ޙައްޖު ކިއު ދިގުވެގެން ކަންބޮޑުވާކަށް ނުޖެހޭ، އެއީ އެހެން ހުރިހާ ގައުމެއްގައި ވެސް ކަން ހިނގާގޮތް: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މަޖިލީހުގައި ޖަވާބުދެއްވަނީ: މިނިސްޓަރު ވިދާޅުވަނީ ޙައްޖު ލިސްޓު ދިގުވެ ކިޔޫ ބޮޑު ވުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ދިމާވާ މައްސަލައެއް ކަމަށް -- ފޮޓޯ: މަޖިލިސް

އިސްލާމިކް މިނިސްޓަރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ކިއު ދިގުވުމަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ ކަމެއް ނޫނެވެ. މިއީ މުޅި ދުނިޔޭގައި ވެސް އޮތް މައްސަލައެކެވެ. ކިއު އެހާ ބޮޑަށް ދިގުވެގެން ދިޔަ މައިގަނޑު ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން 3 އަހަރު ވަންދެން ޙައްޖަށް ނުދެވި، ގާތްގަނޑަކަށް 3000 މީހުން ކިއުގައި މަޑުކުރަން ޖެހުމެވެ. މިހާރު ޙައްޖުގެ ކަންކަން ކުރިއަށްދަނީ ވަރަށް ތަރުތީބު އުސޫލެއްގެ ތެރެއިން ކަމަށާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޚާއްޞަ އިސްކަމެއް ދިނުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

  • ޙައްޖު ކިއު ދިގުވުމަކީ އެހެން ގައުމުތަކަށް ވެސް ދިމާވެފައިވާ މައްސަލައެއް.
  • ކިއު ދިގުވި މައިގަނޑު ސަބަބަކީ ކޮވިޑް-19 ގެ ތެރޭގައި ޙައްޖަށް ނުދެވުން.
  • މިހާރު ފައިސާ ދައްކާ ފަރާތްތަކަށް ޙައްޖަށް ދެވޭނެ ކަމަށް ލަފާކުރެވެނީ 2040 ވަނަ އަހަރު.
  • ރާއްޖެއަށް ލިބެނީ އަހަރަކު 1000 މީހުންގެ ކޯޓާއެއް.

ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއު ދިގުވެ، އެތައް ހާސް ބަޔަކަށް ޙައްޖަށް ނުދެވި އޮތް އޮތުމަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ ކަން އޮތް ގޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު (ބޮޗޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޙައްޖު ކިއު ދިގުވުމުގެ މައްސަލައަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އޮތް ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޙައްޖު ލިސްޓު މިހާ ބޮޑަށް ދިގުވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ތިން އަހަރު ވަންދެން ޙައްޖަށް ނުދެވި އޮތުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖޭގައި ދިމާވެފައި އޮތް މައްސަލައެއް ނޫން. ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މި މައްސަލަ ދިމާވޭ. ރާއްޖެއަށް ބަލާއިރު، ކޮންމެ އަހަރަކު ވެސް ގިނަވެގެން ހާހެއްހައި މީހުން ޙައްޖަށް ދާން އާންމުކޮށް އެދެނީ ވެސް،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮވިޑުގެ ސަބަބުން ގާތްގަނޑަކަށް 3،000 އެއްހާ މީހުން ޙައްޖަށް ނުދެވި ކިއުގައި މަޑުކުރަން ޖެހުނު ކަމަށެވެ. އަދި އެ ތިން އަހަރަށް ފަހު އަލުން ޙައްޖުގެ ފުރުސަތު ހުޅުވާލިއިރު، ފުރުސަތު ލިބުނީ އެންމެ 400 އެއްހާ މީހުންނަށް ކަމަށް ވުމުން، ކިއު އިތުރަށް ދިގުވެގެން ދިޔައީ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ރާއްޖޭގައި ޙައްޖުގެ ކަންކަން ކުރިއަށް ގެންދަނީ ވަރަށް ތަރުތީބު އުސޫލެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މައިންބަފައިންނާއި ދަރިން އަދި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން މުސާރައިން އުނިކޮށްގެން ވަކި ޕަސެންޓެއް ފައިސާ ދައްކަމުން ގެންދާ ކަމަށާއި، މި ހުރިހާ ފަރާތްތަކެއް ވެސް ލިސްޓުގައި ތިބުމަކީ ލިސްޓު ދިގުވާނެ ތަބީއީ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮވިޑުގެ ކުރިން ޙައްޖަށް ނުދެވި ކިއުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދިނުމުގެ ގޮތުން، 65 އަހަރުން މަތީގެ މީހުންނަށް ވަކި އިންސައްތައެއް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު، ހައްޖު ކިޔޫ ބޮޑުވެ, މިހާރު ފައިސާ ދައްކާ މީހުންނަށް ހައްޖަށް ދެވޭނީ 2040ގައި ކަމަށް, ހައްޖު ކޯޕަރޭޝަނުން ވަނީ ލަފާކޮށްފައެވެ. އެއީ މީގެ 14 އަހަރު ފަހެވެ.

އެ ކޯޕަރޭޝަނުން ބުނާ ގޮތުގައި މި ގޮތަށް ދިމާވަނީ ހައްޖަށް ދިއުމަށް ގިނަ ބަޔަކު ފައިސާ ދެއްކި ނަމަވެސް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ އަދަދު އިތުރު ނުވާތީއެވެ.

ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ އަހަރަކު 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލި މީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުން ހައްޖަށް ގެންދެވެއެވެ. އޭގެ ތެރެއިން ފަގީރުން ހައްޖަށް ގެންދަން ފެށީ މި ސަރުކާރުންނެވެ.

ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރު ކުރުމަށް އެކި ފަހަރު މަތިން އެކި ސަރުކާރުތަކުގެ އިސްލާމިކް މިނިސްޓްރީން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް މިހާތަނަށް އެ ކަމަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް