އީދު: އަތޮޅުތެރެއިން މާލޭގެ މައްޗަށް ކުރި ހޯދާ ދުވަސް!

ގދ. ފަރެސްމާތޮޑާގައި އީދު ފާހަގަ ކުރުން --- ފޮޓޯ/ އިބްރާހީމް ދާއޫދު

ޑޮކްޓަރަށް ދައްކަން ވެސް މާލެ އެވެ. ކިޔަވަން ވެސް ވެރިރަށަށެވެ. އެއްޗެއް ގަތުމަށް ވެސް މިތަނަށެވެ. ހިދުމަތެއް ހޯދަން ވިޔަސް މިތަނަށެވެ. ކިތަންމެ އަންނަހިތް ނުވިޔަސް އަތޮޅުތެރޭ މީހުން މާލެ ނައިސް ވާކަށް ނޯވެ އެވެ. އެއީ ގިނަ ކަންކަމުގައި އޮތްގޮތެވެ. ނަމަވެސް އެ ހާލަތު ބަދަލުވާ އެއްކަންތައް އެބައޮތެވެ. އެއީ އީދެވެ. ކުރިން ހިދުމަތްތައް ހޯދުމަށް އަތޮޅުތެރޭ މީހުން މާލެއަށް އައުމަށް މަޖުބޫރުވާ ފަދައިން އީދު އުފާ ހޯދުމަށް މާލެއަށް ނިސްބަތްވާ މީހުން ނުވަތަ މާލޭގައި ދިރިއުޅޭ ރައްޔިތުން މަޖުބޫރު ވަނީ އަތޮޅުތެރެއަށް ދާށެވެ.

ގައުމީ ދުވަހާއި މިނިވަން ދުވަސް ވިޔަސް އެ ހުރިހާ ފޯރިއެއް ވެސް އޮންނަނީ މާލޭގަ އެވެ. ހަވާ އެރުވިޔަސް އެ އުފާވެސް އޮތީ މާލޭގައެވެ. އަތޮޅުތެރޭގައި ކުލަ ގަދަކޮށް ފާހަގަ ކުރަނީ މަދު ދުވަހެކެވެ. ނަމަވެސް އަތޮޅުތެރެއަށް ނިސްބަތްވާ ރައްޔިތުން އެކަތިގަނޑަކަށްވެ ކުރާ މަސައްކަތުން ފާހަގަ ކުރާ އީދު ވެފައި ވަނީ މާލެ ފަޅުކުރުވާ ހަރަކާތަކަށެވެ.

ށ. މިލަންދޫގައި 1436 ވަނަ އަހަރުގެ އަޟުހާ އީދު ފާހަގަކުރަނީ --- ސަން ފޮޓޯ/ ކިޔުންތެރިއެއް

އަތޮޅުތެރޭ އެތައް ކުޅިވަރެއް!

ޒަމާނުން ފެށިގެން މިއަދާ ހަމައަށް ވެސް އެންމެ ފޯރިއާއެކު ފާހަގަ ކުރާ އީދަކީ އަޟްހާ ޢީދު (ބޮޑު އީދު) އެވެ. ކުޑައީދާއި ހިލާފަށް ބޮޑު އީދަކީ އެތައް ކުޅިވަރުތަކެއް ކުޅޭ އީދެކެވެ. މުނިފޫހި ފިލުވުމުގެ އެކިއެކި ހަރަކާތްތައް ހިންގާ ފަރާތްތަކަށް ވެސް އެންމެ ޑިމާންޑް ބޮޑު އީދަކީ ބޮޑު އީދެވެ.

ރާއްޖޭގެ ހުރިހާ ހިސާބްތަކަށް ބަލާއިރު އިއްޔެއިން ފެށިހެން އީދުގެ ހަރަކާތްތައް މިވަނީ ފެށިފަ އެވެ. މިއަދު އީދު ނަމާދަށް ފަހު ރަށު ރައްޔިތުން އެއްވެ އެއްތަނަކުން ސައިބުއިމާއި އުލްހިޔާ ކަތިލައިފި އެވެ. ކޯޑިކެނޑުމާއި ދަފިލުން އަދި ތަފާތު ސުޓޭޖް ޝޯތައް ފަދަ އެތައް ހަރަކާތްތަކެއް އެވަނީ ރޭވިފައެވެ.

ހދ. މަކުނުދޫގައި އީދު ފާހަގަކުރުމުގެ ގޮތުން ފެންކުޅި ކުޅެނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް

ފެންކުޅި ކުޅުމާއި ކުލަ ޖެހުންފަދަ ހަރަކާތްތައް ފޯރިއާއެކު ކުރިއަށް އެބަދެ އެވެ. ގިނަ އާއިލާތަކެއް އެއްވެ ބޮޑު ކެއްކުމާއި ރަށު ރައްޔިތުން އެއްވެ ކެއްކުންފަދަ ހަރަކާތްތައް އެތައް ރަށެއްގައި ކުރިއަށް އެބަދެއެވެ. އަތޮޅުތެރޭ އީދު ކިތަންމެހާ ވެސް ފޯރިގަދައެވެ.

މާލޭގެ އީދު ފޫހީ ކީއްވެ؟

ހ. ނަވާގަން، 74، އަލީ މޫސާ ދީދީ ވިދާޅުވާ ގޮތުގައި މީގެ ޒަމާންތަކެއް ކުރިއަށް ބަލާއިރު މާލޭގައި ވަރަށް އީދު ފޯރި އޮވެ އެވެ. އޭރު އީދު ދުވަހުގެ އުފާ ފާޅުކުރުން ފެށުމުގެ ގޮތުން އީދުވިލޭރޭގެ ފަތިސް ނަމާދަށް ފަހު "އީދު އަވެލި" ކެއުމުގެ ހަރަކާތްތައް އޭރު މާލޭގައި ފަށާއިރު އީދު ނަމާދަށް ފަހު ވެސް ހާއްސަ ކަންކަންތަކެއް އޮންނަ ކަމަށް މޫސާ ދީދީ ވިދާޅުވި އެވެ. އެގޮތުން އުޟްހިޔާއަށް ކަތިލުމާއެކު ސަގާފީ ކުޅިވަރުތައް ފަށައެވެ. ހާއްސަ ކުޅިވަރުތަކުގެ ތެރޭގައި އޭރު މަންޑި، ދަނޑި ޖެހުން، ގުޅަމަތި، ތިން މުގޯލި ފަދަ ކުޅިވަރުތައް ހިމެނެ އެވެ. އޭރު އަންހެން ވެރިންނަށް ހާއްސަކޮށް އޮންނަނީ ގަނޑު ފިއްލާ ކުޅުމެވެ.

"ވަރަށް އެކުވެރި ޖައްވެއް އޮންނަނީ، ފިތުނަފަސާދަ އެއްވެސް ވަރަކަށް ނޯންނާނެ. އަނެއްކާ އަހުލާގީ ފެންވަރު އާދަޔާއި ހިލާފަށް ރަނގަޅުވާނެ، އަންހެންވެރިން ތިބޭނީ އެއްތަނެއްގައި، ފިރިހެން ވެރިން ތިބޭނީ އެއްތަނެއްގައި، ކައިވެނި ހެޔޮވާ ބަޔަކު އެއްބަޔަކު އަނެއްބަޔަކު ކުރާކަމެއްގެ ތެރެއަށް ނުވަންނާނެ،" އޭރު މާލޭގެ އީދު ދުވަސް ސިފަކޮށްދެމުން މޫސާ ދީދީ ވިދާޅުވި އެވެ.

ނަމަވެސް މިއަދު އީދު ދުވަހު ރާއްޖޭގައި އެންމެ ފަޅު ރަށަކީ މާލެއެވެ. މަގުމަތީ ބާއްވާ ހިނގާލުމަކާއި ސުޓޭޖް ޝޯއެއް ނޫނީ ފޫހިފިލުވާލާފަދަ ހަރަކާތްތަކެއް ނޯވެއެވެ. އީދު ދުވަހު ބަލަން ބޭނުންވާ ސަގާފީ ކަންކަން ނުފެނެއެވެ. ގިނައިން ފެންނަނީ ޒަމާނީ މިއުޒިކީ ޝޯއަކުން އީދު ފާހަގަ ކޮށް ނިންމާލާ މަންޒަރެވެ. މިހެން މިވަނީ ކީއްވެ ހެއްޔެވެ؟

އަދަބިއްޔާތާއި ޅެންވެރިކަމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލްކޮށްފައިވާ މުހައްމަދު އާމިރު (ފަރެސް އާމިރު) ވިދާޅުވި ގޮތުގައި އޭގެން ފެންނަނީ އިޖްތިމާއީ ގުޅުން ކަމަށެވެ. އަތޮޅުތެރޭ ކުޅިވަރުތައް ފޯރިގަދަވަނީ އެންމެން ގުޅިގެން އެކަމެއް ކުރަން ބޭނުންވެގެން ކުރާތީ ކަމަށާއި މާލޭގައި އެރޫހެއް ނެތް ކަމަށް އާމިރު ވިދާޅުވިއެވެ.

