މާޒިން މަރާ ގުޅިގެން ހެކިބަސް ދިން ދެ މީހަކު ކޯޓެއްގައި ވަސިއްޔަތެއް ކޮށްފި

ނ. މިލަދޫ، ދިއްގާމާގެ، މާޒިން އައިޖީއެމްއެޗުގެ އައިސީޔޫގައި އެޑްމިޓްކޮށްފައި--

ދެހާސް ސާދަ ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ނ. މިލަދޫ ދިއްގާމާގޭ އަހްމަދު މާޒިން މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންނާ ދެކޮޅަށް ހެކިބަސް ދިން ދެ މީހަކު މެޖިސްޓްރޭޓް ކޯޓެއްގައި ވަސިއްޔަތެއް ކޮށްފައިވާ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެއްޖެ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ދެއްކެވި ވާހަކައަކާ ގުޅިގެން ބާރީ ވިދާޅުވީ އެ މައްސަލާގައި ސިއްރުން ހެކިބަސްދީފައިވާ ދެ މީހުން ވަނީ މެޖިސްޓްރޭޓް ކޯޓަކަށް ވަސިއްޔަތެއް ދީފައި ކަމަށާއި އެ ވަސިއްޔަތް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

އެއީ ކޮންކަހަލަ ވަސިއްޔަތެއް ކަމާއި އަދި އެ ވަސިއްޔަތް ކުރީ ކީއްވެގެން ކަމެއް ގާޒީ ވިދާޅެއް ނުވެއެވެ.

ދައުލަތުގެ ވަކީލާ މިއަދު ވިދާޅުވީ އެ މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ދެ ހެއްކަކު ކޯޓުގައި ހެކިބަސް ދެމުން އެ ހާދިސާ ހިނގިގޮތް ކިޔައިދީފައިވާ ކަމަށެވެ.

ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާގައި ވަނީ 2014 އަހަރުގެ އޯގަސްޓު މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު 9:40 އެހާކަންހާއިރު ސައިކަލުގައި އަޑިޕާކް ކައިރިއަށް ގޮސް ގއ. ދެއްވަދޫ ދޭލިޔާގޭ މިދުހަތު އިބްރާހީމް ސައިކަލްގައި މަޑުކުރުމުން އެ ސައިކަލްގެ ފަހަތުގައި އިން އއ. މާޅޮސް މީނާޒު އިސްމާއީލް އުސާމް ޕާކްތެރެއަށް ވަދެ ތޫނު އެއްޗަކުން މާޒިން އަށް ހަމަލާދީފައިވާ ކަމަށެވެ.

އަދި ހއ. ބާރަށް މުޝްތަރީގޭ ހާނިފް އިމްތިޔާޒު ސައިކަލްގައި މަޑުކުރުމުން އެ ސައިކަލްގެ ފަހަތުގައި އިން ތ. ވިލުފުށީ ނަލަހިޔާގޭ މޫސާ ހުސައިން ޕާކް ތެރެއަށް ވަދެ އެ ޕާކް ތެރޭގައި ހުރި ހ. ސައިބާން އަލީ ރިފާންގެ ގައިގެ އެކިތަންތަނަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ވެސް ދައުވާގައި ވެއެވެ.

އެ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާޒިން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އޭނާ މަރުވީ އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މާޒިންގެ ހަށިގަނޑުގެ 11 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވެއެވެ.

މިއަދުގެ އަޑު އެހުމުގައި ކުރިއަށް ގެންދަން ނިންމާފައި އޮތީ އައިޖީއެމްއެޗުގެ ދެ މުވައްޒަފެއްގެ ހެކިބަސްނެގުމެވެ. އޭގެތެރެއިން އެކެއްގެ ހެކިބަސް ނެގުމަށްފަހު ގާޒީ ވިދާޅުވީ އެ ހެކީން ހުށަހަޅާފައި ވަނީ ސީދާ އެ ހާދިސާއާ ގުޅުން ހުރި ކަމެއްގައި ކަމަށް ނުވާތީ އެ މީހުންގެ ހެކިބަސް ނުގަން ނިންމީ ކަމަށެވެ.

ގާޒީ ބާރީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމުގައި އެ ހަމަލާގައި އަނިޔާވި ރިފާންގެ ހެކިބަސް ނަގާނެކަން އިއުލާން ކުރެއްވުމަށްފަހު އެވެ.

comment ކޮމެންޓް