ސައުދީން ހައްޖުވެރީން މަރަނީ ކަމަށް އިރާނުން ބުނުމުން ސައުދީ ރުޅިގަދަވެއްޖެ

ސެޕްޓެމްބަރ 24، 2015: 1436 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްހާ އީދު ދުވަހު ހައްޖުވެރިން ޖަމްރާއަށް ހިލަ އުކުން -- ފޮޓޯ އޭޕީ

މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި މިނާގައި ޖަމްރާއަށް ހިލަ އުކަން އުޅުމުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ ހައްޖުވެރީން ފިތި ބާރުވެގެން މަރުވުމަކީ ސައުދީ އަރަބިއްޔާއިން ގަސްދުގައި ހިންގި ޖަރީމާއެއް ކަމަށް އިރާނުން ތުހުމަތު ކުރުމުން ސައުދީ އަރަބިއްޔާއިން އިރާނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

ޝީޢީ ދީނީ އިލްމުވެރިޔާ ނިމްރު ބާގިރު އަލް ނިމްރުގެ މައްޗަށް ސައުދީއިން މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން، ޝީޢީ އާބާދީ ބޮޑު އިރާނުން އެކަމާ ނުރުހުން ފާޅުކޮށް، އެގައުމުގައި ހުރި ސައުދީ ސަފާރާއަށް ހަމަލާ ދިނުމުގެ ސަބަބުން ދެގައުމުގެ ގުޅުން ހީނަރުވެ، ސައުދީއިން މި އަހަރުގެ ކުރީކޮޅު ވަނީ އިރާނާ ޚާރިޖީ ގުޅުންތައް މުޅިން ކަނޑާލާފައެވެ.

ދެގައުމުގެ ދެމެދުގައި ގުޅުން ކެނޑިފައިވާ އިރު، މިދިޔަ އަހަރު ހައްޖު މޫސުމުގައި މިނާގައި ހައްޖުވެރިން ޖަމްރާއަށް ހިލަ އުކަން އުޅުމުގެ ތެރޭގައި ގިނަ ބަޔަކު ފިތި ބާރުވެގެން މަރުވި ހާދިސާއާ ގުޅުވައި، އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ، އަލީ ޚާމަނާއީ މިދިޔަ ހަފްތާގައި ވިދާޅުވީ އެ ހާދިސާއަކީ ސައުދީ އަރަބިއްޔާއިން ގަސްދުގައި ހިންގި ކަމެއް ކަމަށެވެ.

އަލީ ޚާމަނާއީ ވަނީ "ހިތެއް ނެތް، އަދި ގަތުލު ކުރުމަށް ލޯބިކުރާ" ސައުދީ މީހުން އެ ހާދިސާ ހިނގުމަށް މެދުވެރި ކުރުވީ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެ ހާދިސާގައި އިރާނަށް ނިސްބަތްވާ 400 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.

މިކަމާ ގުޅިގެން މައްކާ ޕްރޮވިންސްގެ ގަވަރުނަރު، އަމީރު ޚާލިދު ބިން ފައިސަލް އަލް ސައުދު ވިދާޅުވީ އަރަބި މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފައްދަން ބަޔަކު މަސައްކަތް ކުރާ ނަމަ އެބަޔަކަށް ތެދުމަގު ދެއްކެވުން އެދޭ ކަމަށެވެ.

"އެކަމަކު އެމީހުން އަހަރެމެންގެ ގައުމަށް އަރައިގަންނަން ރާވާ ނަމަ، އެކަން ފަސޭހައަކުން ވިޔަ ނުދޭނަން. އަހަރެމެންނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރާ ބަޔަކަށް އެކަން ހާސިލުކުރަން ފަސޭހައެއް ނުވާނެ. އަހަރެމެން ދުނިޔޭގައި ތިބިހާ ދުވަހަކު މި ބިން އަހަރެމެންގެ އަތުން ބީވެގެނެއް ނުދާނެ،" މައްކާގެ ގަވަރުނަރު ޕްރިންސް ޚާލިދު ވިދާޅުވި އެވެ.

އަމީރު ޚާލިދު އިތުރަށް ވިދާޅުވީ، ހައްޖުގެ އަޅުކަން ސިޔާސީ ކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށާއި އެކަން ވެސް ހާސިލުވިޔަ ނުދެއްވާނެ ކަމަށެވެ. އަދި މިފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ދެ މިލިއަން މުސްލިމުން މައްކާއަށް ޒިޔާރަތްކޮށް، ހައްޖުގެ ހުރިހާކަމެއް އޮމާންކަމާއެކު ނިމިގެން ދިއުމަކީ، ސައުދީއާ ދެކޮޅަށް ދޮގު ހަބަރު ފަތުރައި އެގައުމުގެ އަބުރު ކަތިލާން މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު ރައްދެއް ކަމަށެވެ.

ސައުދީއާއި އިރާނުގެ ގުޅުން ކެނޑިފައިވާ އިރު، އިރާނުން އެގައުމުގެ އެއްވެސް ރައްޔިތަކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ވެސް ސައުދީއަށް ނުފޮނުވައެވެ. ސަބަބެއް ކަމުގައި އިރާނުން ބުނެފައިވަނީ، ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތްތަކުން އިރާނުގެ ހައްޖާޖީންނަށް ރައްކާތެރިކަން ފޯރުކޮށް ނުދޭނެތީ އެވެ.

އިރާނުގެ ހާޖީން ހައްޖު އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރުން ސައުދީއިން މަނާ ކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް އެގައުމުން ބުނެފައިވަނީ އިރާނު ރައްޔިތުން އެގައުމަށް ދަތުރުކުރަން ޖެހޭނީ ސައުދީއިން އެމީހުންނަށް ރައްކާތެރިކަން ފޯރުކޮށް ނުދޭނެކަން ދަނެގެން ކަމަށާއި، އެމީހުންނަށް ދިމާވާ ކަންކަމަށް ސައުދީއިން ޒިންމާ ނުނަގާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާއާއި އިރާނާ ދެމެދު މައްސަލަ ޖެހި، ސައުދީއިން އިރާނާ ގުޅުން ކަނޑާލުމާ ގުޅިގެން، ސައުދީ އަރަބިއްޔާއަށް ވާގިވެރިވާ ގިނަ ގައުމުތަކަކުން އިރާނާ ޚާރިޖީ ގުޅުން ވަނީ ކަނޑާލާފައެވެ. އަދި ރާއްޖެއިން ވެސް އިރާނާ އޮތް ޚާރިޖީ ގުޅުން ކަނޑާލި އެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ އެ ނިންމުމަކީ ސައުދީ އަރަބިއްޔާގެ ނުފޫޒެއް އައިސްގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ.

comment ކޮމެންޓް