މާލޭ އިރުދެކުނު ފަރާތުގައި ގާއިމު ކުރަމުންދާ ސްވިމިންގް ޓްރެކްގައި ޑައިވިންގް ޕްލެޓްފޯމެއް ހަދަން ބޭނުންވާތީވެ، މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާ އިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓު ސައިޓް ބަލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނީ މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި މާލޭ އިރު ދެކުނު ފަރާތު ސްވިމިންގް ޓްރެކްގައި ކަމަށާއި، ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ 11:00 ގައި ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މީޓިންގް ރޫމް ގައެވެ.
ސްވިމިން ޓްރެކް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މާޒިޔާ ކޮންސްޓްރަކްޝަންސް އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގެ ދަށުން 120 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ.
މާލޭގައި ގިނަ ބަޔަކު މިހާރުވެސް ބޭނުން ކުރަމުން އަންނަ ފަތާ ޓްރެކް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް، މާޒިޔާ ކޮންސްޓްރަކަޝަނަށް ކުރިޔަށް ނުގެންދެވިފައި އޮތީ، ފަތާ ޓްރެކް ސަރަހައްދުގައި އަޅަން ގަސްތުކުރި އިމާރާތް އެޅުމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ލިބެން ޖެހޭ ހުއްދަތައް ނުލިބިގެން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ކުރިން ބުނެފަ އެވެ.
އެކަމަކު އީއައިއޭ ހެދުމަށް އަދި ކޮވިޑާ ގުޅިގެން އައި މެދުކެނޑުމަށްފަހު މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާ އިރު، މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު އަހުމަދު މަހްލޫފް ވަނީ މިފަހުން ވިދާޅުވެފަ އެވެ.
ފަތާ ޓްރެކް ޒަމާނީ ފެންވަރަށް ތަަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު އެ ސަރަހައްދުގައި ޗޭންޖިންގް ރޫމަކާއި، ފެންވެރޭނެ ފާހާނާ ބަރިއެއް ގެ އިތުރުން، މީހުންނަށް އިށީނދެވޭނެހެން ހިޔާ ކުރެވިފައިވާ ސިޑި ބަރިއެއް ދަނީ ހަދަމުންނެވެ.