ލިވަޕޫލްއާ ގުޅުމަކީ ހަޔާތުގައި ނިންމުނު އެންމެ ގޯސް ނިންމުން ކަމަށް އިޓަލީ ފޯވަޑް މާރިއޯ ބަލޮޓެލީ ބުނެފި އެވެ.
އޭސީ މިލާނުން 2014 ވަނަ އަހަރު ލިވަޕޫލްއާ ގުޅުނު ބަލޮޓެލީ އަށް އެ ކްލަބުގައި ވިދާލެވިފައެއް ނުވެ އެވެ. މިދިޔަ ސީޒަނުގައި ލޯނުގެ ދަށުން ބަލޮޓެލީ އަލުން މިލާނަށް ކުޅުނު ނަމަވެސް، އޭނާ އަށް އެ ކްލަބުގައި ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

ލިވަޕޫލުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ނީސްއާ ގުޅުނު އިޓަލީ ފޯވަޑް މާރިއޯ ބަލޮޓެލީ: އޭނާ ވަނީ ނީސް އަށް ކުޅުނު ފުރަތަމަ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައި ---
މި ސީޒަނުގައި ލިވަޕޫލް ދޫކޮށް ފްރާންސްގެ ނީސްއާ ބަލޮޓެލީ ގުޅިފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ނީސްއާ ގުޅުމަށްފަހު ފްރާންސް ލީގުގައި އޭނާ ކުޅުނު ފުރަތަަމަ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައިވެ އެވެ. ރޭ ކުޅުނު އެ މެޗުގައި މާސޭ އަތުން ނީސް މޮޅުވެފައިވަނީ 3-2 ލަނޑުންނެވެ.
"ލިވަޕޫލްއާ ގުޅުމަކީ އަހަރެންގެ ހަޔާތުގައި ހެދުނު އެންމެ ގޯސް ނިންމުން. އަހަރެންނަށް އެ ކްލަބުގައި ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިންނާއެކު ވަރުގަދަ ގުޅުމެއް ބިނާ ކުރެވުނު. އެކަމަކު އެ ކްލަބަކީ އަހަރެން ހިތްއެދޭ ކްލަބެއް ނޫން،" އުމުރުން 26 އަހަރުގެ އިޓަލީ ފޯވަޑް ބަލޮޓެލީ ބުންޏެވެ.
ބަލޮޓެލީ ބުނީ، ލިވަޕޫލްގައި ދެ ކޯޗުންގެ އިރުޝާދާއެކު ކުޅެން ޖެހުނު ކަމަށާއި އެ ދެ ކޯޗުން ގެންގުޅޭ ސިސްޓަމްތައް ރަނގަޅު ނޫން ކަމަށެވެ.