ސްވިމިން ޓްރެކުގައި ކަޅުތެޔޮ، ކަންބޮޑުވުން އޮތީ އިންތިހާ އަށް

އީދު ފާހަގަކުރުމުގެ ގޮތުން ބަޔަކު ސްވިމިން ޓްރެކް އަށް ކަޅުތެޔޮ ޖަހާފައި: އެކަމުގެ ސަބަބުން އެތަން ބޭނުންކުރާ ގިނަ ބަޔަކަށް ގެއްލުންތަކެއް ވެގެންދާނެ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މާލޭ އިރުދެކުނު ފަރާތު މޫދަށް އެރުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސްވިމިން ޓްރެކް ނުވަތަ މާލޭ ފަތާފެންގަނޑަކީ ގިނަ އަދަދެއްގެ އާންމުން ބޭނުންކުރާ ސަރަހައްދެކެވެ. އެ ސަރަހައްދަށް ލިބޭ ގެއްލުމަކީ މާލޭގައި މޫދަށް އެރޭ ކޮންމެ މީހަކަށް ވެސް ލިބިގެންދާނެ ގެއްލުމެކެވެ.

އަޟްހާ އީދު ފާހަގަ ކުރުމަށް ބަޔަކު ވަނީ ސްވިމިން ޓްރެކްގެ މުޑުދާރުކޮށްފަ އެވެ. އެކަމުގެ ސަބަބުން އެ ތަނަށް މޫދަށް އެރޭ ގިނަ ބަޔަކަށް ގެއްލުންވެގެންދާނެ އެވެ. ސިއްހީ ގޮތުން ވެސް އާންމުންނަށް އެކަމުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވާނެ އެވެ. މޫދުގެ ފެންގަނޑު ތަޣައްޔަރުވެ، މޫދުގައި އުޅޭ ދިރޭތަކެއްޗަށް އޭގެ ސަބަބުން އުނދަގުލާ ކުރިމަތިވާނެ އެވެ.

އީދު ފާހަގަކުރުމުގެ ގޮތުން ބަޔަކު ސްވިމިން ޓްރެކް އަށް ކަޅުތެޔޮ ޖަހާފައި: އެކަމުގެ ސަބަބުން އެތަން ބޭނުންކުރާ ގިނަ ބަޔަކަށް ގެއްލުންތަކެއް ވެގެންދާނެ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އީދު ފާހަގަކުރުމަށް ބަޔަކު ވަނީ ރޭގެ ވަގުތެއްގައި ޕްލެޓްފޯމްތައް މައްޗަށާއި މޫދަށް ކަޅުތެޔޮ އަޅައި، ޕްލެޓްފޯމްތަކަށް ގެއްލުން ވެސް ދީފަ އެވެ. އެތަނަކީ އެކި އުމުރުފުރާތަކުގެ މީހުން ފަތަން ދަސްކުރުމަށާއި، މޫދަށް އެރި ހިތްފަސޭހަކޮށްލުމާ ބޭނުންކުރާ ސަރަހައްދެކެވެ.

އީދު ފާހަގަކުރުމުގެ ގޮތުން ބަޔަކު ސްވިމިން ޓްރެކް އަށް ކަޅުތެޔޮ ޖަހާފައި: އެކަމުގެ ސަބަބުން އެތަން ބޭނުންކުރާ ގިނަ ބަޔަކަށް ގެއްލުންތަކެއް ވެގެންދާނެ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ގައުމީ އެތުލީޓުން ވެސް ތަމްރީންތައް ހެދުމަށް އާންމުކޮށް ބޭނުންކުރަން ޖެހޭ ތަނަކީ ސްވިމިން ޓްރެކެވެ. އެކަމުގެ ސަބަބުން ގައުމީ އެތުލީޓުންނާއި އާންމުންގެ ގިނަ ބަޔަކަށް އެތަކެއް ގެއްލުންތަކެއް ވެގެންދާނެ އެވެ.

އެކަމާ ގުޅިގެން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ވަނީ ނެރެފަ އެވެ. ރައްޔިތުންގެ އެތައްބަޔަކު ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ހިންގަމުންދާ ސަރައްހައްދަކަށް ކަޅުތެޔޮ އަޅައި އެތައްބަޔަކަށް އޭގެ ގެއްލުން ލިބޭނެފަދަ ނާތަހުޒީބު ކަންކަން ކުރުމަކީ ތަހުޒީބީ މުޖްތަމައެއްގައި ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް އެ އެސޯސިއޭޝަނުން ދެކެ އެވެ.

އީދު ފާހަގަކުރުމުގެ ގޮތުން ބަޔަކު ސްވިމިން ޓްރެކް ސަރަހައްދަށް ކަޅުތެޔޮ ޖަހާފައި: އެކަމުގެ ސަބަބުން އެތަން ބޭނުންކުރާ ގިނަ ބަޔަކަށް ގެއްލުންތަކެއް ވެގެންދާނެ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

"މާލޭ ސްވިމިން ޓްރެކް ސަރަހައްދުގެ ސާފުތާހިރުކަން ދަމަހައްޓައި، ރައްކާތެރި ތަނެއްގެ ގޮތުގައި ސާފުތާހިރުކަންމަތީ އެ ސަރަހައްދު އަބަދުވެސް ދެމިއޮތުމަކީ ސްވިމިން ޓްރެކް ސަރަހައްދު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމުގައި ވާތީވެ، ސްވިމިން ޓްރެކް ސަރަޙައްދު ހަޑިވާނެފަދަ އަދި އެތަނުގައި ހުރި ތަކެއްޗަށް ގެއްލުން ލިބޭނެފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް މިއެސޯސިއޭޝަނުން އިލްތިމާސް ކުރަމެވެ..،" ސްވިމިން އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިއަދު ވެސް ގިނަ އަދަދެއްގެ ބަޔަކު ސްވިމިން ޓްރެކްގައި މޫދަށް އެރެމުން އެބަދެ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ގިނަ އަދަދެއްގެ ޒުވާނުން ހިމެނެ އެވެ. އެއްބަޔަކު މަޖާކޮށްލުމަށް މޫދަށް އެރެމުންދާ އިރު، ބައެއް މީހުން ދަނީ ކަސްރަތުގެ ގޮތުން މޫދަށް އެރެމުންނެވެ.

ބައެއް މީހުން މޫދަށް އެރުމަށް މިއަދު ސްވިމިން ޓްރެކް ބޭނުންކުރަނީ: އީދު ފާހަގަކުރުމުގެ ގޮތުން ބަޔަކު ވަނީ ސްވިމިން ޓްރެކް އަށް ކަޅުތެޔޮ ޖަހާފައި --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ސްވިމިން ޓްރެކް ސަރަހައްދަށް މިހާރު ލިބިފައިވާ ގެއްލުމާ އެކު އެތަން ސާފް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަން ކުރި ބައެއްގެ އާއިލާތަކުން ވެސް އެތަން ބޭނުން ކުރާނެ އެވެ. އެފަދަ ކަންތައްތައް ކުރުމުގެ ކުރިން ލިބޭނެ ގެއްލުންތަކަށް އެންމެން ވެސް ވިސްނާލަން އެބަޖެހެ އެވެ.

comment ކޮމެންޓް