ރާއްޖެ އިން ހައްޔަރުކުރި ރަޝިއާ ހެކަރުގެ މައްޗަށް ކުށް ސާބިތުވެއްޖެ، ޑިސެމްބަރުގައި ހުކުމް އިއްވަނީ

ރާއްޖެއިން ހައްޔަރުކުރި ރަޝިއާ ހެކަރު ރޯމަން ސެލެޒްނެވް --

އެމެރިކާގެ ސީކްރެޓް ސާވިސް އެޖެންޓުން ރާއްޖޭން 2014 ވަނަ އަހަރު ހައްޔަރު ކުރި ރަޝިޔާގެ ހެކަރު ރޯމަން ވެލެރިޗް ސެލެޒްނޭވްގެ މައްޗަށް އެމެރިކާގެ ކޯޓެއްގައި އުފުލި 40 ދައުވާއެއްގެ ތެރެއިން 38 ދައުވާ ސާބިތުވެއްޖެ އެވެ.

ރޯމަން ސެލެޒްނެވް ރާއްޖެ އިން ހައްޔަރުކުރީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައި އެތަނުންނެވެ. އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސްއިން ބުނާ ގޮތުގައި އޭނާގެ ލެޕްޓޮޕްގައި، ވަގަށް ނަގާފައިވާ 1.7 މިލިޔަނަށް ވުރެ ގިނަ ކްރެޑިޓް ކާޑު ނަމްބަރާއި މައުލޫމާތު ރައްކާ ކޮށްފައި ހުއްޓެވެ.

ސެލެޒްނެވް ވަނީ ހެކިންގް ސޮފްޓްވެއާއެއް ބޭނުންކޮށްގެން ޕީއޯއެސް ކޮމްޕިއުޓަރު ސިސްޓަމްތަކުން ކްރެޑިޓް ކާޑު ނަމްބަރުތައް ވަގަށް ނެގުމަށް ފަހު އެތަކެތި މުޖުރިމުންނަށް ވިއްކައިފަ އެވެ.

އެމެރިކާގެ ސީކްރެޓް ސާވިސްއިން އޭނާ ރާއްޖެ އިން ހައްޔަރު ކުރުމަށް ފަހު އެމެރިކާ އަށް ގެންގޮސް އޭނާގެ މައްޗަށް ޝަރީއަތް ކޮށްފައިވާ އިރު އޭނާގެ މައްޗަށް 40 ދައުވާއެއް ކުރެވުނެވެ. އޭގެ ތެރެއިން އޭނާގެ މައްޗަށް ދެ ދައުވާއެއް ފިޔަވައި އެހެން ހުރިހާ ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އޭނާ ފެށި ހެކިންގް ސުކީމުގެ ސަބަބުން 3،700 އަށް ވުރެ ގިނަ މާލީ އިދާރާއަކަށް 169 މިލިޔަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައި ވެ އެވެ.

ސެލެޒްނެވްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ނަމަވެސް އޭނާގެ މައްޗަށް ހުކުމް ކުރާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އޭނާ ރާއްޖޭގައި ހައްޔަރުކުރި ކުރުމާ ގުޅޭ ގޮތުން އޭރު ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވަނީ އެމެރިކާގެ ކޯޓެއްގައި ހެކިބަސް ދެއްވައިފަ އެވެ.

ސެލެޒްނެވްގެ މައްޗަށް ކުރި 38 ދައުވާއެއް ސާބިތުވާ ކަމަށް ނިންމި ނަމަވެސް އޭނާގެ ވަކީލުން ބުނީ އެމެރިކާއިން ރާއްޖޭގައި އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށާއި، އޭނާ "ވަގަށް ނެގި" މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ.

ރޯމަންއަކީ ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ވެލެރީ ސެލެޒްނެވްގެ ދަރިއެކެވެ. ރޯމަންގެ ވަކީލުން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރުމުގައި ސިޔާސީ ކަމެއް ވެސް އެކުލެވޭ ކަމަށާއި އޭނާއަކީ އެމެރިކާއާ ރަހުމަތްތެރި ކެނެޑާ ފަދަ ގައުމެއްގެ މީހެއް ނަމަ އޭނާގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށެވެ.

comment ކޮމެންޓް