އީރާނުގެ ރައީސްގެ ދަތުރުފުޅާބެހޭ މުހިއްމު ސުވާލުތަކެއްގެ ޖަވާބު!

އީރާނުގެ ރިޔާސީ ހެލިކޮޕްޓަރާ އެއްމަރުކާއެއްގެ ހެލިކޮޕްޓަރެއް

ތެހެރާން (19 މެއި 2024) : އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރަށް ކުރިމަތިވި ހާދިސާއާބެހޭގޮތުން އެ ގައުމުން ބުނެފައިވަނީ މޫސުން ވަރަށް ބޮޑަށް ގޯސްވުމާއެކު ދަތުރުކުރެވޭވަރު ނުވެގެން ކުއްލި ހާލަތުގައި "ވަރަށް އުނދަގޫ" ގޮތަކަށް އެ ހެލިކޮޕްޓަރު ފަރުބަދަތަކެއްގެ މަތީގައި ޖައްސަން ޖެހުނީކަމުގައެވެ.

ޙާދިސާ ހިނގީ ކޮންތަނެއްގައި؟

ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ރައީސް ދަތުރުކުރެއްވި ރިޔާސީ ހެލިކޮޕްޓަރު ޖެއްސީ އީރާނުގެ ގަވަނޭޓެއްކަމަށްވާ އިރުމަތީ އަޒަރުބައިޖާންގެ ސުންގޫން މައިންއާއި ދިޒްމާރު ޖަންގައްޔާ ދެމެދުގައިވާ ފަރުބަދަމަތީ ސަރަހައްދަކަށެވެ. މިއީ ވަރަށް ބޮޑަށް ޖަންގަލި ހެދިފައިވާ އަދި ބޯކޮށް ބިޔަ ގަސްތައް ހުރި ސަރަހައްދެކެވެ.

އެއީ އަވަސް އަވަހަށް މޫސުން ބަދަލުވާ ސަރަހައްދެއް!

އެއީ ކުއްލިކުއްލިއަށް ވައިގަދަވާ އަދި ހޫނުފިނިމިންވެސް ބަދަލުވާ އަދި ދުންފިނީގެ އަސަރުވެސް ދޭތެރެއަކުން ބޮޑުވެ އަދި ކުޑަވާ ވަރަށް ތަފާތު ތިމާވެއްޓަކާއި ތަފާތު މޫސުމެއް އޮންނަ ސަރަހައްދެއްކަމަށްވެއެވެ. އީރާނުގެ ދާޚިލީ ވަޒީރު އަހްމަދު ވަހީދީ ވިދާޅުވިގޮތުގައި އެސަރަހައްދުގެ މޫސުން ވަރަށް ގޯސްވެފައިވުމުންނާއި އަދި ބޯކޮށް ވާރޭވެހެމުންދާތީއާއި ދުންފިނީގެ ސަބަބުން ހެލިކޮޕްޓަރު ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަށް ވަގުތު ނަގާނެއެވެ.

ދަތުރުގައި ހިމެނެނީ ކޮންބައެއް؟

އީރާނުގެ ރައީސް ދަތުރުކުރެއްވި ރިޔާސީ ހެލިކޮޕްޓަރުގައި ރިޔާސީ ބޮޑީގާޑުންގެ އިތުރުން ތިއްބެވިކަމަށްވަނީ އީރާނުގެ ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާން އާއި އިރުމަތީ އަޒަރުބައިޖާން ސަރަހައްދުގެ ގަވަރުނަރު މަލިކު ރަހްމަތީ އާއި ތަބްރީޒު ސިޓީގެ ޖުމްއާ މަސްޖިދުގެ އިމާމު އާޔަތުﷲ އާލު ހާޟިމްއާއި މެދުފަންތީގެ ބައެއް މަސްއޫލުވެރިންނެވެ.

ކޮން މަރުކާއެއްގެ ހެލިކޮޕްޓަރެއް؟

އީރާނުގެ ރައީސް ދަތުރުކުރެއްވި ރިޔާސީ ހެލިކޮޕްޓަރަކީ ރަޝިއާގައި އުފައްދާފައިވާ "އެމް ވަން 171" މަރުކާގެ އަސްކަރީ ހެލިކޮޕްޓަރެކެވެ. މިއީ އެއްފަހަރާ އަޅާފިއުލްއިން 600 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ހެލިކޮޕްޓަރެކެވެ.

ޙާދިސާ ހިނގި ގޮތް އެނގުނީ ކިހިނެތް؟

މޫސުން ގޯސްވުމުގެ ސަބަބުން "ވަރަށް އުނދަގޫ" ގޮތަކަށް ޖައްސަން ޖެހުނުކަމަށްވަނީ ރައީސް އާއެކު ދަތުރުކުރި 3 ހެލިކޮޕްޓަރުގެ ތެރެއިން ރައީސް އިންނެވި ހެލިކޮޕްޓަރެވެ. އީރާނުގެ ދާޚިލީ ވަޒީރު ވިދާޅުވިގޮތުގައި މިކަން ސާފުވީ ރައީސް އާއެކު އެހެލިކޮޕްޓަރުގައި ދަތުރުކުރެއްވި ބޭފުޅަކު އެހާދިސާ ހިނގިތަނާ ކުރެއްވި ފޯނު ކޯލަކުންނެވެ.

އެކޯލުގައި ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަރަށް އުނދަގޫ ގޮތަކަށް ޖައްސަން ޖެހުނުކަން އޭނާ ބަޔާންކުރީ ވަރަށް ރޭންޖް ދަށްކޮށް އައި އަޑަކުންނެވެ. އަދި އެކޯލް ފަހުން ކެނޑުނީއެވެ. މިހާދިސާގައި އެހެލިކޮޕްޓަރު އެއްކޮށް ހަލާކުނުވާކަން އެނގެނީ މިފަރާތުގެ ފޯނު ކޯލުގެ ސަބަބުންނެވެ. އީރާނުގެ ރައީސް ސަލާމަތުން ހުންނެވިކަމުގެ އުންމީދު އޮތީ މި ފޯނު ކޯލުގެ ސަބަބުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު