އަލް ޖަޒީރާ އިން ތައްޔާރުކުރާ "ސްޓީލިންގް ޕެެރެޑައިސް" ތަހުގީގު ރިޕޯޓަށް ދޮގު މައުލޫމާތެއް އެއްވެސް ފަރާތަކުން ދީފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތެއް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ދެއްވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ ރާއްޖެއާ ބެހޭ ގޮތުން ދޮގު ވާހަކަ ދައްކަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.
އިސްލާމީ މުޖުތަމައަކާ ދެކޮޅަށް، އެ މުޖުތަމައެއްގެ އަގުވައްޓާލައި، އިސްލާމީ ގައުމަކަށް ހަމަލާ ދިނުމަށްޓަކައި ވާހަކަ ދެއްކުމައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން ބޭރުގެ މީޑިއާތަކުގައި ޓްރެއިލާތަކުގައި ހަގީގަތެއްގެ މައްޗަށް ބިނާ ނުކޮށް ވާހަކަ ދައްކާ ކަމަށްވާ ނަމަ އެކަން ބަލާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންގެ ހިތުން ލޯބި ހޯދަން ބޭނުން ނަމަ ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ދެއްކުން ހުއްޓާލުމަށް އަޒްލީން ވަނީ ގޮވާލައްވާފަ އެވެ.
"އެގޮތަށް ޓްރެއިލާތައް ހައްދަވައިގެން ހަބަރުތައް އޮޅުވާލައްވައިގެން އެކި އެކި މީހުން އޭގެ ހަގީގަތުގެ މައްޗަށް ބިނާ ނުކޮށް ވާހަކަ ދައްކާކަށް އެއްވެސް ފުރުސަތެއް ނުދެވޭނެ،" އަޒްލީން ވިދާޅުވި އެވެ.
އަލް ޖަޒީރާ ރިޕޯޓަށް މައުލޫމާތު ދީފައިވާ މީހުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ހިމެނި ވަޑައިގަންނަވަ އެވެ.