ދެވަނަ ހާފުގެ ލަނޑުތަކާއެކު ޗައިނާއިން ރާއްޖެ ބަލިކޮށްފި

ޗައިނާއާއި ރާއްޖެ ބައްދަލުކުރި އެކުވެރިކަމުގެ ފުޓުބޯޅަ މެޗުގެ ތެރެއިން--

ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ޗައިނާއާ ދެކޮޅަށް ކުޅެ، 3-0 ގެ ނަތީޖާއަކުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.

ޗައިނާގެ ޗޮންގްކިންގް ލޯންގްޒިން ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޑިފެންސްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، ކީޕަރު ހުސެއިން ޝަރީފް (ހުސެން) އާއި ސެންޓްރަލް ޑިފެންޑަރުން ވަނީ ޗައިނާގެ ހަމަލާތައް ދިފާއުކޮށް، ފުރަތަމަ ހާފު 0-0 އިން އެއްވަރުކޮށް ނިންމާލާފައެވެ.

ނަމަވެސް، ދެވަނަ ހާފު ފަށައިގެން ޗައިނާއިން ވަނީ ކުޅުން ވަރުގަދަކޮށް، މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ.

ޗައިނާއިން މެޗުގެ ލީޑު ނެގީ ދެވަނަ ހާފުގެ ހަވަނަ މިނެޓުގައި (51 ވަނަ މިނެޓުގައި) ވަންގް ޒިމިންގް ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ފަސް މިނެޓު ފަހުން، މެޗުގެ 56 ވަނަ މިނެޓުގައި އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން އޭނާ ވަނީ ޗައިނާގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 64 ވަނަ މިނެޓުގައި ވަންގް ޒިމިންގް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ޗައިނާއަށް 3-0 ގެ މޮޅެއް ހޯދައިދީފައެވެ.

މިއީ 2021 ވަނަ އަހަރަށްފަހު ރާއްޖެއާއި ޗައިނާ ބައްދަލުކުރި ފުރަތަމަ މެޗެވެ.

މި މެޗަށް ރާއްޖޭގެ ކޯޗު އިސްތަވާން އުރްބާނީ ވަނީ އާންމުކޮށް ފުރަތަމަ އެގާރައިގައި ނުހިމެނޭ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. އެގޮތުން، އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އާއި މުޒްދާން ހަސަން ވަނީ ސީނިއާ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އެމީހުންގެ ފުރަތަމަ މެޗު ކުޅެފައެވެ.

މިއީ ބައިނަލްއަގުވާމީ މެޗުތަކުގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅުނު ހަތްވަނަ މެޗަށްވާއިރު، މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ.

މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖޭގެ ޓީމު ދެން ދަތުރުކުރާނީ ކިރްގިސްތާނުގެ ބިޝްކެކަށެވެ. އެގޮތުން، މި މަހުގެ 28 ވަނަ ދުވަހު ކިރްގިސްތާނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ލުބުނާނާ ދެކޮޅަށެވެ.

comment ކޮމެންޓް