އިސްލާމީ އުންމަތް މިއަދު ވަނީ އާދަޔާ ހިލާފު ހާލަތެއްގައި ކަމަށާއި އުންމަތް ސަލާމަތް ކުރުމަށް ވެރިންނާއި ރައްޔިތުން އެކަތިގަނޑަކަށްވެ، މުސްލިމު ގައުމުތަކަށް އެހީތެރިވުމަށް ހައްޖު ހުތުބާގައި ގޮވާލައިފި އެވެ.
ތިރީސް ފަސް އަހަރަށް ފަހު، އަލަށް ހައްޖު ހުތުބާ އިއްވެވި ހަރަމްފުޅުގެ އިމާމުގެ އަދި ދެ ހަރަމުގެ ރައީސް ޑރ. އަބްދުއްރަހުމާން އަލް ސުދައިސް ވިދާޅުވީ އިސްލާމީ އުންމަތް ސަލާމަތް ކުރުމަށް އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ އަތުގުޅާލަން ޖެހޭ ކަމަށެވެ. އަނިޔާވެރިނުވެ، މަޝްވަރާކޮށްގެން ކަންތައްތައް ހައްލު ކުރަން ޖެހޭ ކަމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.
"އިސްލާމި އުންމަތުގެ ވެރިންނޭ، އިސްލާމި އުންމަތުގެ ރައްޔިތުންނޭ، މިއަދު އަޅުގަނޑުމެންގެ އުންމަތް މި ވަނީ ވަރަށް އާދަޔާ ހިލާފު ހާލަތެއްގައި. އިސްލާމި އުންމަތުގެ ލީޑަރުންނާއި ރައްޔިތުން އެކަތިގަނޑަކަށް ވެގެން އެއްބައިވަންތަ ވެގެން، އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެގެން އަޅުގަނޑުމެންގެ އުންމަތް ސަލާމަތް ކުރުމަށް އެބަޖެހޭ އަތުގުޅާލަން،" ހައްޖު ހުތުބާގައި ވިދާޅުވި އެވެ.
ފަލަސްތީނުގެ މަސްޖިދުން އަގުސާއަށް ދިމާވެފައިވާ ހިތަމާވެރި ހާލަތާއި އިރާގާއި ޔަމަނާއި ސޫރިއާއަށް ކުރިމަތިވެފައިވާ ހާލަތުން ހާދިސާތަކުން އުންމަތް "ނެރުމަށް ޓަކައި" އެހީތެރިވާން ޖެހޭ ކަމަށް ހުތުބާފައި ވަނީ ބުނެފަ އެވެ.
"މިއަދު އުންމަތަށް ދިމާވެފައި ހުރި ގޮންޖެހުންތަކާ ކުރިމަތިލުމަށް އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާން އެބަޖެހޭ. އޭގެ އެންމެ މުހިންމު އެއް ކަމަކީ މަސްޖިދުލް އަގުސާ އަށް ދިމާވެފައިވާ ހިތާމަވެރި ހާލަތު. އިރާގަށް ކުރިމަތިވެފައިވާ ހާލަތްތައް. ޔަމަނަށް ކުރިމަތިވެފައިވާ ހާލަތް. ސޫރިއާއަށް ކުރިމަތިވެފައިވާ ހާލަތްތައް،" ހުތުބާގައި ބުނެފައިވެ އެވެ.
އިސްލާމީ އުންމަތުގެ ވެރިންނަށް މާތްﷲ އަމާނާތެއް ހަވާލުކޮށްފައިވާކަން އެ މީހުން ދެނެގަންނަން ޖެހޭ ކަމަށާއި އެއްވެސް މީހަކަށް އަނިޔާވެރި ނުވެ، މަޝްވަރާކޮށްގެން ކަންތައްތައް ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.
"އެއްވެސް މީހަކަށް އަނިޔާވެރި ނުވެ، މަޝްވަރާކޮށް ކަންތައްތައް ކުރުމަށް. އެ ގައުމުތަކުގައި އަދުލުވެރިކަން ގާއިމު ކުރުމަށް ވަނީ [އުންމަތުގެ ވެރިންނަށް] ވާޖިބު ކުރައްވާފައި،" ހައްޖު ހުތުބާގައި ބުނެފައިވެ އެވެ.
އިސްލާމް ދީނުގެ ނަމުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ޓެރަރިސްޓު އަމަލުތައް ކުށްވެރިކޮށް ހުތުބާގައި ގޮވާލާފައި ވަނީ ކުށެއް ނެތް މަދަނީ މީހުން މެރުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.
އެފަދަ ކަންތައްތަކުގެ ތެރެއަށް މުސްލިމު ޒުވާނުން ވައްދަނީ މުސްލިމުންގެ ނަމުގައި އުޅޭ ޖަމާއަތްތަކުން ކަމަށާއި އެފަދަ ކަންތައްތަކުން ޒުވާނުން އެކަހެރިވާން ޖެހޭ ކަމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ. ދީނުގެ ނަމުގައި ކުރަމުންދާ އެފަދަ ކަންތައްތަކަކީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތާ ހިލާފަށް ކުރަމުންދާ ކަންތައްތަކެއް ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.