މާލޭގެ އަވަށު ހަރަކާތްތައް އުވިގެން ހިނގައްޖެ، މާލޭގެ ދިރިއުޅުން ބުރަވެއްޖެ، އެއްޗެއް ކުޅެލާނެ ތަންކޮޅެއް ނެތް، ކުޅެލާނެ ވަގުތެއްވެސް ނެތް، ފަރެސް އާމިރު

އާމިރު ވިދާޅުވީ މާލޭގައި އުޅެންޖެހިފައިވާ ހިތްދަތި އަދި ބުރަ ދިރިއުޅުމުގެ ސަބަބުން ވެސް އުފާވެރި ކަމެއް މާލެއިން ނުލިބޭ ކަމަށެވެ.

އއ. އުކުޅަހުގައި 1436 ވަނަ އަހަރުގެ އަލްހާ އީދު ފާހަގަކުރަނީ --- ސަން ފޮޓޯ/ ކިޔުންތެރިއެއް

މާލެ ފަޅުވެއްޖެ

މިދިޔަ ބުރާސްފަތި ދުވަހު މާލޭގެ ބަނދަރު ސަރަހައްދު ވަނީ ތޮއްޖެހިފަ އެވެ. ލޯންޗުތަކާއި ދޯނިތައް ފުރާ މީހުން ފުރަނީ އެވެ. އެތެރޭގެ އުދުހުންތަކަށް ބަލާއިރު ޑިމާންޑް ބޮޑުވެ އިތުރަށް އެތައް ފުލައިޓެއް ބާއްވަން ޖެހުނެވެ. އެގޮތުން ރަސްމީކޮށް އީދު ފާހަގަކުރާ ލ. އަތޮޅަށް 10 ފުލައިޓް އިތުރަށް ބޭއްވިއިރު ހަނިމަދޫއަށް ވަނީ އިތުރަށް ހަ ފުލައިޓް ބާއްވާފަ އެވެ. އަދި ފުވައްމުލަކަށް ވަނީ ޝެޑިއުލްގެ އިތުރުން ހަތަރު ފުލައިޓް ބާއްވާފަ އެވެ. އެހެން ސަރަހައްދުތަކަށްވެސް ފުލައިޓް އިތުރުކުރިއެވެ. އެވަރުންވެސް ޑިމާންޑަށް ކޭޓާ ނުކުރެވުނެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ ފުލައިޓް ޑިމާންޑް ބޮޑުވެ އިތުރު ފުލައިޓްތަކެއް ބޭއްވުމުން ވެސް ޓިކެޓު ފުލްވެފައިވާ ކަމަށެވެ.

ދަތުރުފަތުގެ ޑިމާންޑް އިންތިހާއަށް އިތުރުވިއިރު މާލެ ކައިރި ރަށްރަށުގެ ގެސްޓް ހައުސްތަކަށްވެސް ވަނީ ބާރުބޮޑުވެފަ އެވެ. ނުވަ ދުވަހުގެ ރަސްމީ ބަންދެން ލިބިގެންދިއުމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅޭ ފަރާތްތަކުން ވެސް ވަނީ ރަށްރަށަށް ގޮސްފަ އެވެ. ސްކޫލު ބަންދެކޭ ތަފާތެއް ނެތެވެ.

ށ. މިލަންދޫގައި 1436 ވަނަ އަހަރުގެ އަލްހާ އީދު ފާހަގަކުރަނީ --- ސަން ފޮޓޯ/ ކިޔުންތެރިއެއް

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަލާއިރު މާލޭގެ މަގުތަކުން ފެންނަނީ ފަޅުކަމެވެ. މީގެ ކުރިން ބާރުބޮޑު ތޮއްޖެހިފައިވާ މަގުތަކަށް ހަމަނޭވާއެއްލުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. އީދަށް ބާޒާރާއި ފިހާރަތަކަށް ބަލާއިރުވެސް ފަޅުކަން ފާހަގަވެއެވެ.

"ވަރަށް ވިޔަފާރިތައް، މީހުން އީދަށް ފުރި ތިން ދުވަހު ރަނގަޅު، އެކަމަކު ދަށް، މިއީ ހަމަ ކޮންމެ އީދެއް ވެސް ހާލު، ބޮޑު އީދުގައި މިކޮޅުގައި ނޯވޭ ކަމެއް،" ދަތުރުވެރިން މާރުކޭޓުގެ ވިޔަފާރިވެރިއަކު ބުންޏެވެ.

ރާއްޖޭގެ ހުރިހާ ކަމެއް އޮތީ މާލޭގަ އެވެ. ހިދުމަތްތަކާއި ސަރުކާރުތަކުން ގިނައިން ކުރާކަން ކަމެވެ. ނަމަވެސް މި މާލޭގައި އިޖްތިމާއީ ގުޅުމެއްނެތެވެ. އެކުވެރި ކަމުގެ ރޫހު ކުޑައެވެ. ނަތީޖާއަކީ އީދު ދުވަހު އަތޮޅުތެރެއިން މާލޭގެ މައްޗަށް ކުރި ހޯދުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް