ވޯލްޑް ޓްރެވަލް އެވޯޑްސް 2016ގެ ގްރޭންޑް ފިނާލޭ އޮޅުވެލި ބީޗު ރިސޯޓުގައި ބާއްވަނީ

އޮޅުވެލި ބީޗު ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް --

މި އަހަރުގެ ޑިސެމްބަރު މަހު އޮންނަ، ވޯލްޑް ޓްރެވަލް އެވޯޑްސް 2016ގެ ގްރޭންޑް ފިނާލޭ، ރާއްޖޭގެ އޮޅުވެލި ބީޗު ރިސޯޓް އެންޑް ސުޕާގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ އިޓަލީގެ ފޯޓް ސާޑީނިއާ ރިސޯޓުގައި އޮތް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޔޫރަޕް ގާލާގައި އެކަން ވަނީ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. ވޯލްޑް ސްޕާ އެވޯޑްސްއަކީ، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދަށުން ދޭ އެވޯޑެކެވެ.

އޮޅުވެލި ބީޗު ރިސޯޓު، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހޯސްޓްގެ ގޮތުގައި ހަމަޖެހިގެން ދިޔަ އިރު، އެ ރިސޯޓުން ބުނަނީ އެއީ އެ ރިސޯޓަށް ލިބުނު ޝަރަފެއް ކަމަށެވެ.

އޮޅުވެލި ބީޗު ރިސޯޓު ހިންގާ ސަން ސިޔާމް ގްރޫޕުގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިރެކްޓަރު އެވްޖީނިއާ ބޮޔަންކޮވާ ވިދާޅުވީ، އޮޅުވެލި ބީޗު ރިސޯޓަކީ ރާއްޖޭގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ވަރަށް ކުރީގައި އުޅޭ ރިސޯޓެއް ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ވޯލްޑް ޓްރެވަލް އެވޯޑްސްއަށް މަރުހަބާ ކިޔުމަށް ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭ އޮޅުވެލި ބީޗު ރިސޯޓުގައި ބާއްވަން ހަމަޖެހިފައިވާ އިރު، އެ ހަފްލާގައި ދުނިޔޭގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ އިސްވެރިންނާއި އެކިއެކި ފަރާތްތަކުން ބައިވެރިވާނެ އެވެ.

comment ކޮމެންޓް