ހުޅުމާލޭގެ މަލްޓި ޕާޕޯސް ކުޅިވަރު އިމާރާތުގައި ގާއިމު ކޮށްފައިވާ ސްވިމިންގް ޕޫލް، މެންބަރޝިޕް އުޞޫލުން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ނިންމައިފި އެެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ގާއިމް ކުރެވިފައިވާ ސްޕޯޓް ކޮމްޕްލެކްސް ޔޫތް މިނިސްޓްރީއާއި ހަވާލުކުރިއިރު މި ކޮމްޕްލެކްސްގައި 25 މީޓަރުގެ ސްވިމިންގް ޓްރެކްއެއްގެ އިތުރުން ޖިމްއެއް ގާއިމް ކޮށްފައިވެ އެވެ. އަދި އެއަށް ފަހު ސްވިމިންގް ޕޫލް ބަލަހައްޓަން ސްވިމިންގް އެސޯސިއޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ.
ސްވިމިންގ ޕޫލުގެ މެންބަރޝިޕް ފީ ނެގުމަށް ހަމަޖެހިފައިވާ އުޞޫލު:
އާންމު ދިވެހިންގެ މެންބަރޝިޕްފީ: މަހަކު 1500.00 (ފަނަރަސަތޭކަ) ރުފިޔާ ނުވަތަ ދުވާލަކު 150.00 (އެއްސަތޭކަ ފަންސާސް) ރުފިޔާ. – (ދުވާލަކު އެއް ގަޑިއިރު)
ބިދޭސީންގެ މެންބަރޝިޕްފީ: މަހަކު 3000.00 (ތިންހާސް) ރުފިޔާ ނުވަތަ ދުވާލަކު 300.00 (ތިންސަތޭކަ) ރުފިޔާ. – (ދުވާލަކު އެއް ގަޑިއިރު)
އެހެނިހެން ކަންކަން:
މި ޕޫލު ބޭނުންކުރަން ފުރުސަތު ދޭނީ ޕޫލު ބުކްކުރާ ތަރުތީބުން އިސްކަންދޭ އުސޫލުން ކަމަށް ސްވިމިންގް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
ޢާންމު ފަރާތްތަކަށް ޕޫލު ބޭނުންކުރުމުގެ ފުރުޞަތު ދެވޭނީ، ފެތުމުގެ ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނާއި ސްވިމިންގް އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތައް ފިޔަވައި އިތުރު ވަގުތުތަކުގަ އެވެ.
ހުކުރު އަދި ހޮނިހިރު ދުވަސް ޚާއްސަކޮށްފައި ވަނީ އާއިލާތަކަށާއި ގުރޫޕް ތަކަށެވެ. އާއިލާ ތަކަށާއި ގްރޫޕްތަކަށް ވެސް ޕޫލު ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ޕޫލުފީ ދެއްކުމަށްފަހު އެވެ.
މީގެ އިތުރުން، މުބާރާތްފަދަ އިވެންޓްތައް ބޭއްވުމަށް ޕޫލުދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެހެންމެ މަހުން މަހަށް ފީ ދައްކާބޭފުޅުންނަށް ސްލޮޓް އެލޮކޭޓްކުރެވޭނެ ކަމަށާއި އެނޫން ގަޑިތަކުގައި އެފަރާތްތަކަށް ބޭނުން ނުކުރެވޭނެ އެވެ. ސްލޮޓް އެލޮކޭޓް ކުރުމުގައި ހަފްތާ ބަންދު ނުހިމެނޭނެ އެވެ.
ކޮންމެ ބޭފުޅަކަށް ވެސް ޕޫލު ބޭނުންކުރަން ލިބޭނީ ދުވާލަކު އެއްގަޑިއިރަށެވެ.