ޖަންގްޝަންތަކުން ލީކްވާ މައްސަލަ މިއަހަރު ނިމެންވާއިރަށް ހައްލު ކުރާނަން: އެމްޑަބްލިޔުއެސްސީ

މާލޭގެ ނަރުދަމާތަކުން މަގުތަކަށް ނަޖިސް ބޭރުވާ މައްސަލަ މިއަހަރު ނިމެންވާއިރަށް ހައްލުކުރެވޭނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ބުނެފިއެވެ.

މި ފަހަކަށް އައިސް މާލޭގެ މަގުތަކުގައި ބަހައްޓާފައިވާ ޖަންގްޝަންތަކުން ނަޖިސް ބޭރުވުމަކީ އާންމު ކަމެކެވެ. ހާއްސަކޮށް ވިއްސާރަ މޫސުމުގައި އެ މައްސަލަ އާންމުކޮށް ދިމާވެއެވެ.

އެމްޑަބްލިއުއެސްސީގެ ޓެކްނިކަލް އެންޑް ކަސްޓަމާ ސާވިސް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު ސަން އަށް ވިދާޅުވީ ނަރުދަމާގެ ނިޒާމް ޒަމާނީ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު އަޅާފައިވާ ހޮޅިތަކުގެ ބަދަލުގައި އެއަށް ވުރެ ފަލަ ހޮޅިތައް އަޅައި އިންޑަސްޓްރިއަލް ވިލެޖާއި މަސްވެރިންގެ ޕާކް ސަރަހައްދުގައި ބޮޑު ޕަންޕު ސުޓޭޝަންތަކެއް ހެދުމަށް ނިންމާފައިވާ ކަމަށް ފަޒީލް ވިދާޅުވި އެވެ.

އަޕްގުރޭޑަށް ބޭނުންވާ ތަކެއްޗަށް އޯޑަރު ކޮށްފައިވާ އިރު މިއަހަރު ނިމެންވާއިރަށް އެ މަސައްކަތް ނިމޭނެ ކަމުގެ ޔަގީންކަމަށް ފަޒީލް ވިދާޅުވި އެވެ.

"މާލޭ ޖަންގްޝަންތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭނެ ވަރަށް ކައިރި މުސްތަގުބަލެއްގައި، އަންނަ އަހަރު ޖެނުއަރީ ފެބްރުއަރީ ހިސާބަށް ދާއިރު މައްސަލަ ހައްލުވާނެ،" ފަޒީލް ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީގެ ދިރާސާތަކުން ދައްކާ ގޮތުން ޖަންގުޝަންތައް ފުރެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ގޭގޭ ދިޔަވިތަކުން އަންނަ ފެނާއި ޓެރެސްތަކުން އަންނަ ފެންތައް ޖަންގްޝަންތަކަށް ހިންދުމެވެ. އިމާރާތްތައް ހަދާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްޑަބްލިޔުއެސްސީން އެދެ އެވެ.

"އިމާރާތެއް ހަދަމުންދާ އިރު އެދިޔަދޮވިތައް ނޫނީ ޓެރަސް އަށް އެޅޭ ފެންތައް ދައުރުވާނީ، ނުވަތަ ފުލޯ ގެންގުޅޭނީ ކޮން ގޮތްތަކަކަށްތޯ އަޅުގަނޑުމެންނާ މަޝްވަރާކޮށްގެން މަގުމައްޗަށް ހިންދާލިވެއްޖެ ނަމަ ރަނގަޅުވެގެން ދާނެ،" މެނޭޖާ ފަޒީލް ވިދާޅުވި އެވެ.

މިހާރު މާލޭގައި ބޭނުންކުރާ ނަރުދަމާގެ ނިޒާމަކީ 1980 ވަނަ އަހަރު 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން އަޅާފައިވާ ނަރުދަމާއެކެވެ. ބޯހިމެނުން ދައްކާ ގޮތުން މިހާރު މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 153،904 އެވެ. އެ ނަރުދަމާގެ ނިޒާމަށް ގާތްގަނޑަކަށް 35 ވަރަކަށް އަހަރުވީ ފަހުން މިދިޔަ އަހަރުން ފެށިގެން ނޫނީ އެނިޒާމް ތަރައްގީ ކުރުމަށް އެކަށޭނަ ފިޔަވަޅެއް ނާޅަ އެވެ.

comment ކޮމެންޓް