ފްރާންސް ލީގުގައި ނީސް އަށް ކުޅުނު ފުރަތަމަ މެޗުގައި އިޓަލީ ފޯވަޑް މާރިއޯ ބަލޮޓެލީ ކާމިޔާބުކުރި ދެ ލަނޑާއެކު މާސޭ އަތުން މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި މާސޭގެ މައްޗަށް ނީސް ކުރި ހޯދާފައިވަނީ 3-2 ލަނޑުންނެވެ. މެޗުގައި ނީސް އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިން ބަލޮޓެލީ އަކީ ލިވަޕޫލުން ހިލޭ ޓްރާންސްފާއެއްގެ ދަށުން މި ސީޒަނުގައި ނީސްއާ ގުޅުނު ކުޅުންތެރިއެކެވެ.
ލީގުގައި ނީސް އޮތީ ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު ލީގުގެ ދެ ވަނައިގައެވެ. އެއް ވަނައިގައި އޮތް މޮނާކޯ އަށް ވެސް ހަަތަރު މެޗުން ދިހަ ޕޮއިންޓް ލިބިފައިވާ އިރު، ނީސް އަށްވުރެ ކުރީގައި މޮނާކޯ އޮތީ ގޯލުގެ ތަފާތުންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ.
ރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނެޓުގައި ނީސް އިން ލީޑު ހޯދައިފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ބަލޮޓެލީ އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުކޮށްލާފައިވަނީ މާސޭ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ 14 ވަނަ މިނެޓުގައި އާރޮން ލެޔާ ދިން ބޯޅައަކުން މާސޭ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ފްލޮރިއަން ތައުވިން އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މާސޭ އިން ވަނީ ލީޑު ހޯދައިފަ އެވެ. މާސޭ އަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ކެޕްޓަން ބަފެޓިމްބީ ގޯމިސް އެވެ. އޭގެ ހަ މިނެޓް ފަހުން ބަލޮޓެލީ ވަނީ ނީސް އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްދިނީ ރިކާޑޯ ޕެރޭރާ ނަގައިދިން ހުރަހަކުން ބޮލުން އުފެއްދި ހަމަލާއަކުންނެވެ.
މެޗުގައި ނީސް އިން އަލުން ލީޑު ހޯދާފައިވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. ޔޫނުސް ބެލްހަންޑާ ދިން ބޯޅައަކުން ނީސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ވީލާން ސިފްރިއަން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ދުރުން އުފެއްދި ބާރު ހަމަލާއަކުންނެވެ.