މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.
ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ޙައްޖާއި ޢުމްރާގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމުގެ ފުރުސަތު އެ ޤައުމުގެ ސަރުކާރުން ނުދޭކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ، ވެކްސިން ޖެހުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައިކަމަށެވެ. އެހެން ނަމަވެސް އަދިވެސް 60 އެއްހާ މީހުން ވެކްސިން ފުރިހަމަ ނުކުރާ ކަން އޭނާ ފާހަގަކުރިއެވެ.
"އަޅުގަނޑުމެންގެ އިލްތިމާސަކީ ވީއެންމެ އަވަހަކަށް ޙައްޖަށް ދާ ބޭފުޅުން ވެކްސިން ފުރިހަމަ ކުރެއްވުން. މިވެކްސިންތައް ނުޖައްސަވާނަމަ ސަޢުދީއަށް އެތެރެ ނުވެވޭނެ،" ޝަކީލް ވިދާޅުވިއެވެ.
ހައްޖަށް ދާ ފަރާތްތަކުން ކޮންމެހެން ފުރިހަމަކުރަންޖެހޭ ތިން ވެކްސިނެއް ހިމެނެއެވެ. އެއީ މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން، އިންފްލުއެންޒާ ވެކްސިން އަދި އޯރަލް ޕޯލިއޯ ވެކްސިނެވެ.
ޙައްޖު މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން މީހުން އެއްވާ ދުވަސްވަރެއް ކަމުން، މިއީ ނުރައްކާތެރި ޖަރާސީމުތަކުން ރައްކާތެރިވުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ވެކްސިންގެ ފައިދާ އެންމެ ރަނގަޅަށް ކުރުމަށް ޓަކައި ދުރާލާ ވެކްސިން ޖެހުން މުހިއްމެވެ. އަދި ބައެއް ވެކްސިންތަކުގެ ސަބަބުން ހުމާއި ރޯގާގެ އަސަރު ބައެއް މީހުންނަށް ކުރާތީ، ޙައްޖަށް ފުރުމުގެ ކުރިން އެފަދަ އުނދަގޫތަކުން ރަނގަޅުވެ ތައްޔާރުވުމަށް ވަގުތު ބޭނުންވާނެ ކަމަށް ވެސް ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. ޖުމްލަ ހަތަރު ފްލައިޓެއްގައި ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާއިރު، ކަންކަން އިންތިޒާމު ކުރުމަށްޓަކައި އެޑްވާންސް ޓީމު އަންނަ މަހުގެ ހަތަރުވަނަ ދުވަހު މައްކާއަށް ފުރާނެއެވެ.