ގައުމީ ބާސްކެޓްބޯޅަ ލީގު މި މަހު، ގައުމީ ބާސްކެޓްބޯޅަ މުބާރާތް އަންނަ މަހު

މި އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ރެޑްލައިން ކްލަބާއި ޓީރެކްސް ބައްދަލުކުރި މެޗުގެ ތެރެއިން: ގައުމީ ބާސްކެޓްބޯޅަ ލީގުގައި ފަސް ޓީމެއް ވާދަކުރާ އިރު، ގައުމީ މުބާރާތަށް ދަތުރުކުރާނީ ލީގުގެ ގަދަ ހަތަރު ޓީމު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 11 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގާއި 35 ވަނަ ބާސްކެޓްބޯޅަ މުބާރާތުގެ ގުރުނަގައިފި އެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ގައުމީ ބާސްކެޓްބޯޅަ ލީގު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރާނެ އެވެ. އެއީ ރެޑްލައިން ކްލަބާއި، އެލްޓީ ސްޕޯޓްސް ކްލަބާއި، ދަ ބައުސް ސްޕޯޓްސް ކްލަބާއި، ކުޑަހެންވޭރު ޔުނައިޓެޑް އަދި ޓީރެކްސް ބާސްކެޓްބޯލް ކްލަބެވެ.

ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ބައްދަލުކުރާނީ ރެޑްލައިން ކްލަބާއި ޓީރެކްސް ބާސްކެޓްބޯލް ކްލަބެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 9:00ގައި ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައެވެ.

އަންނަ މަހު ފަސް ވަނަ ދުވަހު ފަށާ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގައި ސެމީ ފައިނަލުގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގައި ވާދަކުރާނީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެ މުބާރާތް ފަށާނީ ވެސް ސެމީއާ ހަމައިންނެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ސެމީގެ ފުރަތަމަ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ލީގުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ. އަދި ދެވަނަ ސެމީގައި ބައްދަލުކުރާނީ ލީގުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. އަންނަ މަހުގެ ހަ ވަނަ ދުވަހު ކުޅޭ ސެމީގެ ތިން ވަނަ މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ސެމީން ބަލިވާ ޓީމާއި، ދެ ވަނަ ސެމީން މޮޅުވާ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމު އަންނަ މަހުގެ އަށް ވަނަ ދުވަހު ކުޅޭ ފައިނަލުގައި ނުކުންނަން ޖެހޭނީ ފުރަތަމަ ސެމީން މޮޅުވާ ޓީމާ ދެކޮޅަށެވެ.

comment ކޮމެންޓް