ޞަދަގާތު ފައުންޑޭޝަނަށް ފައިސާ ހޯދަން ކެއްކުމުގެ ޝޯތަކާއެކު ފެއާއެއް ބާއްވަނީ

"ދި ސަދަޤާތު ފައުންޑޭޝަން" އަށް ފަންޑު ހޯދަން "ފުޑް ފިއެސްޓާ"ގެ ނަމުގައި ބާއްވާ ފެއާއާ ގުޅޭ މައުލޫމާތު މީޑިއާ އަށް ދިނުމަށް ބޭއްިވ ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ "ދި ސަދަޤާތު ފައުންޑޭޝަން" އަށް ފައިސާ ހޯދަން "ފުޑް ފިއެސްޓާ"ގެ ނަމުގައި ހާއްސަ ފެއާއެއް ބާއްވަން ނިންމައިފިއެވެ.

ކުރިއަށް އޮތް ހަފްތާ ބަންދުގައި ހެންވޭރު ސްޓޭޑިއަމްގައި ބާއްވަން ނިންމާފައިވާ ފެއާގެ މައުލޫމާތު މީޑިއާތަކަށް ދިނުމަށް ޖަނަވަރީ މަގުގައި ހުންނަ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ސަދަގާތު ފައުންޑޭޝަންގެ ފަރާތުން މުހައްމަދު ލައްމާން ވިދާޅުވީ، އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އެ ފެއާގައި ކުޑަކުދިންނަށާއި ޒުވާނުންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން، ފެއާ ކުރިއަށްދާ ދެ ދުވަހުގެ ވެސް ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާއިރު، ކަޕް ކޭކް ޑިޒައިން ކުރުމާއި ސޭންޑްވިޗް އަދި ސެލެޑް ހެދުމުގެ މުބާރާތްތަކެއް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އެކިކަހަލަ ކާބޯތަކެތި ގަތުމަށް ހާއްސަ މޭޒުތަކެއް ވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ޒުވާނުންނަށާއި ބޮޑެތި މީހުންނަށް ފެއާ ހާއްސަކޮށްފައިވަނީ ރޭގަނޑު 8:00 އިން 12:00 އަށެވެ. ޒުވާނުންނަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ދެ ދުވަހަށް ބަހާލައިގެން، ޒުވާނުންގެ ތެރެއިން ހޮވާލާފައިވާ ގުރޫޕަކުން ދުނިޔޭގެ މަޝްހޫރު ކައްކާ ޝޯއެއް ކަމަށްވާ "މާސްޓާ ޝެފް"އާ އެއްގޮތަށް "ފިއެސްޓާ ޝެފް" ގެ ނަމުގައި މުބާރާތެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން އާއްމުކޮށް ހުޅުވާލައިގެން ފިރިހެނުންނަށް، ރޮށި ދެމުމާއި ރޮށި ފިހުމުގެ މުބާރާތަކާއި، އަންހެނުންނަށް، މަސް ކެނޑުމުގެ މުބާރާތެއް ވެސް ކުރިއަށްދާނެ ކަމަށް ލައްމާން ވިދާޅުވިއެވެ. އެ މުބާރާތުގައި ބައިވެރި ވެވޭނީ އަންހެނަކާއި ފިރިހެނެއްގެ ޖޯޑެއް ހެދުމަށްފަހު މުބާރާތުގައި ނަން ނޯޓުކޮށްގެންނެވެ.

ލައްމާން ވިދާޅުވީ، ގަޑިއަކު އެއްފަހަރު ހާއްސަ ކޫޕަންތަކެއް ދޫކުރާނެ ކަމަށާއި އެ ކޫޕަންތަކުގެ ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް އައިޕޮޑް އަދި އައިޕެޑް ފަދަ އަގުހުރި އިނާމުތަކެއް ލިބިގެންދާނެ ކަމަށެވެ.

ފެއާގެ ބޮޑު އިނާމެއްގެ ގޮތުގައި ސައިކަލެއް ދޭގޮތަށް، ސީޝާ އިން ސްޕޮންސާ ކޮށްފައިވާ އެ ފެއާގައި ރާއްޖޭގެ މަޝްހޫރު ފާހަގަކޮށްލެވޭ ޝެފުންގެ ކެއްކުމުގެ ހުނަރު ފެނިގެންދާނެ އެވެ.

comment ކޮމެންޓް