ޖަރުމަނު ޓީމުގެ އާ ކެޕްޓަނަކަށް ނޯޔާ

ޖަރުމަނުގެ ގޯލްކީޕަރު މެނުއެލް ނޯޔާ: ޖަރުމަނުގެ ކޯޗް ޔަކިމް ލޯ ވަނީ އޭނާގެ އާ ކެޕްޓަނަކަށް ނޯޔާ ހަމަޖައްސާފައި -- އޭއެފްޕީ ފޮޓޯ: ޔަހޫ ސްޕޯޓްސް

ބާރލިން -- ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަމުގެ މަގާމަށް އެޓީމުގެ ގޯލް ކީޕަރު މެނުއަލް ނޯޔާ ހަމަޖައްސައިފިއެވެ.

ޖަރުމަނުގެ ފުޓްބޯލް އެސޯސިއޭޝަން (ޑީއެފްބީ) އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ، ކުރީގެ ކެޕްޓަން ބަސްޓިއަން ޝްވެންސްޓެއިގާ ބައިނަލްއަގްވާމީ ފުޓްބޯޅަކުޅުން ހުއްޓަލުމާ ގުޅިގެން، ޖަރުމަނުގެ ގައުމީޓީ ފުޓްބޯޅަ ޓީމުގެ އާ ކެޕްޓަނެއްގެ ގޮތުގައި ގޯލްކީޕަރު ނޯޔާ ހަމަޖައްސާފައިވާ ކަމަށެވެ.

ނޯޔާ ބުނީ، ގައުމީ ޓީމުގެ ކެޕްޓަން ބޭންޑު އަޅަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށާއި އެހެންނަމަވެސް ޓީމެއްގެ ގޮތުގައި ކުރިއަށް ދެވޭނީ ހުރިހާ ކުޅުންތެރީންނަކީ ވެސް ލީޑަރުންގެ ގޮތުގައި ދެކިގެން ކަމަށެވެ.

"ގައުމީ ޓީމުގެ ކެޕްޓަނަކަށް ވުމުން އަހަރެން ވަރަށް ފަޚުރުވެރިވޭ. އެކަމަކު އަހަރެމެން ކާމިޔާބު ހޯދަން ބޭނުން ނަމަ، ދަނޑުމަތީގައި ގިނަ ކުޅުންތެރީންތަކެއް އެބަ ޖެހޭ ޓީމު ލީޑުކުރާން،" ނޯޔާ އާ ހަވާލާދީ ޑިއެފްބީ ވެބްސައިޓްގައި ވެއެވެ.

ޖަރުމަނު ޓީމުގެ އާ ކެޕްޓަން ބުނީ، ކެޕްޓަނެއްގެ ޒިންމާ ވަރަށް ބޮޑުކަމަށާއި، ޓީމެއްގެ ގޮތުގައި ކާމިޔާބީއާ ހަމައަށް ވާސިލްވެވޭނީ މުހިއްމު ކަންކަން ނިމުމުގައި އެންމެން މަޝްވަރާކޮށް އަދި ގުޅިގެން މަސައްކަތްކުރުމުން ކަމަށެވެ.

"އަހަރެން ވަރަށް އުފާކުރަން މި މަގާމު ހަވާލުކުރުމުގައި ކޯޗު އަހަރެންނަށް މިވަރުގެ އިތުބާރެއް ކުރުމުން،" ނޯޔާ ބުންޏެވެ.

ޖަރުމަނު ޓީމަށް ނޯޔާ އެންމެ ފުރަތަމަ ކުޅުނީ، 2009 ވަނަ އަހަރު ދުބާއީގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް އަތުން 7-2 ލަނޑުން ޖަރުމަނު މޮޅުވި މެޗުގައެވެ. އޭގެ ފަހުން ޖަރުމަނު ޓީމަށް 71 މެޗު އޭނާ ކުޅެފައިވާއިރު، ގޯލަށް ބޯޅައެއް ވަނަ ނުދީ 25 މެޗު ފުރިހަމަކޮށްފައި ވެއެވެ.

ޖަރުމަނުން ވޯލްޑް ކަޕް 2014 ކުރި އިރު އެޓީމުގެ ގޯލް ބެލެހެއްޓި ނޯޔާ ވަނީ، 2013، 2014 އަދި 2015 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ހޮވިފައެވެ.

އުމުރުން 30 އަހަރުގެ ނޯޔާ ޖަރުމަނުގެ ކެޕްޓަން ބޭންޑު ފުރަތަމަ ފަހަރަށް އަޅާނީ، ވޯލްޑް ކަޕް 2018 ކޮލިފައިންގައި އަންނަ އާދީއްތަ ދުވަހު، އޮސްލޯގައި ނޯވޭއާ ދެކޮޅަށް ޖަރުމަނު ކުޅޭ މެޗުގައެވެ.

ޖަރުމަނުގެ ކޯޗު ޔަކިން ލޯ ބުނީ، ގިނަ ކުޅުންތެރީން ތަކެއްގެ ތެރެއިން ކެޕްޓަން ހޮވުމަށް އޭނާއަށް ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ.

އެގޮތުން ޖަރުމަނުގެ ކެޕްޓަން ބޭންޑު ހަވާލުކުރަން ޖެހޭ ކުޅުންތެރީންގެ ގޮތުގައި، ނޯޔާއާ އެކު ބަޔާން މިއުނިކަށް ކުޅެމުން އަންނަ، ޖެރޯމް ބޯޓޭންގ، ތޯމަސް މުލާ އަދި މެޓްސް ހުމެލްސް ފަދަ ކުޅުންތެރީންގެ ނަންތައް ޖަރުމަނު މީޑިއާގައި ފާހަގަކޮށްފައި ވެއެވެ.

ލޯ ބުނީ، އެ ހުރިހާ ކުޅުންތެރީންގެ ތެރޭންވެސް ނޯޔާ އިޚްތިޔާރުކުރީ، ކެޕްޓަނެއްގެ ކިބައިގައި ހުންނާން ޖެހޭ ހުރިހާ ޝަރުތެއް ނޯޔާގެ ކިބައިގައި ހުރިކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން، ޝްވެންސްޓެއިގާ ކުޅުނުމާ ދުރުގައި ހުންނަން ޖެހުމުން، ދާއިމީ ކެޕްޓަންގެ މަގާމަށް ނޯޔާ ހަމަޖެއްސުމުގެ ކުރީން، މިފަހަރުގެ ޔޫރޯގައި ވެސް އޭނާ ވަނީ ޖަރުމަނު ކުޅުނު ހަ މެޗުގެ ތެރޭން ފަސް މެޗެއްގައި ކެޕްޓަންކަން ކޮށްފައެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރީން ޖުމުލަ 14 ފަހަރެއްގެ މަތީން ޖަރުމަނުގެ ކެޕްޓަން ބޭންޑު އަޅައިފައެވެ.

comment ކޮމެންޓް