޒްއެވެ. އޭގެ ތިން މިނެޓު ފަހުން މެޗުގެ 55 ވަނަ މިނެޓުގައި ކޯނޭގެ ހުރަހަކުން މާޒިޔާގެ 10 ވަނަ ލަނޑު ޖަހައިދިނީ ނާއިޒް ޙަސަން (ދާދު)އެވެ.

މެޗުގެ 65 ވަނަ މިނެޓުގައި މާޒިޔާގެ 11 ވަނަ ލަނޑު ޖަހައިދިނީ ވެސް ދާދުއެވެ. މާޒިޔާގެ ފަހު ދެ ލަނޑު އެ ޓީމުން ޖަހާފައިވަނީ މެޗުގެ ފަހު 10 މިނެޓުގެ ތެެރޭގައެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓުގައި ޓާނާ ލަނޑެއް ޖެހިއިރު، 90 ވަނަ މިނެޓުގައި ދާދު ވަނީ ލަނޑެއް ޖަހައިފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާއަށް ފަސް ލަނޑު ޖަހައިދިން ހަމްޕުއެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާއިން ލީގު ތާވަލްގެ އެއް މަގާމަށް ޖެހިލީ 24 ޕޮއިންޓާއެކުއެވެ. ދެވަނަ މަގާމުގައި އޮތް އީގަލްސްއަށް ލިބެނީ 22 ޕޮއިންޓެވެ. އަދި ތިން ވަނަ މަގާމުގައި އޮތް ވެލެންސިއާއަށް ލިބެނީ 13 ޕޮއިންޓެވެ.

comment ކޮމެންޓް