މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭ އޮޅުހިޔާއަށް ނުގެންދެވިއްޖެނަމަ، އެ ތަން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން އެގްރިކަލްޗާ މިނިސްޓްރީއަށް އަންގަން ފެންނަ ކަމަށް ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުގެ މިއަދުގެ ރަސްމީ އާންމު ޖަލްސާއަށް މި މައްސަލަ ހުށަހަޅުއްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަހުލާ ރިޒާ ވިދާޅުވީ ބުޅަލުގެ ނަޖިސް މަގުތަކުގައި ހުރުމާއި އެ ނަޖިހުގެ ޒަރިއްޔާއިން ނުރައްކާތެރި ބަލިތައް ފެތުރޭ ކަމަށް ބުނެ ބައެއް އާންމުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެގޮތުން ބުޅަލުގެ ނަޖިހުގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށްވާ ޓޮކްސޯޕްލަސްމޯސިސް ފަދަ އެތައް ބައްޔެއް ފެތުރި، މާބަނޑު މީހުންނަށާއި އެ މީހުންގެ ބަނޑުގައިވާ ދަރިންނަށް އަސަރުކުރުން އެކަށީގެންވާކަން ޝަހުލާ ފާހަގަކުރެއްވިއެވެ.
ޝަހުލާ ވިދާޅުވީ މާލޭ ސިޓީގެ ހަތަރުވަނަ ކައުންސިލުން އޮޅުހިޔާ ފެސިލިޓީގެ މަސައްކަތްތައް ނިންމައި އެ ތަން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދަނިކޮށް އެގްރިކަލްޗާ މިނިސްޓްރީގެ ދަށަށް އެ ތަން ގެންގޮސްފައިވީ ނަމަވެސް، އޮޅުހިޔާއިން ޚިދުމަތް ދެވެމުން ނުދާ ކަމަށެވެ.
އޮޅުހިޔާ ފެސިލިޓީ ---"އަޅުގަނޑުމެންނަށް ގޯސްވެގެން މި އުޅެނީ މާލެ ސިޓީ ރައްޔިތުން ވިއްސާރަވެއްޖެނަމަ އަޅުގަނޑުމެން ރައްޔިތުން ހިނގައިފައި އުޅެންޖެހޭނީ ނަޖިސްތަކުގެ ތެރޭގައި، އަޅުގަނޑު ހަމްދަރުދީވަން މާލޭ ސިޓީގައި ގިނަވެފައި ހުރި ބުޅާތަކަށް ވެސް އިނގޭތޯ، ބަލިތައް ޖެހި ފަންގަސް އަޅައި ވަރަށް ހާލުގައި އެބަ އުޅޭ ބުޅާތައް ވެސް،" އޭނާ ވިދާޅުވިއެވެ.
މިހާރު ވެސް ކޮންމެ ދުވަހަކު ބުޅަލުގެ ނަޖިސް މާލޭގެ މަގުތަކުން ނަގައި ކައުންސިލުގެ މުވައްޒަފުން މަގުތައް ސާފުކުރަމުން ދާ ކަމަށް ވެސް ޝަހުލާ ވިދާޅުވިއެވެ.
ޝަހުލާ ވިދާޅުވީ މަގުމަތިން ބުޅާ ހުރަސްކުރަނިކޮށް ވެހިކަލްޖެހި، އެކްސިޑެންޓުވެފައިވާ ބައެއް މީހުން މިހާރު ވެސް ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ކަމަށެވެ.
ސަރުކާރަށް އޮޅުހިޔާއިން ޚިދުމަތް ނުދެވޭ ނަމަ އެ ތަން ކައުންސިލުގެ ދަށަށް ގެނައުމަށް އޭނާ ވަނީ ހުށަހަޅުއްވައިފައެވެ.
މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ގިނަ ކައުންސިލަރުން ވަނީ މައްސަލައާ އެއްކޮޅަށް ވާހަކަ ދައްކަވައިފައެވެ.
މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ އޮޅުހިޔާ ފަރުމާކުރީ މާލޭގެ ހުރިހާ ބުޅަލެއް އެ ތަނަށް ގެންގޮސް ބެލެހެއްޓޭ ގޮތަށް ކަމަށެވެ. ނަމަވެސް އެގްރިކަލްޗާ މިނިސްޓްރީގެ ފަރުވާކުޑަކަމުން ބުޅާތައް ނިއުޓާ ނުކުރެވުމުގެ ސަބަބުން މާލޭގައި ބުޅާތައް އިތުރުވެފައިވާ ކަމަށް ޢާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވާނެ މިހާރު ވެސް ހަނދާންވަނީ ދެ ސިޓީއެއް ފޮނުވައިފައި މިކަން ސަރުކާރަށް ހައްލުނުކޮށްދެވިގެން، އެއް ސިޓީގައިވާނެ މިކަން ނުވަންޏާ ހަވާލުކުރާށޭ، ނުއެއް ވޭ،" ޢާޒިމް ވިދާޅުވިއެވެ.
ހަމަ އެއާއެކު މަގުމަތީގައި އުޅޭ ބުޅާތައް ކައި ނިމުމުން އެ ބުޅާތައް ކާން އެޅި އެއްޗެހި ބުޅާތަކަށް ކާންދޭ ފަރާތްތަކުން ނަގައި އެ ތަން ސާފުކޮށް ބެހެއްޓުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ޝަހުލާ ހުށަހެޅުއްވި މައްސަލަ ފާސްވީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 16 ކައުންސިލަރުންގެ ތެރެއިން 13 ކައުންސިލަރުންގެ އަޣުލަބިއްޔަތުންނެވެ.
ފާހަގަކުރެވޭ ގޮތުގައި އެގްރިކަލްޗާ މިނިސްޓްރީއާ ގުޅިގެން އޮޅުހިޔާ ފެސިލިޓީ ހިންގާނެ ބަޔަކު ހޯދަން ތިން ފަހަރެއްގެ މަތިން އިއުލާނުކުރިއެވެ. އެންމެ ފަހުން އެ އިއުލާނުކުރީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅެވެ.
މާލޭގެ އެކި ސަރައްހައްދުތަކުގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވެއެވެ. މި މައްސަލަ ހައްލުކުރުމަށް ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ގާއިމުކޮށްފައި ވަނީ އެޗްޑީސީން މާލޭ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގައެވެ.
އެ ތަނުގެ މަސައްކަތް ނިމިފައި ވަނިކޮށް، ސިޓީ ކައުންސިލުގެ އަތުން އެ ތަން ނަގައި، މިނިސްޓްރީން އޮޅުހިޔާއާ ހަވާލުވީއެވެ.
މާލެ ސަރައްހައްދުގައި ބުޅާ އިތުރުވެ އާންމު އުދަނގުލަކަށްވުމުގެ ޝަކުވާ އާއި ބުޅަލަށް އަނިޔާކުރުމާއި މެރުމުގެ ޝަކުވާ ވެސް ބޮޑުވެފައި އޮއްވައި އޮޅުހިޔާ ފެސިލިޓީ ގާއިމް ކުރީ އެ މަައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ.