ނަޝީދާއި ޖަމީލް ހިމެނޭގޮތަށް ފަސް ފަރާތެއްގެ ޕާސްޕޯޓް ކެންސަލްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، އަދި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން -- ސަން ފައިލް ފޮޓޯ

މިހާރު ރާއްޖޭން ބޭރުގައި އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީހެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އިތުރު ތިން ފަރާތެއްގެ ޕާސްޕޯޓް އިމިގްރޭޝަނުން ކެންސަލްކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ހުރެވިދާނެ ނުވަތަ ދިރިއުޅެވިދާނެ މީހުންގެ ތެރޭގައި ޝަރުއީ ހުކުމްތައް ނުވަތަ ތަހުގީގީ އިދާރާތަކަށް ބޭނުންވެގެން ހޯދާ މީހުން އެ ފަރާތްތަކުގެ އެންގުމަށް ތަބާނުވެ ރާއްޖެ ނައިސް ދިރިއުޅޭ ފަރާތްތައް ނުހިމެނޭނެ ކަމަށެވެ.

ޕާސްޕޯޓް ކެންސަލްކޮށްފައިވާ ފަރާތްތައް:

  • މުހައްމަދު ނަޝީދު (ކުރީގެ ރައީސް)
  • އަކުރަމް ކަމާލުއްދީން (ނަޝީދު ސަރުކާރުގެ ސްޓޭޓް މިނިސްޓަރު )
  • މުހައްމަދު ޖަމީލު އަހުމަދު (ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަންގެ ލީޑަރު)
  • އަބްދުﷲ ލުތުފީ (3 ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން އުމުރަށް ޖަލަށްލާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅޭ)
  • އަހުމަދު ނަސީމް (ކެރަފާ ނަސީމް، ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރު)

އެ ފަރާތްތަކުގެ ޕާސްޕޯޓް ކެންސަލްކޮށްފައި ވާކަން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނޭ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، ކެންސަލްކުރި ޕާސްޕޯޓްތަކުގެ ވެރިފަރާތެއް ރާއްޖެ އަންނަން ބޭނުންނަމަ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިމިގްރޭޝަނަށް ހުށަހެޅުމުން ރާއްޖެއަށް އައުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ހަދައިދޭނެކަމަށެވެ.

މިހާރަކަށް އައިސް އެފަދަ ފަރާތްތައް ގިނަވަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ދާއިރާތަކަށާއި އަދި ތަހުގީގީ އިދާރާތަކުން ބައްލަވަމުންގެންދާ މައްސަލަތައް ކުރިއަށްގެންދަން ގިނަގުނަ ހުރަސްތަކާ ކުރިމަތިވަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

comment ކޮމެންޓް