ދެކުނު އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި، މޫސުމަށް ސަމާލުވޭ

ކަނޑުގަދަ ދުވަހެއްގައި ފެރީ ދަތުރުކުރަނީ: ދެކުނުގެ އަތޮޅުތަކަށް ވަނީ ޔެލޯ އެލާޓް ނެރެފައި -- ސަން// ފައިލް ފޮޓޯ

ދެކުނު އަތޮޅުތަކަށް ވައިގަދަވެ ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.

މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސެންޓަރު (މެޓް) އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް 45 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.

ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައި ވާތީ އެމްއެންޑީއެފުންވެސް ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް ބަޔާނެއް ނެރިފަ އެވެ. އެމްއެންޑީއެފުން ބުނީ މިދުވަސްވަރު ކަނޑުމަތީގެ ހާދިސާތައް ހިނގައިގެން ކޯސްޓްގާޑަށް ގިނަ ރިޕޯޓުތައް ލިބެމުންދާ ކަމަށެވެ. އެހެންކަމުން "މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރެއްވުމަށް" އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޫދުކުޅިވަރުތައް ހިންގުން ފަސްކޮށްލުމަށާއި ފަޅުގައި އަޅާފައި ހުންނަ އުޅަނދުފަހަރު ދިޔަ ހިއްކުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މިހާރު ކުރަމުންދާ ވިއްސާރާގައި، ކުޅިވަރުތައް ރާވާ ނުހިންގެވުމާއި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ޙަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް ދަންނަވަން" އެމްއެންޑީއެފްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މިއަދަށް ލަފާކުރާ މޫސުން

  • ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ
  • ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަނޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަނޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • ވިލާ ގަނޑުގައި ގަނޑިއަކު 40 މޭލާއި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ
  • ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ
  • ދިޔަވަރު ބޮޑުވާ ގަނޑިތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް

މޫސުމަށް ސަމާލުވުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް