ހުއްދަ ހޯދައިގެން ވެސް، މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވަލުގައި އެކަނި

އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މާލޭގައި މުޒާހަރާ އާއި އެއްވުންތައް ބޭއްވޭނީ ހަމައެކަނި ކާނިވަލުގައި ކަމަށް ހޯމް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު "ސަން"އަށް މިރޭ ވިދާޅުވީ ފުލުހުން ލިޔުމުން ދޭ ހުއްދައާ އެކު މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވަލުގައި ކަމަށް ކަނޑައަޅައި ގެޒެޓްކޮށްފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީން ފޮނުވި އިއުލާން ގެޒެޓް ކުރުމުގައި ލިޔުމުގެ ކުށަކާއެކު ގެޒެޓްކޮށްފައިވާ ކަމަށާއި އެކަން އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިރޭ ގެޒެޓުގައި ޝާއިއު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ފުލުހުންގެ ހުއްދައަކާ ނުލައި މާލޭގައި މުޒާހަރާ ކުރެވޭނީ ހެންވޭރުގައި އޮންނަ ކާނިވާ ސަރަހައްދުގައި ކަމަށެވެ.

ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކޮށްފައިވާ އިރު، އެ އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގެ ވެރިކަން ކުރާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް، ހިނގާލުމެއް އަދި އުޅަނދުބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ.

ފުލުހުންގެ ހުއްދަ ހޯދައިގެން ނޫނީ މުޒާހަރާ ނުކުރެވޭގޮތަށް މަޖިލީހުން މިއަދު ފާސްކުރިއިރު، ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.

ހެންވޭރު ކާނިވަލަކީ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގުމުގެ ޓެސްޓު ހެދުމުގެ ކަންކަން މިހާރު ކުރިޔަށްދާ ބިމެވެ. އަދި ސައުދީ އަރަބިއްޔާގެ ހިލޭ އެހީގެ ދަށުގައި މާލޭގައި އަޅާ ސަލްމާން ރަސްގެފާނު މިސްކިތް އެޅުމަށް ވެސް ސަރުކާރުން ނިންމާފައި ވަނީ އެސަރަހައްދުގަ އެވެ.

މީގެ އިތުރުން ނައިޓް މާކެޓު ފަދަ ބައެއް ހަރަކާތްތައް ވެސް މިހާރު ބާއްވަމުން ގެންދަވަނީ އެތަނުގަ އެވެ.

comment ކޮމެންޓް