މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދާ ދިވެހި ޙައްޖުވެރިންގެ ލަގެޖުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ޕާސްޕޯޓާ ގުޅިފައިވާ ނުވަތަ ލިންކްކުރެވިފައިވާ ޚާއްޞަ ޓެގެއް ބޭނުންކުރަން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލަކީ ޙައްޖުވެރިންނަށް ދަތުރުފަތުރުގެ ލޮޖިސްޓިކް ޚިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިކަމާ ގުޅޭގޮތުން، ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްދޭ ސަޢުދީ ޕޯސްޓްގެ އެޖެންޓާއެކު ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން މިހާރު ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވައި، ކަންކަން ރާވާނެ ގޮތުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
މި ބައްދަލުވުމަކީ މި އަހަރުގެ ޙައްޖު މޫސުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ. ޙައްޖު ދަތުރަކީ ގިނަ ބަޔަކު އެއްފަހަރާ ދަތުރުކުރާ، އަދި ލަގެޖު ގެއްލުމުގެ ހާދިސާތައް އާންމުކޮށް ހިނގާ ދަތުރަކަށް ވުމާއެކު، މިފަދަ ޒަމާނީ ޓެކްނޮލޮޖީއެއް ތަޢާރަފުކުރުމަކީ ޙާޖީންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ އިތުރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އުމްރާއަށް ފުރާ މީހުންގެ ފޮށިތަކެއް: -- ފޮޓޯ/ ހައްޖު ކޯޕަރޭޝަން
ސަޢުދީ ޕޯސްޓްގެ ދަށުން ހިންގާ ސުބުލް އޮތޯރިޓީއަކީ މިއަހަރު ދިވެހި ޙައްޖުވެރިންގެ ލަގެޖުތައް އުފުލުމުގެ އެންމެހާ ކަންކަން ބަލަހައްޓާނެ މައިގަނޑު އެޖެންޓެވެ. އައު އިންތިޒާމުތަކުގެ ދަށުން، ސަޢުދީ ޢަރަބިއްޔާގެ އެއާޕޯޓުން ފެށިގެން ޙައްޖުވެރިން ތިބޭ ހޮޓާތަކާ ދެމެދު ލަގެޖުތައް އުފުލުމުގެ ޚިދުމަތް ދޭނީ ސީދާ މި އެޖެންޓް މެދުވެރިކޮށެވެ. އަދި ލަގެޖުގައި ހަރުކުރެވޭ ޚާއްޞަ ޓެގު، ޙައްޖުވެރިޔާގެ ޕާސްޕޯޓާ ލިންކްކުރެވިފައި ހުރުމުން، ކޮންމެ ލަގެޖެއްވެސް އޭގެ ޙައްޤުވެރިޔާއަށް އޮޅުމެއްނެތި ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން ލިބިގެންދާނެއެވެ.
ޕާސްޕޯޓުގެ މަޢުލޫމާތު ޓެގުގައި ހިމެނުމުން، ލަގެޖު ސްކޭންކޮށްލުމާއެކު އެއީ ކޮން ޙާޖީއެއްގެ އެއްޗެއްކަމާއި، އެ މީހަކު ހުންނަނީ ކޮން ހޮޓަލެއްގެ ކޮން ކޮޓަރިއެއްގައިކަން ވަގުތުން އެނގިގެންދާނެއެވެ. މިއީ ސަޢުދީ ސަރުކާރުންވެސް ޙައްޖުގެ އިންތިޒާމުތައް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިފައިވާ ކަމެކެވެ.
މި އައު ނިޒާމުގެ އެންމެ ބޮޑު އަމާޒަކީ، ޙާޖީން އެއާޕޯޓުން ނުކުމެގެން ގޮސް ހޮޓަލަށް ވަންނައިރު، އެމީހުންނާ އެކުއެކީގައި ލަގެޖުތައްވެސް ހޮޓަލަށް ފޯރުކޮށްދިނުމެވެ. މީގެ ކުރީ އަހަރުތަކުގައި ލަގެޖު ނެގުމަށާއި އެތަކެތި ހޮޓާތަކަށް ގެންދިއުމަށް ޙައްޖުވެރިންނާއި ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނެވެ.
މިއަހަރު ވެސް ދިވެހިރާއްޖެއަށް ލިބިފައިވަނީ 1،000 ޙައްޖު ކޯޓާއެވެ. މި ހުރިހާ ކޯޓާއެއްގެ ދަށުން ޙައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ސަރުކާރުގެ ކުންފުނި ކަމަށްވާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ. މި މަހުގެ މެދުތެރޭގައި ހައްޖުވެރިން ސައުދީއަށް ފުރަން ފަށާނެއެވެ.
ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން އަންނަނީ ޙައްޖުވެރިންގެ ދަތުރުގެ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި ސަޢުދީގެ ކަމާބެހޭ އެހެނިހެން އިދާރާތަކާއެކުވެސް ގާތުން މަސައްކަތްކުރަމުންނެވެ.