ބައިނަލްގްވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ބަންގާޅާ ދެކޮޅަށް ނިކުންނައިރު ހުރިހާ ކުޅުންތެރިން ވެސް ތިބީ އެ ޓީމް ބަލިކުރުމަށް ކެތް މަދުވެފައި ކަމަށާއި އެކަމަށް ސަޕޯޓަރުންގެ އެހީ ވަރަށް ބޭނުން ކަމަށް ގައުމީ ޓީމްގެ ފޯވާޑް އަސަދުﷲ އަބްދުﷲ ބުނެފިއެވެ.
"ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ފޯމްގަ ބަންގްލަދޭޝް ބަލިކުރުމަށް ކެތް މަދުވެފަ. ސަޕޯޓަރުންނަށް ބުނެލަން ބޭނުމީ އެންމެ ފަހުން (ގޯލްޑް މެޗުގައި) ސަޕޯޓަރުން ވަދެ ދަނޑު ފުރާލައިގެން ދިން ތަރުހީބަށް ވުރެން ވެސް ރަނގަޅު ތަރުހީބެއް ދޭށޭ،" މާޒިޔާ އަށް ކުޅެމުންދާ އަސައްކޮ ބުންޏެވެ.

މިރޭގެ މެޗުގެ ކުރިން ގައުމީ ޓީމުން އިއްޔެ ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އޭނާ ބުނީ ސީޒަނުގެ މެދުތެރެއިންވީމަ ހުރިހާ ކުޅުންތެރިން ވެސް ތިބީ ފިޒިކަލީ ގޮތުންނާއި ހުރިހާ ގޮތަކުން ވެސް ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި ގައުމީ ޓީމްގެ އާ ކޯޗާ އެކު ހުރިހާ ކުޅުންތެރިން ވެސް މަސަތްކަތް ކުރަމުންދަނީ ވަރަށް ރަނގަޅު ރޫހެއް ގައި ކަމަށެވެ.
" ކޯޗަކީ ކުޅުންތެރިންނާ ވަރަށް ބޮޑަށް ގުޅިގެން އަދި މަސަތްކަތް ކޮށްލަން ވެސް ވަރަށް ފަސޭހަ ކޯޗެއް. ދެ ދުވަހެއް ތިން ދުވަހެއްގެ ޕްރެކްޓިސް މި ކުރެވުނީ ނަމަވެސް އެއީ ކުޅުންތެރިންނާ ވަރަށް ގުޅޭ ކޯޗެއް،" އަސައްކޮ ބުންޏެވެ.

މިރޭގެ މެޗުގެ ކުރިން ގައުމީ ޓީމުން އިއްޔެ ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އޭނާ ބުނީ މާޒީއަށް ބަލާއިރު ބަންގާޅަކީ ރާއްޖެއަށް ވުރެ ބަލި ޓީމެއް ނަމަވެސް މިރޭގެ މެޗަށް ނިކުންނައިރު އެޓީމް ބަލިކުރުމަށް ރާއްޖޭގެ ގައުމީ ޓީމަށް އެއް ވެސް ޕްރެޝަރެއް ނެތް ކަމަށެވެ.
ބަންގާޅާ ދެކޮޅަށް ރާއްޖެ ކުޅޭ އެކުވެރިކަމުގެ މެޗު އޮންނާނީ މިރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ މިދިޔަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމްގައި އޮތް ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭޖުގައެވެ. އެ މެޗު ރާއްޖެ ވަނީ 3-1 ގެ ނަތީޖާ އަކުން ބަންގާޅު ބަލިކޮށްފައެވެ.