ރާއްޖެއިން ތެޔޮ ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ދެން އޮތީ ރާއްޖޭގައި ހުރީ ކިހާވަރެއްގެ ތެޔޮވަޅެއްތޯ ބެލުމާއި ހުރީ ކޮން ވައްތަރެއްގެ އެއްޗެއްތޯ ބެލުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ބުދަ ދުވަހުގެރޭ ވާހަކަފުޅުދައްކަވަމުން ޝައިނީ ވިދާޅުވީ، 2018 ވަނަ އަހަރުގެ ކުރިން ބަޔަކާއެކު ކޮންޓްރެކްޓް ހެދި، މިހާރު ކުރިއަށްދާ ސްޓޭޖުން ދެވަނަ ސްޓޭޖަކަށް ގެންދިއުމަށް ހުޅުވާލާނެ ކަމަށެވެ.
"ދެން ކުރަން އޮތް މަސައްކަތަކީ ރާއްޖޭގައި ހުރީ ކިހާވަރެއްގެ ތެޔޮވަޅެއްތޯ ހުރީ ކޮން ބާވަތެއްތޯ ބަލައި، އެ ހުރި ފުންމިނަކުން އެ އެއްޗެއް ނަގައިގެން ސާފުކޮށްގެން މާކެޓްގައި އެ ވިއްކިދާނެތޯ ކުރާ މަސައްކަތް،" ޝައިނީ ވިދާޅުވިއެވެ.
ތެޔޮ ހޯދައިގެން ތެޔޮ ނެގުމަކީ އެހާ އަވަހަށް ކުރެވޭ ކަމެއް ނޫން ކަމަށާއި ދުނިޔޭގެ މިކަން ކޮށްފަ ހުރި ފަރާތްތަކަށް ބަލާއިރު، އެންމެ އަވަސްވެގެން ގާތްގަނޑަކަށް އަށް އަހަރާއި 10 އަހަރުގެ މުއްދަތެއް ތެޔޮ ހޯދައި ތެޔޮ ނެގުމަށް ހޭދަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތް މީގެ ދެ އަހަރުން ކުރިން ފެށިގެން ކުރަމުންދާއިރު، ރާއްޖޭގައި ތެޔޮހުރިކަން ޔަގީނާ ގާތަށް ލިބިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
އެގޮތުން ތެޔޮ ހުރިތޯ ޔަގީންކުރުމަށް ޖަރުމަނުގެ ހެމްބާގް ޔުނިވަސިޓީން ރާއްޖޭގައި މިދިޔަ އަހަރު ކުރި ދިރާސާއަކުން ތެޔޮ ހުންނަ ސަރަހައްދުތަކުން ފެންނަ ކަހަލަ މުރަކަ އާއި އެހެން އެހެން ނިޝާންތައް ރާއްޖޭގެ ކަނޑުގެ އަޑިން ފެނިފައިވާ ކަމަށް ވަނީ ދައްކާފައެވެ.
އެކަމާ ގުޅޭގޮތުން މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ތެޔޮ ހުންނަ ސަރަހައްދުގައި އުފެދޭ ކަަހަލަ ކޯލްޑް ވޯޓާ ކޮރަލްސް ރާއްޖޭން ފެނިފައިވާ ކަމަށާއި އެއީ ރާއްޖޭގައި ތެޔޮ ނުވަތަ ގޭސް ހުރި ކަމުގެ ވަރަށް ބޮޑު ނިޝާނެއް ކަމަށް ވިދާޅުވެފައެވެ.
އެ މުރަކަތައް ފެނިފައި ވަނީ މާލޭ އެނބޫދޫ ފަރާއި ތ. އަތޮޅުގެ ސަރަހައްދަކުންނެވެ.
އަދި އޭގެފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބ. އަތޮޅުގެ އިރު އުތުރާއި އިރުދެކުނުން ތެޔޮ ހުރެދާނެ ފަދަ ލޭޔަރެއް ފެނިފައިވާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބ. އަތޮޅުގެ ސަރަހައްދުތަކުގެ އަށް ތަނެއް ތޮރުފައިގެން ހެދި އެ ޖިއޮލޮޖިކަލް ދިރާސާތަކާ ހަވާލީ މިނިސްޓްރީން އޭރު ބުނީ، ސާވޭއިން ކަނޑުގެ އަޑީގައި އުފެދިފައި ހުރި ވަޅުތަކުން އަރަނީ ކޮން ބާވަތެއްގެ ގޭހެއް ކަން އަދި ސީދާ ޔަގީން ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް ކޮންމެވެސް މިންވަރަކަށް މީތޭން ގޭސް ހުރި ކަމަށް މިހާތަނަށް ބެލިބެލުމުން ހޯދިފައިވާ ކަމަށް ބުނެފައިވެއެވެ.
ސަންގުޓީވީގެ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ، ތެޔޮ ނެގުމުގެ ދެވަނަ ޕްރޮޖެކްޓް ހިންގުމަށް ކޮންޓްރެކްޓަރަކު ލިބިފައި އޮތް ނަމަވެސް، ގަސްދުގައި މަސައްކަތް ހަވާލުނުކޮށް މަޑުކޮށްލައިގެން ތިބީ ކަމަށެވެ.
ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި އަގު ހުރި ނިސްބަތުން ކޮންޓްރެކްޓަރަކަށް ހުޅުވާލައިފިނަމަ އެކަމަށް އެންމެ ރަނގަޅު ފަރާތް ނުލިބިދާނެތީ ކަމަށެވެ.
"މިހާރު ވެސް އަޅުނގަޑު އަތުގަ އެބަ އޮތް ބައެއްގެ ކޮންޓްރެކްޓެއް އޭގަ ސޮއި ނުކުރާން މަޑުކޮށްގެން މިތިބެނީ. މިހާރު ލައިސެންސަކަށް ހުޅުވާލައިފިކަމަށްވާނަމަ އަންނަ ފަރާތްތަކަކީ އެންމެ އެކަށީގެންވާ ފަރާތްތަކަށް ނުވެދާނެ. އަޅުނގަޑުމެން ބޭނުމެއް ނޫން އެންމެ އަގުހެޔޮ ފަރާތަކަށް ދޭކަށް،" ޝައިނީ ވިދާޅުވިއެވެ.
ރާއްޖެއަކީ ކުޑަ މުޖުތަމައުއެއް އޮތް ތިމާވެއްޓާއި އިގްތިސާދު ނާޒުކު ގައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ ވިސްނުންފުޅަކީ ތެޔޮ ނެގުމުގެ މަސައްކަތަށް ބޮޑު ހަރަދެއްދިޔަ ނަމަވެސް، އެންމެ އެކަށީގެންވާ ކޮލެޓީގައި އެކަން ކުރާ ބަޔަކާ ހަވާލުކުރުމެވެ.