"އިސްލާމް ދީން އަންގަވާފައި ވަނީ ހަރުކަށި އުސޫލުތަކުން އެއްކިބައިވުމަށް. އިސްލާމް ދީން އަންގަވާފައި ވަނީ ވަސަތީ މަންހަޖުގައި ހިފުމަށް. އިސްލާމް ދީން އައިސްފައި ވަނީ ވަސަތީ މަންހަޖެއްގެ މައްޗަށް. އަދި ކުރިއަރާ ދިއުމަށް ބާރުއަޅާ ދީނެއްގެ ގޮތުގައި. ތަރައްގީވުމަށް ބާރު އަޅާ ދީނެއްގެ ގޮތުގައި. ފަސާދަ ކުރުމަކީ އިސްލާމް ދީން ނަހީ ކުރައްވާ ކަންތައް،" ހުތުބާގައި ބުނެފައިވެ އެވެ.
އަހުލާގު ގެއްލިފައިވާ މުޖުތަމައުތަކުގައި ނުބައި ދޮރުތައް ހުޅުވިގެންދާނެ ކަމަށް އިލްތިމާސްކޮށް ދީނީ އިލްމުވެރިންނަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
އިސްލާމީ އުންމަތް ބައިބައިވެގެންދާނެ ކަމެއް ދީނީ އިލްމުވެރިންކޮށްގެން ނުވާނެ ކަމަށާއި ބައިބައިވުން އުފައްދާ ބަޔަަކަށް އިލްމުވެރިން ވެގެން ނުވާނެ ކަމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފަ އެވެ. މީސްތަނުންނަށް ދަތި އުނދަގޫ ކަންތައްތައް ކުުރުމަށް ބާރު އެޅުމުގެ ބަދަލުގައި ލުއި ގޮތް ކިޔައިދެއްވުމަށް އިލްމުވެރިންނަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
މީޑިއާތަކަށް ވެސް ހުތުބާފައި ވަނީ އިލްތިމާސެއްކޮށްފަ އެވެ. މީޑިއާ ބޭނުން ކުރަންޖެހޭނީ ދީނަށް ނަސްރު ދޭ ބައެއްގެ ގޮތުގައި ކަމަށާއި ހެޔޮ ގޮތުގައި ނޫނީ މީޑިއާގައި ބަސް ނުބުނުމަށާއި ދޮގު ވާހަކަ ފެތުރުމުން ދުރުވެ، މީސްތަކުންގެ އެއްބައިވަންތަ ކުރަން މީޑިއާއިން މަސައްކަތް ކުރަންޖެހޭނެ ކަމަށް ވަނީ ހުތުބާގައި ވަނީ ގޮވާލާފަ އެވެ.
ސާޅީސް މިނިޓަށް ދިގު ދެމިގެން ދިޔަ ހުތުބާ ނިންމާލަމުން މުސްލިމު ގައުމުތަކަށް އަމާންކަން ލިބި ދިނުމަށް އެދި ދުއާކޮށްފައިވެ އެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުސްލިމުންނަށް ދިމާވަމުންދާ ދަތިހާލަތަށް އިޝާރާތްކޮށް ސީރިއާ އާއި ބަރުމާ އާއި އިރާގުގެ މުސްލިމުންނަށް ދަތިހާލުން އަރައިގަތުމަށް އެދި ހުތުބާގައި ދުއާކޮށްފައިވެ އެވެ. އެކަލާންގެ އަޅުން އެކަލާންގެ ރައްކާތެރި ކުރައްވާނެ ކަމަށާއި އެކަލާންގެ ދީނަށް އެކަލާންގެ ނަސްރު ދެއްވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.
މިއަދަކީ އެންމެ ގިނައިން މީހުން ނަރަކައިން މިންޖު ކުރާނެ ދުވަސް ކަމަށް ފާހަގަކޮށްށް ކެތްތެރިކަމާއެކު ހައްޖުގެ މަނާސިގުތައް ފުރިހަމަ ކުރުމަށް ހައްޖާޖީންނަށް ހުތުބާފައި ގޮވާލާފައިވެ އެވެ. ދުލުން ދެކެވޭ ވާހަކަތަކުގައި ރައްކާތެރިވުމަށާއި ފިތުނަތަކުން މުސްލިމުން ރައްކާތެރިވުމަށާއި ނުބައި ރޭވުންތަކުން މުސްލިމުން ރައްކާތެރި ކުރުމަށް އެދި ހުތުބާގައި ދުއާކޮށްފައިވެ އެވެ.
މި ޚަބަރަކީ ހައްޖު ހުތުބާގެ ތަރުޖަމާއެއްގެ ގޮތުގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ޓީވީއެމްގައި މިއަދު ވިދާޅުވި ވާހަކަފުޅުތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚަބަރެކެވެ.